ހަބަރު

ރޭގެ ޑްރަގު އޮޕަރޭޝަންގައި ދެ މީހަކު ހައްޔަރުކުރި

Dec 12, 2019

ކޯޓު އަމުރެއްގެ ދަށުން މާފަންނުގައި ހުރި ގެއެއް ބަލާ ފާސްކުރުމަށްފަހު ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ރޭ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހެއްކަމަށް ފުލުހުން ބުންޏެވެ.

މި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި 33 ދަޅާއި، 22 ފުޅި ބަނގުރަލާއި އިތުރު އަށް ކޭސް ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުންނެވެ.