ވިޔަފާރި

މިހާތަނަށް ރާއްޖެއައި އެންމެ ބޮޑު ކްރޫޒް ޝިޕް ދައްކާލައިފި

މެގްނިފިސިކާ އިން: މުހައްމަދު އަފްރާހު
Apr 10, 2019
5

ރާއްޖެ އަށް މިހާތަނަށް ބަނދަރު ކުރި އެންމެ ބޮޑު އެއް ކްރޫޒްލައިނާ ކަމަށްވާ "އެމްއެސްސީ މެގްނިފިކާ" ދައްކާލައިފި އެވެ.

ކެރީބިއަންގެ ގައުމު ތަކުން އެއް ފަހަރާ 3000 އަށް ވުރެ ގިނަ ޓޫރިސްޓުން ގޮވައިގެން ރާއްޖެ އަށް މިހާރު ބަނދަރުކޮށްފައިވާ އެމްއެސްސީ މެކްނީފިކާ އަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިއަދު ވަޑައިގެންފަ އެވެ. އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ދިން ހާއްސަ ފުރުސަތެއްގައި މިނިސްޓަރާއެކު އަވަސް އިން ވެސް މިއަދު ވަނީ މި ހިތްގައިމު ކްރޫޒްލައިނާ އަށް ގޮސްފަ އެވެ.

ރާއްޖެ އަށް މިހާތަނަށް ބަނދަރު ކުރި އެންމެ ބޮޑު އެއް ކްރޫޒްޝިޕްގެ ގޮތުގައި ހިމެނޭ މި ބޯޓަށް މިނިސްޓަރު ވަޑައިގަތުމުން މި ކްރޫޒްލައިނާގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔައި ހާއްސަ މެހުމާނުދާރީއެއް ވެސް ދީފަ އެވެ.

އެމްއެސްސީ މެކްނީފިކާ ރާއްޖެއަށް އައުން ފާހަގަ ކުރުމުގެ ގޮތުން ދެ ފަރާތުން ވަނީ ހަނދާނީ ހަދިޔާ ބަދަލުކޮށްފަ އެވެ. މިއީ 59 އަހަރުވީ އެމްއެސީ ކްރޫޒް ކުންފުނީގެ ސަގާފަތެއްގެ ގޮތުން ކުރާ ކަމެކެވެ. އެ ކުންފުނީ ހާއްސަ އުޅަނދެއް ބަނދަރުކުރާ ކޮންމެ ގައުމަކުން ހަނދާނީ ހަދިޔާ ބަދަލު ކުރުން އޮވެ އެވެ. މިގޮތަށް ހަނދާނީ ހަދިޔާގެ ގޮތުގައި އެކި ގައުމުތަކުން ދީފައި ހުންނަ ތަކެތި ފެންނާނެހެން ބަހައްޓަން ހާއްސަ ގެލެރީއެއް ވެސް މި އުޅަނދުގައި ހުރެ އެވެ.

މި ދަތުރުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެމްއެސްސީ ކުންފުންޏަށް ހާއްސަ ހަނދާނީ ހަދިޔާއެއް ދީފަ އެވެ. ހަނދާނީ ހަދިޔާއާ ކްރޫޒް ޝިޕްގެ ފަރާތުން ހަވާލުވީ އެ އުޅަނދުގެ އެއް ކެޕަޓަން ކަމަށްވާ މާސްޓަރު މާކޯ މަސްއާ އެވެ. އަދި ރާއްޖެ އިން މި ހަދިޔާ ހަވާލު ކޮށްދިނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. އަދި މާޔާ އާއި ޓޫރިސްޓު ފުލުހުންގެ ފަރާތުން ވެސް ވަނީ ހަނދާނީ ހަދިޔާއެއް މި ކްރޫޒްލައިނާއަށް ހަވާލުކޮށްފަ އެވެ.

އެމްއެސްސީ މެގްނިފިސިކާ ގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތަށް ކުރިއަށްގެންދަން ހާއްސަކޮށް ހަދާފައިވާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ބޯޓުގައި އެ ވަގުތު ތިބި ގިނަ އަދަދެއްގެ ފަސިންޖަރުން ވެސް ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއަކީ މުސްލިމް ގައުމެއް ކަމަށާ، ދިވެހިންގެ ފަހުރަކީ ރާއްޖޭގެ އިގްތިސޯދުގެ 70 ޕަސެންޓް ހިއްސާ ކުރާ ޓޫރިޒަމް ކަމަށެވެ.

"މި އުޅަނދު [ކްރޫޒްލައިނާ] އިން މިއަދު ރާއްޖެ އަށް އައި ހުރިހާ މީހުންނަށް ދިވެހިންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަން. ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ބޭނުންވާ މީހަކަށް ރިސޯޓުތަކާއި ސަފާރީ އަދި ގެސްޓްހައުސްތައް އެބަހުރި. އުންމީދު ކުރަނީ މިއީ ތިޔަ ބޭފުޅުން ރާއްޖެ އަށް ގިނަ އިން އައުން. ދިވެހިން އަބަދު ވެސް މަރުހަބާ ކިޔާނެ،" އަލީ ވިދާޅުވި އެވެ.

އެމްއެސްސީ މެކްނީފިކާއަކީ ދިގު މިނުގައި 964 ފޫޓު އަދި ފުޅާ މިނުގައި 106 ފޫޓު ހުންނަ އުޅަނދެކެވެ. މި އުޅަނދުގައި 1200 އަށް ވުރެ ގިނަ ކްރޫ އިން މަސައްކަތް ކުރާއިރު މި އުޅަނދުގައި އާއްމު ގޮތެއްގައި 2500 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. ގާތްގަނޑަކަށް 1,259 ކޮޓަރި ހުންނަ މި އުޅަނދު ފުލް އޮކިއުޕެންސީގައި އޮންނައިރު 3500 މީހުން މީގައި ތިބޭނެ އެވެ. ގަޑިއަކު 43 ކިލޯ މީޓަރުގެ ބާރު މިނުގައި ދަތުރު ކުރާ މި ބިޔަ އުޅަނދުގައި ބޮޑެތި ސިނަމާތަކާއި ސުވިމިން ޕޫލާއި ތަފާތު އެކި ކެއުންތައް ލިބޭ ރެސްޓޯރެންތައް ހުރެ އެވެ.