ހަބަރު

މަސްވެރިންނަށް ދެ އެޕްލިކޭޝަނެއް ނެރެފި

މަސްވެރިންނަށް ހާއްސަކޮށް، "ކެޔޮޅު" އެޕްލިކޭޝަން އާއި "ފަހި ހަކަތަ" މޯބައިލް އެޕްލިކޭޝަން އެއް މިރޭ ނެރެފި އެވެ.

މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި އިފްތިތާހުކޮށްފައިވަނީ "ފަހި ހަކަތަ" އަދި "ކެޔޮޅު" މޯބައިލް އެޕްލިކޭޝަނެވެ. ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ މި ދެ އެޕްލިކޭޝަނަކީ މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކަށް އެކި ކަހަލަ އެހީތައް ލިބޭނެ އެޕްލިކޭޝަނެއް ކަމަށެވެ.

ކެޔޮޅު އެޕްލިކޭޝަން

ކެޔޮޅު އެޕްލިކޭޝަނަކީ މަސްވެރިންނަސް މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތު ފޮނުވުމަށް ހާއްސަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފޯމު ފުރުމާއި ވަގުތުން އެ ފޯމު މިނިސްޓްރީއަށް ފޮނުވާލުމުގެ މަގު ތަނަަވަސް ވެގެންވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފަހި ހަކަތަ އެޕްލިކޭޝަން

ފަހި ހަކަތަ އެޕްލިކޭޝަނަކީ މަސްވެރިންނަށް ޑިއުޓީގެ އިނާޔަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން، މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ އެކަން ތަންފީޒުކުރުމަށް މި އެޕްލިކޭޝަން އެހީތެރިވެދާނެއެވެ.

އަދި މަސްވެރިންނާއި ތެޔޮ ފޯރުކޮށްދޭ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސް ތެޔޮ އެޅުމަށް ބޭނުންވާ ޓޯކަން ވަގުތުން ޖަނަރޭޓް ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެެއެވެ. އެ ކަމުގެ ސަބަބުން ލައްކަ އަށް ވުރެ ގިނަ ރުފިޔާ މަސް އުޅަނދަކުން ސަލާމަތް ކުރެވޭނެ ކަމަށާއި އެ އެޕްލިކޭޝަން މެދުވެރިކޮށް މިނިސްޓްރީގެ ޕްރޮގްރާމުގައި ބައިވެރިކުރަން ބޭނުންވާ ޝަރުތު ހަމަވާ މަސްވެރި އުޅަނދުތައް ރެޖިސްޓްރީ ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.