ވިޔަފާރި

ބުދަ ދުވަހު މާލޭ ބަނދަރަށް ބޮޑު ކްރޫޒް ޝިޕެއް

ރާއްޖެ މިހާތަނަށް އަންނަ އެންމެ ބޮޑު އެއް ކްރޫޒް ލައިނާ ކަމަށްވާ "އެމްއެސްސީ މެގްނިފިސިކާ" (ފޮޓޯގައި) ބުދަ ދުވަހު ރާއްޖެ އައިސް މާލެ އަށް ބަނދަރު ކުރާނެ އެވެ.

ރާއްޖެ އަށް ސުޕަ ޔޮޓާއި ކްރޫޒްލައިން އަދި ހައި ޕްރޮފައިލް މީހުން ގެންނަ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) ގެ އޮފިޝަލަކު ވިދާޅުވީ މި ކްރޫޒްލައިނާ، އަންނަ ބުދަ ދުވަހު ރާއްޖެ އައިސް މާލޭގެ ބަނދަރުގައި ދެ ދުވަހަށް މަޑު ކުރާނެ ކަމަށެވެ.

"މިއީ މިހާތަނަށް ރާއްޖެ އަންނަ އެންމެ ބޮޑު އެއް އުޅަނދަށް ވާނެ. މިއިން އަންނަ މީހުން ވެސް ރިސޯޓުތަކާއި ކައިރި ރަށްރަށް ބަލައިލަން ދާނެ. މި އުޅަނދުގެ ސަބަބުން ރާއްޖޭގެ އިކޮނޮމީއަށް ބޮޑު ފައިދާއެއް ކުރާނެ. މި ފަދަ ބިޔަ އުޅަނދު ތަކުން އަންނަ މީހުން މާލެ އިން ވިޔަފާރި ކުރޭ. ޓެކްސީގެ ހިދުމަތް ހޯދާ. އެހެންވީމަ މިއީ ރާއްޖޭގެ އިކޮނޮމީ އަށް ވަންނަ ފައިސާ،" އޭނާ ވިދާޅުވި އެވެ.

ބުދަ ދުވަހު ބަނދަރުކުރާ، އެމްއެސްސީ މެގްނިފިސިކާއަކީ ދިގު މިނުގައި 964 ފޫޓު އަދި ފުޅާ މިނުގައި 106 ފޫޓު ހުންނަ އުޅަނދެކެވެ. މި އުޅަނދުގައި 1200 އަށް ވުރެ ގިނަ ކްރޫއިން މަސައްކަތް ކުރާއިރު މި އުޅަނދުގައި އާއްމު ގޮތެއްގައި 2500 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. ގާތްގަނޑަކަށް 1,259 ކޮޓަރި ހުންނަ މި އުޅަނދު ފުލް އޮކިއުޕެންސީގައި އޮންނައިރު 3500 މީހުން މީގައި ތިބޭނެ އެވެ. ގަޑިއަކު 43 ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރު ކުރާ މި ބިޔަ އުޅަނދުގައި ބޮޑެތި ސިނަމާތަކާއި ސުވިމިން ޕޫލާއި ތަފާތު އެކި ކެއުންތައް ލިބޭ ރެސްޓޯރެންތައް ހުރެ އެވެ.

އެމްއެސްސީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒް ޝިޕް އޮޕަރޭޓް ކުރާ އެއް ކުންފުންޏެވެ. މި ކުންފުނިން ދުއްވާ މެރްވިގްލިއާއަކީ ދުނިޔޭގެ އެންމެ ބިޔަ އެއް ކްރޫޒް ޝިޕް އެވެ. އެ އުޅަނދުގައި 19 ބުރި ހުރެ އެވެ. އަދި ދިގު މިނުގައި 1000 ފޫޓު ހުރެ އެވެ. ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު އެއް ކްރޫޒް ލައިނާއަކީ ސިންފަނީ އޮފް ދި ސީ އެވެ. މި އުޅަނދުގެ ދިގު މިނުގައި 1,188 ފޫޓު ހުރެ އެވެ.

ރާއްޖެ އަންނަ ކްރޫޒް ލައިންތަކުން އާއްމު ގޮތެއްގައި 2000 އެއްހާ މީހުން މާލެ ފައިބަ އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް އިން ބުނެފައިވާ ގޮތުގައި މި އަހަރު ރާއްޖެއަށް 50 ކްރޫޒްލައިން އަންނާނެ އެވެ. ރާއްޖެއަށް އަންނަ ކްރޫޒްލައިނާ އުޅަނދު ފަހަރުން ފައިބާ މީހުންނަށް ހާއްސަކޮށް ހިދުމަތް ދެވޭ ގޮތަށް މަސްވެރިންގެ ޕާކު ސަރަހައްދުގައި ވަސީލަތްތަކެއް ގާއިމް ކުރަން ވަނީ މަސައްކަތް ފަށާފަ އެވެ. އަދި މާލެއަށް އަންނަ ކްރޫޒްލައިންތަކަށް މާލެއާ ކައިރީގައި ބަނދަރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ.