ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ނަން އިއްވާ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނެރެފި އެވެ.
މެންބަރު ޔައުގޫބު އަބްދުﷲގެ ނަން އިއްވެވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރެއްވުމުންނެވެ.
މަޖިލީހުގައި މިއަދު ކުރިއަށް ދިޔައީ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ގަރާރުގެ އިބްތިދާއީ ބަހުސް އެވެ.
"ކިރު ދަޅުން ބޮޑުވިވަރު އެ މީހުންނަށް (ރައްޔިތުންނަށް) އެނގޭ. ޔައުގޫބު ދާއިރާގެ ދާންދޫ ރައްޔިތުން ކަންބޮޑުވޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް އެހެން ވިދާޅުވުމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ "ދާންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޔައުގޫބް" ކަމަށް ވިދާޅުވެފަ އެވެ.
އިލްޔާސްގެ ވާހަކަފުޅާއެކު ދާންދޫ ދާއިރާގެ މެންބަރު ހިތްހަމަނުޖެހުން ފާޅުކުރައްވަން ފެއްޓެވެމުން ރައީސް ނަޝީދު ވަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިވަޑައިގެންފަ އެވެ. އަދި މެންބަރު ޔައުގޫބްގެ ނަން އިއްވެވި އެވެ.
"ދާންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޅުގަނޑު މި އިއްވަނީ އިއްޒަތްތެރި މެންބަރުގެ ނަން. އަޅުގަނޑު މި އިއްވަނީ ދާންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ނަން. މަޖިލިސް ތަޅުން ދޫކޮށް ބޭރަށް ނުކުންނެވުން އެދެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔަ ގަރާރަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ގަރާރެކެވެ.