ޗައިނާއަކީ ހުރިހާ ގޮތަކުން ވެސް ވާދަވެރި ގައުމެކެވެ. އެއީ އިގްތިސޯދީ ގޮތުން ކަމަށް ވިޔަސް އަދި ހަތިޔާރުގެ ގޮތުން ކަމަށް ވިޔަސް ނޫނީ ޖައްވީ ކަންކަމުގެ ގޮތުން ކަމުގައި ވިޔަސް އެވެ. ޗައިނާ ބޮޑަށް މަޝްހޫރު ވެފައިވަނީ އެމެރިކާއާ ހުރިހާ ގޮތަކުން ވާދަކުރާ ގައުމެއްގެ ގޮތުގަ އެވެ. ޗައިނާގެ ފަހުގެ އުފެއްދުންތަކަކީ ހީވެސް ނުކުރާ ކަހަލަ ސިފަސިފައަށް އުފައްދާފައިތާ ތަކެއްޗެވެ.
މިފަހަރުވެސް ޗައިނާއިން މިވަނީ އެމެރިކާއަށް ގޮންޖަހާފަ އެވެ. ނާސާގައި ބޭނުން ކުރަމުންދާ ނުވަތަ ދުނިޔޭގެ އެންމެ ބޮޑު ރޭޑިއޯ ޓެލެސްކޯޕަށްވުރެ ބޮޑު ރޭޑިއޯ ޓެލެސްކޯޕެއް ޗައިނާގެ ޖައްވީ އިދާރާއިން މިވަނީ އުފައްދާފަ އެވެ. އޭތި ޓެސްޓުކުރުމުގެ އެންމެ ފަހު މަރުހަލާ މިހާރު ފަށައިފަ އެވެ.
ޗައިނާއިން މައުލޫމާތު ދޭ ގޮތުގައި އެސްޓްރޮއިޑާއި ތަރިތަށް ދައުރުވާ ގޮތް ދެނެގަންނަ މި ޓެލެސްކޯޕުގެ ބޮޑު މިނަކީ 500 މީޓަރެވެ. ޓެލެސްކޯޕް ނިންމާލެވުނީ ތިން އަހަރު ދުވަހުގެ މަސައްކަތުންނެވެ. މި ސެޓްލައިޓް އިންސްޓޯލް ކޮށްފައިވަނީ ޗައިނާގެ ގުއިޒޫގަ އެވެ. ޗައިނާގެ ޖައްވީ އިދާރާއިން ބުނާ ގޮތުގައި ޓެލެސްކޯޕް އުފެއްދުމުގެ މަސައްކަތް ވަނީ 2016 ވަނަ އަހަރު ނިމިފަ އެވެ. އަދި 2017 އާއި 2018 ވަނަ އަހަރު ވަނީ ޓެސްޓުތަކެއް ކޮށްފަ އެވެ. މި ޑިސެމްބަރު މަހު ކުރާ ޓެސްޓަކީ ޓެލެސްކޯޕުގެ ފަހު ޓެސްޓެވެ. އެއަށްފަހު އަންނަ އަހަރުގެ މެދު ތެރޭގައި ޓެލެސްކޯޕް ރަސްމީކޮށް ބޭނުން ކުރަން ފަށާނެ އެވެ.
ޗައިނާގެ، ޗައިނާ ސެންޓްރަލް ޓެލެވިޝަން (ސީސީޓީވީ)އިން ރިޕޯޓު ކުރި ގޮތުގައި މި ޓެލެސްކޯޕުގެ ނަމަކީ "ފައިވް ހަންޑްރެޑް މީޓާ އަޕާޓުއާ ސްޕީޝިއަލް ޓެލެސްކޯޕް" ކުރުކޮށް ނަމަ ފާސްޓް އެވެ. ޓެލެސްކޯޕް ޓެސްޓުކުރުމުގެ ތެރޭގައި ވަނީ 99 ނެއުޓްރޯން ތަރި ފެނިފަ އެވެ. މިއީ ރިކޯޑް އަދަދެކެވެ. މީގެ އިތުރުން ޖައްވުގެ ތެރެއިން ދަތުރު ކުރަމުންދިޔަ 30 ވައްތަރެއްގެ ޕުލްސާސް ވަނީ ފެނިފަ އެވެ.
ޓެލެސްކޯޕް މެދުވެރިކޮށް ޖައްވުން ދިރުމެއް ހޯދުމުގެ މަސައްކަތް ވެސް ޗައިނާގެ ޖައްވީ އިދާރާގެ ސައިންސްވެރިން ކުރާނެ އެވެ. ސައިންސްވެރިން ބުނާ ގޮތުންނަމަ މި ޓެލެސްކޯޕަށް ޖައްވުގައި ދައުރުވާ ހުރިހާ އެއްޗެއްގެ މައުލޫމާތު ދެނެގަނެވޭނެ އެވެ. އެކަން ވަނީ ޓެސްޓުތަކުން އެގިފައި ކަމަށް ވެސް އެ ސައިންސްވެރިން ވަނީ ބުނެފަ އެވެ.
މި ޓެލެސްކޯޕުގެ ކަންތައް ބެލެހެއްޓުމަށާއި ޓެލެސްކޯޕު މެދުވެރިކޮށް ކުރިއަށް ގެންދާ މިޝަންތަކުގައި ބައިވެރިވާނެ ހާއްސަ ޓީމެއް މިހާރު ޖައްވީ އިދާރާއިން ވަނީ އެކުލަވާލާފަ އެވެ. އަދި އެމީހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ޓީމުގައި ހިމެނެނީ 100 ސައިންސްވެރިންނެވެ.