ލައިފްސްޓައިލް

ޓުވިޓާގައި އެންމެ މަގްބޫލީ އަމީތާބާއި ސޮނާކްޝީ

މި އަހަރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ބޮލީވުޑަށް ފާއިތުވަމުންމިދާ އަހަރަކީ ވަރަށް ގިނަ ގޮތް ގޮތުން ފާހަގަކޮށްލެވޭ އަހަރެކެވެ. މި އަހަރަކީ ހިންދީ ފިލްމުތަކަށް އެންމެ ރަނގަޅު ފައިދާއެއް ލިބުނު އެއް އަހަރެވެ. މީގެ އިތުރުން ބޮލީވުޑްގައި މަސައްކަތްކުރާ ފަންނާނުންގެ މަޝްހޫރުކަން ވެސް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެގޮތުން ޓުވިޓާގައި އެންމެ ގިނަބަޔެއްގެ މަގްބޫލުކަން ހޯދި ފަންނާނުންގެ ލިސްޓެއް މިހާރު ޓުވިޓާ އިންޑިއާ އިން ވަނީ ހާމަ ކޮށްފަ އެވެ. މި ލިސްޓު ތައްޔާރުކޮށްފައިވަނީ އެންމެ ގިނަ ލައިކްސް އާއި ރިޓުވީޓް އަދި އެ ފަންނާނަކާ ބެހޭ ގޮތުން އެންމެ ގިނައިން ބަހުސް ކުރެވުނު ފަންނާނުންގެ މައްޗަށެވެ.

ޓުވިޓާގެ މި ލިސްޓުގައި އެކްޓަރުންގެ ތެރެއިން އެންމެ ކުރީގައި އޮތީ އަމީތާބު ބައްޗަން އެވެ. ބަތަލާއިންގެ ތެރެއިން ސޮނާކްޝީ ސިންހާ އެވެ.

އަމީތާބަށް ފަހު ބަތަލުންގެ ލިސްޓުގެ ދެ ވަނައިގައި އޮތީ އަކްޝޭ ކުމާރެވެ. ސަލްމާން ޚާނާއި ޝާހްރުކް ޚާނަށް ތިން ވަނަ އާއި ހަތަރު ވަނަ ލިބިފައިވާއިރު ފަސް ވަނައިގައި އޮތީ ތަލަޕަތީ ވިޖޭ އެވެ. ތަލަޕަތީ ވިޖޭ އަކީ ތަމަޅަ އެކްޓަރެކެވެ. އަދި ލަވަކިޔުންތެރިއެކެވެ. ހަ ވަނައިގައި އޭ.އާރް ރަހްމާން އޮތް އިރު ރަންވީރު ސިންގް އާއި އަޖޭ ދޭވްގަން އުޅެނީ ހަތް ވަނަ އާއި އަށް ވަނައިގަ އެވެ. ނުވަ ވަނައިގައި ތެލުގޫ އެކްޓަރު މަހޭޝް ބާބޫ އޮތް އިރު 10 ވަނައިގައި އޮތީ ސައުތު އިންޑިއާގެ ފިލްމުތައް އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ އަޓްލީ އެވެ.

ބަތަލާއިންގެ ލިސްޓުގެ އެއްވަނައިގައި ސޮނާކްޝީ ދެ ވަނައިގައި އަނުޝްކާ ޝަރުމާ އަދި ތިން ވަނައިގައި ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އޮތް އިރު ހަތަރު ވަނައިގައި އޮތީ ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ އަރްޗަނާ ކަލްޕަތީ އެވެ. ފަސް ވަނައިގައި ޕްރިޔަންކާ ޗޯޕްރާ އަދި ހަވަނައިގައި އާލިއާ ބަޓެވެ. ހަތް ވަނަ ކާޖަލް އަގަރްވާލް، އަށްވަނަ ސަނީ ލިއޯނީ، ނުވަ ވަނަ މާދުރީ ޑިކްޝިޓް އަދި 10 ވަނަ ރަކުލް ޕްރީތު ސިންގް އަށް ލިބިފައި ވެއެވެ.

މި ލިސްޓުގެ އެއްވަނަ އަމީތާބު އަށް ލިބުނީ އަމީތާބުގެ ސިއްހަތާ ގުޅޭ ގޮތުންނާއި އޭނާ މިހާރު ކުޅެމުންދާ ފިލްމުތަކާ ބެހޭ ގޮތުން ޓުވިޓާގައި ވަރަށް ގިނަ ޚަބަރުތައް ޝެއާ ކުރެވި ބަހުސް ކުރެވިފައިވާތީ ކަމަށް ބެލެވެ އެވެ. އަނެއްކޮޅުން ސޮނާކްޝީ އަކީ އަބަދުވެސް ގިނަ ބަޔެއްގެ މަލާމާތް ރައްދުވާ ބަތަލާ އަކަށް ވާތީ އޭނާއަށް މަލާމާތްކުރުމުގެ ގޮތުން ވަރަށް ގިނަ ފަހަރަށް ދިގު ބަހުސްތައް ޓުވިޓާގައި ހިނގަ އެވެ. އެގޮތުން އޭނާ އަމީތާބުގެ "ކޯން ބަނޭގާ ކަރޯރުޕަތީ"ގެ މިއަހަރުގެ ސީޒަންގައި ބައިވެރިވެ ކުރި ސުވާލަކަށް ޖަވާބުދޭން ނޭނގުމުން ވެސް ގިނަ ބަޔަކު ވަރަށް މަލާމަތްކޮށް ޓުވީޓްތައް ކުރިކަން ފާހަގަ ކޮށްލެވެ އެވެ. އަދި މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ "ދަބަންގް 3" ޕްރޮމޯޓްކުރުމުގެ ގޮތުން ސޮނާކްޝީ ދެއްކި ވާހަކަތަކަކަށް ވެސް މީހުން އޭނާއާ ވަރަށް ދިމާކޮށްލައިގެން އުޅެފައި ވެއެވެ.

ޓުވިޓާއިން މަގްބޫލުކަން ބަލާފައިވަނީ ކޮންމެހެން އެންމެ ގިނަ މީހުންނަށް އެންމެ ގަޔާވާ ފަންނާނަކަށް ނޫނެވެ. އެންމެ ގިނަ ބަޔަކު މުނިފޫހިފިލުވި ފަންނާނުންނަށެވެ.