ހަބަރު

އިންޑިއާ ކަނޑުގެ ސިޔާސަތަށް ބަސް ބުނުމުގެ ގާބިލްކަން ދިވެހިންގެ އެބަހުރި

ދިވެހިންގެ ތަޖުރިބާއަށް ބަލާއިރު ދިވެހިން މިއަދު ތިބެންޖެހޭނީ އިންޑިއާ ކަނޑުގެ މަސްވެރިިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސް ބުނެވޭ ބައެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތު ކުރިއަރަންވީ ވަރަށް ކުރިނާރާ މިހާ ދުވަހު މިއޮތީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ރަނގަޅު ސިޔާސަތެއް ކަނޑައަޅާ ތަންފީޒް ކޮށްފައި ނެތީމާ ކަމަށެވެ. އަދި ދިވެހި މަސްވެރިކަމުގެ ބާވަތާއި ތަޖުރިބާ އަށް ބަލާއިރު މިއަދު ތިބެންޖެހޭނީ ބަސްބުނެވޭ ބައެއްގެ ގޮތުގައި ކަމަށެވެ.

"މިހާރު މި ވާގޮތަކީ ބަޔަކު ކަނޑައަޅާ ސިޔާސަތުތަކެއް އަޅުގަނޑުމެން މި ޖެހެނީ ތަންފީޒް ކުރަން. މިކަން އެބަޖެހޭ ބަދަލު ކުރަން. މިކަން ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށްގެން" ރައީސް ވިދާޅުވި އެވެ.

މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އަލަށް ފަތުރުވެރިކަން ފެށުނީ ދިވެހި ކަޅުބިލަމަސް އެކްސްޕޯޓް ކުރި ދުވަސްވަރު ކަމަށާއި އެހެންނަމަވެސް ފެނުނީ ދިވެހިން ކުރަމުން އައި މަސްވެރިކަން ފަހަތަށް ޖައްސާލާފައި އިގްތިސޯދީ ގޮތުން ފަތުރުވެރިކަން ކުރި އެރި މަންޒަރު ކަމަށެވެ.

އަދި އެކަން މެދުވެރިވީ މަސްވެރިކަމުގެ ސިނާއަތުގެ ތެރެއަށް ވަނުމަށް އާއްމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުސަތުތައް ފަހިކޮށް ނުދީ ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިއުން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައި މިވަނީ އެ ސިޔާސަތުގެ ނުރަނގަޅު ނަތީޖާ އާ. ފަތުރުވެރިކަމެކޭ އެއްގޮތަށް އެދުވަހު، 70ގެ އަހަރުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ވިޔަފާރިވެރިންނަށް ދިން ނަމަ މިއަދު މި ސިނާއަތުވެސް އޮންނާނީ ފަތުރުވެރިކަމާ އެއްވަރަށް، ނުވަތަ އެއަށްވުރެވެސް ބޮޑަށް ތަރައްގީ ވެފައި"

ރައީސް ވިދާޅުވީ، އިގްތިސޯދީ ސިނާއަތްތަކުގައި އަމިއްލަ ވިޔަފާރިވެރިންނަށް އިންވެސްޓް ކުރަން ފުރުސަތު ދިނުމުގެ ފައިދާ ފެންނަ ކަމަށެވެ. އެގޮތުން، އެންސިސް ގްރޫޕުގެ ފަރާތުން ހުޅުމާލޭގައި ހުޅުވި ދަޅު މަސް ބަންދު ކުރާ ކާރުހާނާ އަކީ އެކަމުގެ ހެއްކެއް ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

މަސްވެރިންގެ އެންމެ ބޮޑު ދަތިތައް ކަމަށްވާ ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވާ ކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން، ޒަމާނުއްސުރެ އޮތް ހުރަސްތައް ނައްތާލައި މި ސިނާއަތަށް އަމިއްލަ ފަރާތްތަކުން އިންވެސްޓް ކުރުމުގެ މަގު ހުޅުވާލަދީ އެކަމުގައި އެހީވެދޭނެ ކަމަށެވެ. އަދި، ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އިތުރަށް ފާހަގަ ކުރެއްވީ، ރާއްޖޭގައި ބާނާ ހުރިހާ މަހެއް ޕްރޮސެސް ކުރަން ނުކުޅެދިފައިވާއިރު މީގެ ކުރިން މަސް ގަތުމަށް ދީފައިވާ މަދު ކުންފުނިތަކުގެ އެކްސްކްލޫސިވް ރައިޓްތައް އުވާލާ ވީހާވެސް ގިނަ ކުންފުނިތަކަށް މަސް ގަނެވޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.