ލައިފްސްޓައިލް

ފޭސްބުކްގެ އެހީގައި ގެއްލުނު އާއިލާ ހޯދައިދީފި

އެކި ހާދިސާތައް މެދުވެރިވެގެން ގެއްލިފައިވާ މީހުންނަށް އެމީހުންގެ އާއިލާތަކާ ބައްދަލުވުމުގެ ފުރުސަތު ކޮންމެވެސް ގޮތަކުން ލިބެމުން ދެއެވެ. ހީނުކުރާ ކަހަލަ ގޮތްގޮތަށް ވެސް މިފަދަ މީހުން ހޯދުމުގައި އެމީހުންގެ އާއިލާތައް ކާމިޔާބު ކޮށްފައި އެބަހުއްޓެވެ. މިޒަމާނަކީ އިންޓަނެޓުގެ ޒަމާނަށް ވާތީ އިންޓަނެޓުގެ ޒަރިއްޔާއިން ބައެއް މީހުންނަށް އެމީހުންގެ އާއިލާތަކާ ބައްދަލުވެފައި ވެއެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝްއިން މީގެ 12 އަހަރު ކުރިން ގެއްލުނު އަންހެންކުއްޖަކަށް އޭނާގެ އާއިލާ ހޯދުމުގައި ވެސް އިންޓަނެޓުގެ އެހީތެރިކަން ވަނީ ލިބިފަ އެވެ. މި އަންހެންކުއްޖާއަށް އޭނާގެ އާއިލާ ހޯދުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާ ހައުސް މެއިޑެއްގެ ގޮތުގައި މަސައްކަތްކުރި ގޭގެ ވެރިމީހާ ވަމްސީ ކްރިޝްނާ އެވެ.

ވަމްސީ ވަނީ 18 އަހަރު ނުފުރޭ މި އަންހެންކުއްޖާގެ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ ކުދިން ހޯދައި އެ އާއިލާ އާ ކުއްޖާ ބައްދަލު ކުރުވާފަ އެވެ.

ބަވާނީ ނަމަކަށް ކިޔާ މި އަންހެންކުއްޖާ ވަމްސީގެ ގެއަށް އައީ އެގޭގެ ނޯކަރެއްގެ ގޮތުގަ އެވެ. ވަމްސީ އަކީ ވެކެންސީ ވޯލް ކިޔާ ކޮންސަލްޓަންސީ އެޖެންސީއެއް ހިންގާ މީހެކެވެ. އެހެންވެ ގޭގައި ގެންގުޅޭނެ މީހަކު ހޯދައި ގެޔަށް ވެއްދުމުގެ ކުރިން އެ މީހެއްގެ ހުރިހާ މައުލޫމާތެއް އޭނާ ވަރަށް ރަނގަޅަށް ސާފު ކުރެ އެވެ.

އެގޮތުން އަންހެންކުއްޖާ އަށް އިންޓަވިއު ކުރިއިރު އެ ކުއްޖާ ވަނީ އޭނާ އަށް މާޒީގައި ދިމާވި ކަންތައްތައް ވަމްސީ އަށް ކިޔައިދީފަ އެވެ. ބަވާނީ އަށް އެންމެ ހަތަރު އަހަރުގައި އޭނާ ގެންދިޔައީ އޭނާގެ ދޮންމަންމަ ޖާޔާ އެވެ. ދޮންމަންމަ ބަވާނީ ގޮވައިގެން ގޮސް އުޅެފައިވަނީ އޭނާގެ އަމިއްލަ ގެ ހުންނަ އަވަށާ ވަރަށް ދުރުގައި އޮތް އަވަށެއްގަ އެވެ. މިއަދާ ޖެހެންދެން ވެސް ބަވާނީ ގެންގުޅެފައިވަނީ އޭނާގެ ދޮންމަންމަ އެވެ. ބަވާނީ ކައިރީގައި އޭނާގެ ދޮންމަންމަ ބުނެފައިވަނީ އޭނާ އަކީ މަގުމަތިން ހޮވި ކުއްޖެއް ކަމަށެވެ.

ބަވާނީގެ ވާހަކަ އަޑުއަހާފައި އޭނާގެ އާއިލާ ހޯދުމުގެ މަސައްކަތް ވަމްސީ އިސްނަގައިގެން ފެށީ އެވެ.

"އަހަރެން އެ ކުއްޖާގެ ޑޮކިއުމަންޓްތައް ޗެކްކުރަން ވެގެން ޑޮކިއުމަންޓްތައް ކޮބައިތޯ އެހުމުން އޭނާގެ އަތުގައި އެއްވެސް ޑޮކިއުމެންޓެއް ނެތްކަމަށް އެ ކުއްޖާ ބުނި. އޭނާއަކީ ކުޑައިރު އާއިލާއަށް ގެއްލިފައި ވަނިކޮށް އެޑޮޕްޓްކޮށްފައިވާ ކުއްޖެއް ކަމަށް އެ ކުއްޖާ ބުނި. އަހަރެން ބުނިން އޭނަ ބޭނުންހޭ އޭނާގެ އާއިލާ ހޯދައި އެމީހުންނާ ގުޅުން ބަދަހިކުރަން. އެ ކުއްޖާ އާނއެކޭ ބުނީމަ އަހަރެން މަސައްކަތް ފެށީ،" ވަމްސީ ބުންޏެވެ.

އަންހެންކުއްޖާގެ ހަނދާނުގައި ހުރި ވާހަކަތައް ނޯޓްކޮށްގެން އެ ކުއްޖާގެ އާއިލާ ހޯދަން ފޭސްބުކްގެ ޒަރިއްޔާއިން އެ ކުއްޖާގެ އާއިލާ ހޯދުމުގެ މަސައްކަތް ވަމްސީ ފެށި އެވެ.

"އަހަރެން ވަރަށް ގިނަ މީހުންނަށް މެސެޖް ކުރަނިކޮށް އެތަނުން އެކަކު އަހަރެންގެ މެސެޖަށް ޖަވާބުދިން. އޭނާގެ މައުލޫމާތު އަހަރެން ޗެކްކުރިއިރު އަންހެންކުއްޖާ ކިޔައިދިން ވާހަކަތަކާ އޭނާގެ ވާހަކަތަކާ ވަރަށް ގުޅުން ހުރި. ދެން އޭނާ ވީޑިއޯ ކޯލް އަކަށް އެދުނު. ފަހުން އެ އާއިލާއަށް އަންހެންކުއްޖާގެ މައުލޫމާތު ދިނުމުން އެއީ އެ އާއިލާގެ ކުއްޖެއްކަން ޔަގީންވި،" ވަމްސީ ބުންޏެވެ.

އާއިލާގެ މީހުން ހޯދިއްޖެކަމަށް ބަވާނީ ގާތު ވަމްސީ ބުނުމުން އޭނާ ވަރަށް އުފާވި އެވެ. ބަވާނީ ހީކޮށްގެން ހުރީ އާއިލާއަށް އޭނާ ގެއްލުނީ ނަސީބުގައި އެކަން އެގޮތަށް ވާންހުރީމަ ކަމަށެވެ.