ލައިފްސްޓައިލް

ކަރަން ޖޯހަރްގެ ނެޓްފްލިކްސް ވެބް ސީރީޒްގައި މާދުރީ ޑިކްޝިޓް

މާދުރީ ޑިކްޝިޓްގެ ރީތިކަމާއި ނެށުމަށާއި އެކްޓިން އަށް މޮޅުކަމުން ވަރަށް ގިނަ ބަޔެއްގެ ހިތް އޭނާއަށް ވަނީ ދެވިފަ އެވެ. ގާތްގަނޑަކަށް 30 އަހަރެއްހާ ދުވަހުގެ ދިގު މުއްދަތެއްގައި މާދުރީ ވަނީ ބޮޑު ސްކްރީންގައި އޭނާގެ ޖާދޫގައި ބެލުންތެރިން ޖައްސާފަ އެވެ. މިހާރު މާދުރީ ތައްޔާރުވަމުން ދަނީ ޑިޖިޓަލް ވޯލްޑްގައި ބެލުންތެރިންގެ ހިތްތައް އަތުލުމަށެވެ.

މާދުރީގެ ވެބް ސީރީޒް އެއްގެ ވާހަކަ އިންޑިއާގެ ނޫސްތަކުން ދައްކާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ނެޓްފްލިކްސް އިންޑިއާއިން މިދިޔަ ހޯމަ ދުވަހު ޓުވީޓެއް ކުރުމާ ހަމަޔަށް ވެސް މާދުރީ ވެބް ސީރީޒް އެއްގައި ބައިވެރިވާނެކަމުގެ ޔަގީންކަމެއް އެއްވެސް މީހަކަށް ނެތެވެ. ނަމަވެސް ނެޓްފްލިކްސްގެ ޓުވީޓްގައި ބުނެފައިވާ ގޮތުގައި މި ވެބް ސީރީޒް އަކީ މާދުރީ އާއި ކަރަން ޖޯހަރް ގުޅިގެން ތައްޔާރުކުރާ ޕްރޮޖެކްޓެކެވެ.

މި ޓުވީޓަށް ފަހު ހިންދުސްތާން ޓައިމްސް އަށް މާދުރީ ދީފައިވާ އިންޓަވިއު އެއްގައި މި ވެބް ސީރީޒް އާ ބެހޭ ތަފްސީލު ދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި މި ސީރީޒްއަކީ ވަރަށް ސަސްޕެންސް އެކުލެވޭ ފެމެލީ ޑްރާމާ އެއް ކަމަށެވެ. މި ސީރީޒްގައި ދައްކަނީ ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލޭ ގްލޯބަލް ސުޕަސްޓާރަކަށް ދިމާވާ ކަންތައްތަކެކެވެ.

އެ ސްޕަސްޓާރުގެ ދިރިއުޅުން ހަލާކުވެ ފޮރުވިފައިވާ ވަރަށް ގިނަ ސިއްރުތަކެއް ސީރީޒްގައި ހާމަވާނެ ކަމަށާއި ވަރަށް ވޭންދެނިވި ދޮގުތައް ވެސް ފަޅާ އަރައި ވަރަށް ހިތާމަވެރި އަދި ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހޭނެކަމަށް ވެސް ސީރީޒްގެ ވާޙަކައިގެ ތަފްސީލު ދެމުން މާދުރީ ބުންޏެވެ.

ނެޓްފްލިކްސް ސިލްސިލާއަކުން ޑިޖިޓަލް ދުނިޔެއަށް ތައާރަފްވުމުން ކުރެވޭ އިހްސާސްތައް ކިޔައިދެމުން މާދުރީ ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވީހާވެސް ގިނަ ބަޔަކަށް ފެންނަ ކަހަލަ ޕްލެޓްފޯމެއްގައި ޕާފޯމްކުރަން އޭނާ އަބަދުވެސް ބޭނުންވާ ކަމަށާއި މި ސަބަބާ ހުރެ މި ސީރީޒް ކުޅެން ލިބުމުން ވަރަށް އުފާވެ ހިތްހަމަޖެހިފައިވާ ކަމަށެވެ.

މި ޝޯ ލިޔެ ޑައިރެކްޓްކުރަނީ ޝްރީ ރާއޯ އެވެ. މިއީ އިނގިލިކުރީގައި ދައިގަނެގެން އިންނަން ޖެހޭ ކަހަލަ ހާދިސާތަކެއް ދައްކުވައިދޭ ވަރަށް މޮޅު އެހާމެ ރީތި ސީރީޒްއެއް ކަމަށާއި ޝޫޓިން ފެށޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ކަމަށް ވެސް މާދުރީ ބުންޏެވެ.

މިއީ ކަރަން ޖޯހަރް އާއި ނެޓްފްލިކްސް ގުޅިގެން އުފައްދަން ހަމަޖެހިފައިވާ ސީރީޒްތަކުގެ ތެރެއިން ސީރީޒް އެކެވެ.