ސިޓީ ކައުންސިލުން، މަސްވެރިންގެ ޕާކު ސަރަހައްދުގައި ހެދި ތަނަކީ، ކްރޫޒްލައިނާއިން ފައިބާ ޓޫރިސްޓުނަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ކްރޫޒްލައިނާ ގެންނަ ބައެއް ކުންފުނިތަކުން ބުނެފި އެވެ.
ރާއްޖެއަށް ކްރޫޒްލައިނާ ގެންނަ މަޝްހޫރު ކުންފުންޏެއްގެ އިސްވެރިއަކު މިއަދު ވިދާޅުވީ ސިޓީ ކައުންސިލުން ހަދާފައިވަނީ ފާހާނާ ބަރިއެއް ކަމަށާއި، އެއީ ޓޫރިސްޓުން މަޑުކޮށްލަން ހެދި ތަނެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވީ ވެއިޓިން އޭރިއާއެއް، ކިހިނެއް ތޯ ކްރޫޒްލައިނާއަކުން ފައިބާ 2،000 ނޫނީ 3،000 މީހުން މިތަނަށް ވަންނާނީ؟، މިއީ ބޮޑު ޖޯކެއް!،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
އެހެން ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި މި ތަަނަށް ޓޫރިސްޓުން ގެންގޮސްފިނަމަ، ރާއްޖެ ބަދުނާމުވުން ނޫން ކަމެއް ނުވާނެ އެވެ.
"ތިޔަ ތަނުގައި އެބަހުރި ޖަގްޝަން ފާހާނާ ހޮޅިއެއް، ދެން މި ތަނުގައި ތިބޭއިރު ކިހާ މީރުވަހެއް ދުވާނެ ތޯ؟ އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގެ މިކަން ކުރި ސަބަބެއް، މިތަން ހެދި ބޭނުމެއް ވެސް ނޭނގެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރޫޒްލައިނާއިން އަންނަނީ ރިޓަޔާވެފައި ތިބި މުސްކުޅިން ކަމަށާއި، އެހެންވެ ބޮޑު ސިޑިއެއް ބަހައްޓައި މައްޗަށް އަރާ ގޮތަށް ހެދުމުން އެ ތަނުގެ ބޭނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ އެެއްވެސް މަޝްވަރާއެއް ނެތް މި ކަމުގައި، މިއީ ކްރޫޒްލައިނާ ގެންނަ ކުންފުނިތަކާ އެއްވެސް ގުޅުމެއް ހުރި ތަނެއް ނޫން،" އިތުރަށް ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ހެދި މި ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއް ފާހާނާ އާއި އަންހެނުންނާއި ފިރިހެނުނަށް ވަކިން ޖުމްލަ އަށް ފާހާނާ ހުރެ އެވެ.
ސިޓީ ކައުންސިލުން ހެދި ފާހާނާ ބަރި ހުރިގޮތުން، ކުންފުނިތައް ރަތަށް އަރާފައިވާއިރު، ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ ވިދާޅުވީ މިތަން ހެދުމުގެ ކުރިން ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދާފައިވާނެ ކަމަށެވެ.
"ކްރޫޒްލައިން ގެންނަ ފަރާތްތަކާ ވެސް މަޝްވަރާ ކުރިން، ބައެއް ޓުއާ އޮޕަރޭޓަރުންނާ ވެސް ވާހަކަ ދެކެވިފައިވާނެ،" ޝިފާ ވިދާޅުވި އެވެ.