ބާރުތައް ވަކިކޮށް ނިޒާމު އެކުލަވާލާފައިވަނިކޮށް ރައްޔިތުންގެ މަޖިލީސް މިހާރު ވަނީ ހައްދުފަހަނައަޅާ ގޮސްފައި ކަމަށާ އެކަން ހުއްޓުވަން ޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ނެތް ބާރުތައް ނަގައިގެން މަޖިލިސް ހިންގަމުންދާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ސަރުކާރަށް އެންމެ ވަފާތެރި މެންބަރުންވެސް ގެންދަވަނީ އެހެން ވިދާޅުވަމުންނެވެ.
ޝައިހް އިލްޔާސް މިއަދު ވިދާޅުވީ ބާރުތައް ވަކިކޮށް ނިޒާމު އެކުލަވާލާ ކޮންމެ ބާރެއްގެ އިންތިކާއި މިންތައް ވަނީ ކަނޑައަޅާފައި ކަމަށެވެ. ތިން ބާރުގެ މިންތައް ކަނޑައެޅިފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން ޖިނާއީ ތަހުގީގުތައް ހިންގާ، ސަރުކާރުގެ ވުޒާތަކަށް ހިންގުމުގެ އަމުރު ކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާ އެއީ ހައްދު ފަހަނައަޅާ ދިއުމެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"ސިޔާސީ ހައްދުފަހަނައެޅުން ހުއްޓުވަން ޖެހޭ،"
ރައްޔިތުންގެ މަޖިލީހަށް ނެތް ބާރުތައް ނަގައިގެން މަޖިލިސް ހިންގަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ރައްދު ދެއްވައި، މަޖިލީހަށް ނެތް ބާރުތަކެއް ނުނަގާ ކަމަށް އެ މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަކީ "މަސް ކައްކާ ތަނެއް ނޫން" ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި މަޖިލީހަށް މަތިކޮށްފައިވާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، މިއީ ދިވެހިރާއްޖޭގެ ގާނޫނު ހަދާ ތަން، މިއީ ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާ ތަން، މިއީ ރާއްޖޭގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މި ގޭގައި ކުރާ މަސައްކަތް ބަޔާންކޮށްފައިވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރުމާއި ޝަރީއަތް ހިންގަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް މަޖިލީހަށް އަމާޒުވެފައިވެ އެވެ. އަދި ވެރިކަން ކުރުމުގެ ބާރުގައި ހިމެނޭ އެގްޒެކެޓިވް ކަންކަން ވެސް މަޖިލީހަށް ޖަމާ ކުރަމުންދާ ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ.