ލައިފްސްޓައިލް

10 އަހަރަށް ފަހު ސުޝްމިތާ އަނެއްކާވެސް ފިލްމީ މަސައްކަތަށް

މިސް. ޔުނިވާސްގެ ފަޚުރުވެރި ތާޖު ހާސިލު ކޮށްފައިވާ އިންޑިއާގެ ރީތީގެ ރާނީ ސުޝްމިތާ ސެން 10 އަހަރު ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރުމަށްފަހު އަލުން ފިލްމު ކުޅެން ތައްޔާރުވެއްޖެ އެވެ.

އޭނާ އެންމެ ފަހުން ކުޅެފައިވަނީ 2010 ގައި ނުކުތް ޑައިރެކްޓަރު އަނީސް ބަޒްމީގެ "ނޯ ޕްރޮބްލަމް" އެވެ. މި ފިލްމުގެ ބަތަލުންނަކީ އަނިލް ކަޕޫރާއި ސަންޖޭ ދަތެވެ.

ފިލްމީ ދުނިޔެއަށް އެނބުރި އަންނަން ނިންމި ސަބަބު ހާމަކުރަމުން ސޯޝަލް މީޑިއާގައި ސުޝްމިތާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަކީ އަބަދުވެސް ކެތްތެރިކަމަށް ލޯބިކުރާ މީހެއް ކަމަށާއި އޭނާގެ ފޭނުން ވެސް ކެތްތެރިކަމާއެކު 10 އަހަރު އޭނާއަށް އިންތިޒާރުކުރީތީ އުފާކުރާ ކަމަށެވެ. އެހެންވެ އޭނާ ދެ ވަނަ ފަހަރަށް ފިލްމު ކުޅެން ފަށަން ނިންމީ ފޭނުން ދިން ލޯތްބާއި އޭނާއަށް ކުރި އިތުބާރާއި އިންތިޒާރަށް އިހުތިރާމްކުރުމަށާއި ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ރަޖީވް މަސަންދް އަށް ދާދިފަހުން ދިން އިންޓަވިއު އެއްގައި ވެސް ސުޝްމިތާ ވަނީ އަލުން ފިލްމު ކުޅެން ގަސްތުކުރި ސަބަބު ތަފްސީލުކޮށް ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ދުވަސްގަނޑަކަށް ފިލްމު ކުޅުމާ ދުރުގައި ހުރީ އަމިއްލައަށް އެ ގޮތް ބޭނުންވެގެންނެވެ. އެ ދުވަސްތަކުގައި އޭނާގެ ދެ އަންހެންދަރިންނާއެކު ގިނަ ވަގުތުތަކެއް ހޭދަކުރަން ލިބުނުކަން ސުޝްމިތާ ފާހަގަ ކުރި އެވެ. ރީނީ އާއި އަލީސާ އަކީ ސުޝްމިތާ އެޑޮޕްޓްކޮށްގެން މަންމަ ކިޔުއްވައިގެން ގެންގުޅޭ ދެ ކުދިންނެވެ.

އެންމެ ޒުވާން ދުވަސްވަރަކީ ފިލްމު ކުޅެން އެންމެ ރަނގަޅު ދުވަސްވަރު ކަމަށާއި އެ ދުވަސްވަރު ބޭކާރު ކޮށް ނުލުމަށް އޭނާއަށް ވަރަށް ގިނަ މީހުން ނަސޭހަތްތެރިވި ކަމަށް ސުޝްމިތާ ބުންޏެވެ.

ސުޝްމިތާ ބުނި ގޮތުގައި ކުދިން ކުޑައިރު އެ ކުދިންނާއެކު ވަގުތު ހޭދަކުރުން އޭނާއަށް ފިލްމު ކުޅުމަށްވުރެ މުހިއްމުވީ އެވެ. އެހެންވެ އޭނާގެ ނިންމުމާމެދު ކުޑަކޮށް ވެސް އޭނާ ހިތާމައެއް ނުކުރެ އެވެ.

ސުޝްމިތާ ބުނި ގޮތުގައި އޭނާއަށް މުހިއްމުވީ ކުދިން އެންމެ ތުއްތުއިރު އެކުދިން ފުރަތަމަ ފިޔަވަޅު އެޅި ވަގުތު ނުވަތަ ކުދިން ފުރަތަމަ ބަހެއް ކީ ވަގުތު އެކަންޏެއް ނޫނެވެ. އެކުދިން ބޮޑެތިވަމުން އައިއިރު އެކުދިންގެ ޝަޚްސިއްޔަތު ތަރައްގީވަމުން އައި ގޮތް ވެސް އޭނާ ވަރަށް ރަނގަޅަށް ބަލާ ތަޖުރިބާކުރަން ބޭނުންވީ އެވެ.

"އަހަރެން ކުދިން ސްޕޮންސާ ކުރީކީ ނޫން. އެކުދިންގެ މަންމައަށް ވީ،" ސުޝްމިތާ ބުންޏެވެ.