ހަބަރު

ބްލޫ ޕްރޮސްޕެރިޓީއާ އޮތް ގުޅުން ބަދަހިކުރަން ރާއްޖެއިން މަސައްކަތް ކުރަނީ

މިއަހަރު އދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގައި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ކަންތައްތައް ކުރިޔަށް ގެންދިޔުމަށް ކަންކުރަންވީ އެންމެ ރަނގަޅު އުސޫލުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ސަރުކާރާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު މަސަައްކަތުގެ ބައްދަލުވުމެއް މިއަދު ރައީސް އޮފީހުގައި ބާއްވައިފި އެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަނުގެ މައިގަނޑު މަގުސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ގައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުތައް ރައްކާތެރި ކުރުމެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ރާއްޖެއިން ހެދި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ދެމެހެއްޓެނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި އަދި ރައްކާތެރިކޮށްކަން ކަށަވަރުކޮށްގެންނެވެ.

މި މަސައްކަތު ބައްދަލުވުން މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުން ތަކުގައި، ކަމާގުޅޭ ދާއިރާގެ ހިއްސާދާރުންގެ ހިޔާލު ހިއްސާކުރުމަށް އެފަރާތްތަކަށް ވަނީ ދައުވަތުދެއްވާފަ އެވެ. ކަނޑުތަކާބެހޭ ދިރާސާތައްކުރުމަށާއި، ކަނޑުފަޅުގެ ބައެއް ސަރަހައްދުތައް ރައްކާތެރިކުރުމަށާއި، މެރިޓައިމް ސްޕޭޝާލް ޕްލޭނެއް އެކުލަވާލަން މިއަދުގެ ބައްދަލުވުމުގެ ތެރެއިން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ، ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، އަދި އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޮތޯރިޓީގެ އިސް ބޭފުޅުންގެ އިތުރުން ވެއިޓް އިންސްޓިޓިއުޓާއި ޕާޓްނާޝިޕް އޯގަނައިޒޭޝަން އަދި ސްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޮލޮޖީއާއި ޕްރިސްޓިން ސީސްގެ އިތުރުން ނެކްޓަންގެ އިސް ބޭފުޅުންނެވެ.