ދުނިޔެ

އިންޑިއާގެ ރަށްވެހިކަމުގެ ބިލަށް މަތި ގޭގެ ރުހުން

Dec 12, 2019
1

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތި ގެއިން އިއްޔެ ރުހުން ދީފި އެވެ.

ރަށްވެހިކަމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައި މިވަނީ 64 އަހަރު ފަހުންނެވެ. ގާނޫނުގައި ވާގޮތުން ގަވާއިދާ ހިލާފަށް އިންޑިއާއަށް އެތެރެވާ މީހުންނަށް ރަށްވެހިކަމެއް ނުލިބޭނެ އެވެ. އަދި ބޭރު މީހަކަށް އެގައުމުގެ ރަށްވެހިކަމަށް އެދެވޭނީ އިންޑިއާގައި ދިރިއުޅޭތާ ނުވަތަ ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރާތާ މަދުވެގެން 11 އަހަރުވުމުންނެވެ.

ނަމަވެސް މިހާރު ޕާލިމެންޓުންވަނީ އެމާއްދާތަކަށް އިސްލާހު ގެންނަން ފާސްކޮށްފަ އެވެ. އަދި އެގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން އެމީހުންނަކީ ޕާކިސްތާން، އަފްޣާނިސްތާން ނުވަތަ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންކަން ސާބިތު ކުރެވިއްޖެ ނަމަ، އެމީހުން އިންޑިއާގައި ދިރިއުޅޭތާ ނުވަތަ މަސައްކަތް ކުރާތާ ހަ އަހަރު ފަހުން ރަށްވެހިކަމަށް އެދެން ފުރުސަތު ލިބޭނެ އެވެ.

އެ ބިލު ދިފާއު ކުރާ މީހުން ވަނީ އިންޑިއާއިން އެގޮތަށް ރަށްވެހިކަން ދެނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި، އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން ފުރައްސާރަ އާއި އަނިޔާއާ ކުރިމަތިލާން ޖެހޭ މީހުންނަށް ކަމަށް ބުނެފަ އެވެ.

ނަމަވެސް އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތުކުރާ އަދި އެގައުމުގައި ހަމަހަމަކަމާއެކު އަމަލު ކުރުމަށް އަންގާފައިވާ ގާނޫނުއަސާސީއާވެސް ފުށުއަރާ އިސްލާހެއް ކަމަށް ބުނެފަ އެވެ.

މި ބިލަށް މަތިގެއިން ރުހުން ދިނުމާއެކު އިންޑިއާގެ އައްސާމުގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ބިލަށް އިސްލާހު ގެންނަން ހުށަހެޅިއިރު އައްސާމުގައި ދިރިއުޅޭ 1.9 މިލިއަން މީހުންގެ މައުލޫމާތު ހިމާނާފައެއްނުވެ އެވެ. އައްސާމަކީ އަވައްޓެރި ގައުމުތަކުން ގަވާއިދާ ހިލާފަށް އިންޑިއާއަށް ވަންނަ ގިނަ މީހުން ދިރިއުޅޭ ސަރަހައްދެވެ. ބިލް ހިމަނާފައި ވަނީ 24 މާޗް 1971 ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ. އެތާރީހަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ އަދަދެއްގެ ރެފިއުޖީން އިންޑިއާއަށް ދާން ފެށި ތާރީހެވެ.\

މި އިސްލާހު މަޖިލީހުން ފާސްކޮށްފިނަމަ، އައްސާމްގެ ރަށްވެހިންގެ ލިސްޓުން އުނިކޮށްފައިވާ ޕާކިސްތާން، އަފްޣާނިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ އެވެ.