ލައިފްސްޓައިލް

ދީޕިކާގެ "ޗަޕާކް" ޓްރެއިލާގައި ލަކްޝްމީ ބައިވެރިއެއް ނުވޭ

ދިޕިކާ ޕަދުކޯންގެ އާ ފިލްމު "ޗަޕާކް"ގެ ޓްރެއިލާ އަންގާރަ ދުވަހުގެ ރޭ ލޯންޗުކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ޓްރެއިލާ މޮޅުކަމުން ހައިރާންވެއްޖެ ކަމަށް ބުނެފަ އެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެސިޑް ހަމަލައަކުން މޫނުގެ ސިފަ މުޅިން ހުތުރުވެފައިވާ ލަކްޝްމީ އަގަރްވާލްގެ ހަގީގީ ހަޔާތުގެ ވާހަކަ އެވެ.

ޓްރެއިލާ ލޯންޗުކުރި އިވެންޓްގައި ދީޕިކާގެ އިތުރުން ފިލްމުގެ ބަތަލު ވިކްރާތު މެސީ ވެސް ބައިވެރިވި އެވެ. ނަމަވެސް އެ މީހެއްގެ ހަޔާތުގެ މައްޗަށް އެ ފިލްމެއް ބިނާކުރި ހިތްވަރުގަދަ އަންހެނާ ލަކްޝްމީ މި އިވެންޓުގައި ބައިވެރިނުވުން ވެގެން ދިޔައީ އިވެންޓަށް ލިބުނު ވަރަށް ބޮޑު ފަޅު ކަމަކަށެވެ. އަދި އިވެންޓުގައި ބައިވެރިވި ގިނަ ބަޔަކު ވެސް ހައިރާންކަމާއެކު މި ސުވާލު ކުރި އެވެ.
ނަމަވެސް ލަކްޝްމީ މި އިވެންޓުގައި ބައިވެރިވީ ފިލްމު އުފެއްދި ފަރާތާ އޭނާއާ ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ފިލްމުގެ ޕްރޮޑިއުސަރުން ބޭނުންވަނީ ލަކްޝްމީ ބައިވެރިކޮށްގެން ވަރަށް ޚާއްސަ އެހެން އިވެންޓެއް ބާއްވާށެވެ. މި އިވެންޓް އޮންނާނީ ދިއްލީގަ އެވެ. ފިލްމުގެ ޒަރިއްޔާއިން އެސިޑް ހަމަލައިގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރި ކުރުވުމަކީ ވެސް މި ފިލްމުގެ އުފެއްދުމުގެ އެއް މަގްސަދެވެ.

ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު އިންޑިޔާގެ ނިއުސް އެޖެންސީއަކަށް ލަކްޝްމީ ދިން އިންޓަވިއު އެއްގައި ބުނީ އޭނާގެ ހަޔާތާ ގުޅޭ ފިލްމެއް އުފެއްދީތީ އިންތިހާއަށް އުފާވެފައިވާ ކަމަށެވެ. މިހާ ނާޒުކު މައުލޫއެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިން ކަމަށްޓަކައި ވަރަށް އުފަކުރާ ކަމަށް ވެސް ލަކްޝްމީ ބުންޏެވެ.

ލަކްޝްމީ ބުނި ގޮތުގައި ފިލްމު އުފެއްދުމުގެ މަރުހަލާގައި އޭނާ އަމަލީ ގޮތުން ބައިވެރިވެ ވަރަށް ގިނަ ވަގުތު ފިލްމަށް ވަނީ ދީފަ އެވެ. އެގޮތުން މެގްނާ ވަނީ ވަރަށް ގިނަ ވަގުތު އޭނާއާ އެކު ހޭދަކޮށްފައި ކަމަށާއި އޭނާގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް މެގްނާ އަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެހެންކަމުން އޭނާގެ ހަޔާތުގައި ހިނގައި ދިޔަ ކަންތައްތައް ވަރަށް ފުރިހަމައަށް ފިލްމުގައި ގެނެސްދޭނެކަމާ މެދު ޔަގީންކަން އޮތް ކަމަށް ވެސް ލަކްޝްމީ ބުންޏެވެ.

މި ފިލްމުން މުޖުތަމައަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ލަކްޝްމީ ބުނީ ވަކި އިޝޫއަކަށް މަޝްހޫރު ފަންނާނުން ކުރާ މަސައްކަތަށް މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި ދިޕިކާ ކުޅެފައިވާ ރޯލަށް ވެސް ބޮޑު ސަމާލުކަމެއް ލިބޭނެކަމަށް ޔަގީންކުރާ ކަމަށެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ "ޗަޕާކް" ރިލީޒްކުރާނީ އަންނަ ޖެނުއަރީ 10 ވަނަ ދުވަހު އެވެ.