ޝައިހް އިލްޔާސް ހުސައިން

ކާފިރަކަށް ހެޔޮ ދުއާކުރުން ހުއްދައެއް ނޫން: އިލްޔާސް

ކުފުރުގެ މަތީގައި މަރުވެފައިވާ މީހަކަށް ހެޔޮ ދުއާ ކުރުން އިސްލާމްދީނުގައި ހުއްދަ ނޫން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

ޝައިޚް އިލްޔާސް މި މޭރުމުން ޓްވީޓެއް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ގާންދީގެ ހަނދާނީ ބިނާ ހުންނަ މަގްބަރާއަށް ޒިޔާރަތް ކުރައްވާ އެތަނުގައި ދުއާ ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ވެފައިވަނިކޮށެވެ. އެ ފޮޓޯތަކަށް އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ބައެއް ދީނީ އިލްމުވެރިންވެސް އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވެއެވެ.

މި ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ވިދާޅުވީ ގައިރު މުސްލިމުން ރުއްސަން ދީނުގައި ހުއްދަ ނޫން ކަންކަން ކުރުމަށްފަހު، ތިމަންނަ ލޯބިކުރަނީ އިސްލާމް ދީނަށޭ ބުނިކަމުގައިވިޔަސް ދިވެހި ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.

"ކިތަންމެ ގާތް މީހަކަށްވިޔަސް ކުފުރުމަތީ [ކާފިރު] މަރުވެފައިވާ މީހަކަށް ހެޔޮ ދުއާ ކުރުން އިސްލާމް ދީނުގައި ހުއްދައެއް ނޫން." އިލްޔާސްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު ހުންނެވި ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ގާންދީގެ ހަނދާނީ ބިނާ ހުންނަ މަގްބަރާއަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި މަގްބަރާއަށް ޒިޔާރަތް ކުރާ މެހެމާނުންގެ ފޮތުގައި ނަޝީދު ވަނީ ގާންދީއާ ގުޅޭ ގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ލިޔުއްވައިފަ އެވެ.

ގާންދީގެ މަގުބަރާއަށް ޒިޔާރަތްކުރައްވާ ދެ އަތްމައްޗަށް ނަންގަވައިގެން ރައީސް ނަޝީދު ދުއާ ކުރަންވަން ހުންނަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. އެ ފޮޓޯގައި މަޖިލީސް މެންބަރު އަނދުން ހުސައިންވެސް އަތްމައްޗަށް ނަންގަވައިގެން ދުއާ ކުރަން ހުންނަ މަންޒަރު ފެނެއެވެ. ރައީސް ނަޝީދުގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހިމެނިވަޑައިގަންނަވައެވެ.