ރައީސް އަބްދުﷲ ޔާމީން

ޔާމީން މިނިވަންކުރުމަށް ގޮވާލާ 10،000 ސޮއި

މަނީ ލޯންޑަކުރި ކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ތައްޔާރު ކުރަމުންދާ ޕެޓިޝަންގައި މިހާތަނަށް 10،000 މީހުން ސޮއިކޮށްފައިވާ ކަމަށް ބުނެފި އެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ މީގެ ތިން ދުވަސް ކުރިން ފެށިގެން އެ ކޯލިޝަނުން ތައްޔާރުކުރަން ފެށި ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

މާލޭގައި ޕީޕީއެމްގެ އޮފީހުގައި އެ މަސައްކަތް ކުރަމުންދާއިރު އަތޮޅުތެރޭގެ ރަށްރަށުގައިވެސް އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަނެއް ތައްްޔާރުކުރަން ފެށީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން އިއްވާފައިވާ ހުކުމަކަށް ވާތީ ކަމަށެވެ. އަދި އެ ހުކުމާ މެދު ދިވެހި ރައްޔިތުންނާއި ބޭރު ދުނިޔޭގެ ކަންބޮޑުވުންވެސް އޮތުން ކަމަށެވެ.

"މިހާރުވެސް މި ޕެޓިޝަންގައި 10،000 ވުރެ ގިނަ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ސޮއިކޮށްފި. އަދިވެސް މި މަސައްކަތް ފޯރިއާއެކީ ދަނީ ކުރިއަށް. ޕާޓީގެ [ޕީޕީއެމް] އޮފީހުގައިވެސް އެކަމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި. ޕާޓީގެ އޮފީހަށް ވަޑައިގެން ސޮއިކޮށްލީމަ ނިމުނީ." މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ޕެޓިޝަންގައި ސޮއިކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ. އެގޮތުން ޕެޓިޝަން ބޭނުންވާ ރަށްތަކަށް ޕެޓިޝަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"މި ޕެޓިޝަންގެ މަސައްކަތް ނިމިގެންދާއިރު އަޅުގަނޑުމެން މި ގަބޫލުކުރަނީ ރައީސް ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާ އަދި އެމަނިކުފާނުގެ މައްޗަށް ނުހައްގުން އިއްވާފައިވާ ޖަލު ހުކުމާމެދު ހިތްހަމަނުޖެހޭ ވީހާވެސް ގިނަ ބަޔަކު ސޮއިކުރުން. އަޅުގަނޑުމެންގެ އުންމީދަކީ މި ފެށޭ ހަނދު މަހުގެ ތެރޭގައި މި ޕެޓިޝަން ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން."

މުންދު ވިދާޅުވީ މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކަށްވެސް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އިންސާފުން ބޭރުން ކަމަށާ އެ ހުކުމާމެދު ބައިނަލްއަގްވާމީ މުޖްތަމައުގެ ކަންބޮޑުވުން އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ރައޫސް ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގައި އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ކުމް ކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގަ އެވެ.

އެ ހުކުމުގައި ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ފެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހިމަނާފައި ވެއެވެ.