ރޮހިންޔާ މުސްލިމުންދާ ދެކޮޅަށް ހަނގުރާމަވެރި ކުށުގެ އަމަލު ހިންގި ކަމަށް ބުނެ މިޔަންމާގެ ސްޓޭޓް ކައުންސިލާ އަންސަން ސޫކީގެ މައްޗަށް އަމިއްލަ ފަރާތަކުން އުފުލާފައިވާ ހަނގުރާމަވެރި ކުށް ހިންގި ކަމުގެ ދައުވާގެ އަޑު އެހުމުގައި އޭނާ އިންކާރު ކުރައްވައިފި އެވެ. މި މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީޖޭ)ގަ އެވެ.
ކޯޓުގައި ވާހަކަ ދައްކަވަމުން ސޫކީ ވިދާޅުވީ، ހުށަހަޅާފައިވާ މައްސަލަ ފުރިހަމަ ނުވާ ކަމަށާއި، އަދި އެއީ ގޯސް ތުހުމަތުތަކެއް ކަމަށެވެ. އަދި ވިދާޅުވީ އޭނާ މަގާމަށް އައްޔަން ވުމުގެ ކުރިން ވެސް މިޔަންމާގެ މުސްލިމުންގެ ހާލަތަކީ އެއީ ކަމަށާއި އެކަން ހުއްޓުވުމަށް ފަރުދީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން ކާމިޔާބެއް ލިބިފައިނުވާ ކަމަށް ވެސް ސޫކީ ވިދާޅުވި އެވެ.
މިޔަންމާގެ ފަގީރު ހިސާބެއް ކަމަށްވާ ރޮހިންޔާގަައި ދިރިއުޅެމުން އަންނަ މުސްލިމުންނާ ދެކޮޅަށް ސޫކީގެ އެއްބާރުލުމާއެކު އެގައުމުގެ އަސްކަރިއްޔާއިން ދިން އަނިޔާތަކުގެ ސަބަބުން ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި 600،00 ވުރެ ގިނަ މީހުން ވަނީ އަނިޔާއިން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ.
ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފަ އެވެ.
މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާއިން ހިންގި މި އަމަލުތައް ގިނަ ގައުމުތަކުން ސިފަކޮށްފައިވަނީ ނަސްލެއް ނައްތާލުމުގެ އަމަލެއްގެ ގޮތުގަ އެވެ. މުސްލިމުންނަށް ދެކޮޅަށް ދެމުން ގެންދިޔަ ހަމަލާތައް ނުހުއްޓުވާތީ ސޫކީއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ. ހާއްސަކޮށް ސޫކީ އަކީ ނޮބެލް ސުލްހައިގެ އިނާމު ހާސިލް ކޮށްފައިވާ ފަރާތަކަށްވުމުން އެ އިނާމު އަނބުރާ ގެންދިޔުމަށް ވެސް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ.
މިއީ ނޮބެލް އިނާމު ހާސިލް ކުރެއްވި ފަރާތަކާއި މެދު ހަނގުރާމަވެރި ކުށެއް ހިންގި ކަމުގެ ދައުވާ ކޮށްދިނުމަށް އެދުނު ފުރަތަމަ ފަހަރެވެ. އާޖެންޓީނާގެ އިތުރުން ދެކުނު އެމެރިކާ ބައްރުގެ ގިނަ ގައުމުތަކުން ވަނީ ސޫކީގެ މައްޗަށް ހަނގުރާމަވެރި ކުށެއް ހިންގި ކަމުގެ ދައުވާ އުފުލައިދިނުމަށް އެދިފަ އެވެ. މީގެ ތެރޭގައި އެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.
ނެދަލޭންޑަށް ސޫކީ ވަޑައިގަތުމާއެކު އޭނާއާ ދެކޮޅޮށް ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. މައްސަލައިގެ އަޑު އެހެން ދިޔަ ވަގުތުވެސް ކޯޓު ކައިރީގައި ދިޔައީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާގައި ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ ބައިވެރިވެފަ އެވެ.