ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(10 ޑިސެމްބަރ 2019)

ސާއިރާއަށް ސާފުކޮށް ހޭޒަލްގެ މޫނުގައިވި ހިތްދަތިކަން ފެނުނު ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ސުވާލެއް ނުކުރިއެވެ. ހޭޒަލް އިސް އުފުލާލި ހިނދު ދޮރުމަތީ ހުއްޓުނު ރިޒްވާނު ފެނުމާއެކު އޭނާ އިސްޖަހާލައިފިއެވެ. ސާއިރާއާ އާތިޝް ބަދަލުކޮށްލީ ކަންބޮޑުވުމުގެ ބަލާލުމެކެވެ.

ސާއިރާއާއި ރިޒްވާނަށް އާތިޝް ގުޅީ ކޮންއިރަކުކަމެއް ހޭޒަލްއަކަށް ނޭނގެއެވެ. އިތުރު ހާސްކަމެއް އޭނާއަށް ލިބިއްޖެއެވެ. އޭނާއާއި ލިއަމް ވަކިވާން އުޅޭއިރު، އެކަމާ މަންމަ ސުވާލު ކުރާނޭކަން ހޭޒަލްއަށް އެނގެއެވެ. ކައިވެންޏެއް ކޮށްގެން ހުރި ދަރިއަކު ކުއްލިއަކަށް ވަރިވާން އުޅުމުން ސުވާލު ނުކުރާނޭ މަޔެއް ނުހުންނާނެއެވެ. ނަމަވެސް އެ ސަބަބު ހާމަކުރާނަމަ ދައްކަން އޮތީ މަންމައެއްގެ ގާތުގައި ދައްކަން ކެރޭ ވަރަށްވުރެ ލަދުވެތި ހުތުރު ވާހަކަތަކެކެވެ. ލިއަމް ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް ހޭޒަލްގެ ހިތުގައި އޭނާގެ މައްޗަށް އޮތީ ތެދުވެރި ލޯތްބެވެ. އެ ފިރިމީހާއަށް ބޭވަފާތެރިވުމުގެ ޚިޔާލު ފަޅި ސިކުންތަކަށް ވެސް އޭނާގެ ސިކުނޑިއަށް ނާދެއެވެ. އުންމީދުކުރަމުން އައީ މަރުވެދާނީ ވެސް ލިއަމްގެ އަނތްބެއްގެ ގޮތުގައި އިނދެއެވެ. އޭނާގެ ނަފްސުގެ ވެރި ރައްބަށް ދުޢާއަށް ދެއަތް އުފުލާ ކޮންމެ ވަގުތަކު އޭނާ ތަކުރާރުކޮށް އެދޭ ކަމަކަށް އޮންނަނީ މިވަގުތީ ގޮވެއްޗާ ހޭޒަލް ވަކިވި ނަމަވެސް އޭނާގެ ފިރިމީހާއަށް އޭނާއަށް ރައްދުކޮށްދެއްވުމަށެވެ. ދެދުނީގެ ބައިވެރިޔަކީ ލިއަމްއަށް ވުމެވެ. ފަރުދާގެ ފުރަގަހުގައިވި ލިއަމްގެ އަނދިރި ހަޔާތް ކަޝްފުވީ ހިނދު ހޭޒަލްގެ ހުރިހާ އުންމީދެއް ފުނޑުފުނޑުވެއްޖެއެވެ. ހަށިގަނޑުން ބައެއް އުނިވެގެން ދިޔަހެން ހީވިއިރު ކުއްލިއަކަށް ލިބުނު ހިތްދަތިކަން ތަޙައްމުލުކުރާނޭ ގޮތެއް ނޭނގެއެވެ. ސިކުނޑިއާއި ހިތަށް ލިބެމުންދިޔަ ވޭން ކުޑަކުރުމަށް މީހަކާ އެއްވެސް ކަމެއް ޚިއްޞާ ކުރުމުގެ ހިތްވަރެއް ނެތެވެ. ވެވުނު ތެދުވެރި ލޯބީގައި ފިރިމީހާ އެންމެންގެ ކުރިމަތީ ބަދުނާމު ކުރާކަށް ވެސް ހޭޒަލްއަކަށް ނުކެރުނެވެ. ވަރީގެ ކަންތައްތައް އަވަސްކުރީ އެނބުރި ލިއަމްގެ ގާތަށް ގޮސްފިނަމަ ހޭޒަލް ދުނިޔޭން ވެސް މޮޔަވެދާނޭ ހީވެގެންނެވެ. އޭނާގެ ގައިގާ ލިއަމްގެ އިނގިލި ކުރި ވެސް ޖެހޭކަށް ހޭޒަލް ނޭދެއެވެ. ލިއަމްގެ ނުބައި ޢަމަލުތަކުގެ ޚަބަރު ލިބި ލޮލަށް ފެނުމުން ދުވަހަކުވެސް ކަމަކާ ފަކުރުނުގަންނަ ވަރަށް ހޭޒަލް ވަނީ ފަކުރުގަނެފައެވެ.

އަނގައިން ބުނުމެއްނެތި ހޭޒަލް ތެދުވިއެވެ. އޭނާ ބަދިގެއިން ނުކުމެގެން ދިޔަ މަންޒަރު ބަލަން ސާއިރާއާއި އާތިޝްގެ އިތުރުން ރިޒްވާން ހުއްޓެވެ. ސާއިރާގެ ނަޒަރު އަނެއްކާ ވެސް ހުއްޓުނީ އާތިޝް އަށެވެ. ހޭޒަލް އެއްވެސް ވާހަކައެއް ދައްކައިފިތޯ ސާއިރާ އަހާލީ ނިކަން މަޑުމަޑުންނެވެ. އާތިޝްގެ އަތުގައި އޮތް ތަވާ ކައުންޓަރު މަތީ ބަހައްޓަމުން އޭނާ ދެފަރާތަށް ބޯހޫރާލިއެވެ.

"އައި ޑޯންޓް ތިންކް ޝީޒް އޯކޭ" ކަންބޮޑުވެފައި ހުރެ އާތިޝް ބުނެލިއެވެ.

"ލިއަމް ކީކޭ ބުނަނީ" ރިޒްވާނު އެއްސެވެ.

"މަންމާ... ކޮއްކޮ ރަނގަޅަށް ނުނިދާ، ބިރުން އުޅެނީ... ޑިވޯސް ނުވަނީސް އޭނާ ލިއަމް ގެންގޮސްފާނެތީހެން ހީވޭ އުޅެނީ، ދެއާޒް ސަމްތިންގް އެލްސް... އިޓްސް ވިއާޑް..." އާތިޝްއަށް ޝައްކުވެފައި އޮތް ކަމެއް ހާމަކުރަން އޭނާ ޖެހިލުންވިއެވެ. ސާއިރާގެ ނުހަނު ގާތުގައި އާތިޝް އައިސް މަޑުކޮށްލިއެވެ. ދަރިފުޅުގެ ފުށުން ފާޅުވޭވޭ ހުރި ޖެހިލުންވުން ސާއިރާ ދެނެގަތެވެ.

"ލިއަމް... އޭނާއަށް އެނގޭނެ މިގެން ވެގެން އުޅޭގޮތެއް، އެ ދެމެދުގައި ދެބަސްވުމެއް ހިނގީ ކަންނޭނގެ، ލިއަމްއާ ވާހަކަދައްކަންވީނު، ކުއްލިއަކަށް ވަރިއާ ހަމައަށްދާންވީ ކީއްވެތޯ ބަލަންވާނެއެއްނު" ސާއިރާ ވެސް ހާސްވެފައި ހުރިވަރުން ވިސްނަންވީ ގޮތެއް ނޭނގުނެވެ. ލިއަމްއާއި ހޭޒަލް ވަކިވުމަކަށް ސާއިރާގެ ހިތެއް ނޭދެއެވެ.

"އަޅުގަނޑަކަށް ނުފެނޭ ލިއަމްއާ ވާހަކަދައްކާކަށް" އާތިޝް ބުނެލިއެވެ.

"އެއީ ތެދެއް... އަހަންނަކަށް ވެސް ނުފެނޭ... ޒެލްއަކީ ވަރަށް ވިސްނޭ ކުއްޖެއް، ސާއިރާ!... އައި ނޯ ޔޫ އާ ވޮރީޑް، ގޯ ޓޯކް ޓު ހާ... އޭނާ އެކަކާ ވާހަކަނުދެއްކިޔަސް ސާއިރާއަށް ކިޔާދޭނެ، ޝީ ނީޑްސް ޔޫ، އޭނާގެ ވާހަކަތައް އަޑުއަހަން އަހަރެމެންނޫނީ ކޮންބައެއްތިބީ" ރިޒްވާން ބުންޏެވެ. ސާއިރާއަށް ވެފައި ހުރި ގޮތެއް ރިޒްވާނަށް އެނގޭ ކަހަލައެވެ. ހޭޒަލްގެ ފުށުން އިވިދާނޭ އެއްޗަކާ މެދު ސާއިރާ ކަންބޮޑުވަނީކަން ރިޒްވާން ދެނަހުއްޓެވެ.

"އައި ތިންކް ޝީ ވޯޒް ރޭޕްޑް... ނޮޓް ޝުއާ..." އާތިޝް އަނގައިން ބަސްތައް ނުކުތީ ސިއްރެއް ފަދައިން ވަރަށް ފަނޑުކޮށެވެ. އެހެންނަމަވެސް އެއިން ކޮންމެ ލަފުޒެކޭ އެތަނުގައި ގޮއްވާލި ބާރުގަދަ ބޮމެކޭ އެއްވަރުވިއެވެ. ތިންމީހުންނަށް ވަކިވަކިން ނަޒަރު ހިންގާލެވުނެވެ. ސާއިރާ އެކިއެކި ސުވާލު ކުރަން ފެށުމުން ހޭޒަލް އުޅުނު ގޮތުގެ ވާހަކަތައް އާތިޝް ކިޔާދިނެވެ. ބޭއިޚްތިޔާރުގައި ސާއިރާއަށް ދެއަތްތިލަ ގެނެސް އަނގަމަތީ ޖައްސާލެވުނެވެ.

"ވެގެން އުޅޭގޮތެއް ނޭނގެނީސް އެއްވެސް ކަމެއް އަދި ޔަގީން ނުކުރަމާ، ސާއިރާ... ޒެލްއާ ވާހަކަދައްކާ" ސާއިރާގެ ކޮނޑުގައި ހިފާލަމުން ރިޒްވާން ބުންޏެވެ.

ފުންނޭވާއެއް ދޫކޮށްލުމާއެކު ސާއިރާ ދެއަތްދެއަތާ ހާކާލައި ޖޯޑުކޮށްލިއެވެ. އޭނާގެ ހާސްކަން މޫނުން ފިލުވާލުމަށް ވަގުތުކޮޅެއް އޭނާއަށް ބޭނުންވިއެވެ. ހޭޒަލްގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލައިގެން ހުރުމަށްފަހު ސާއިރާ ޓަކި ދިނެވެ. އަދި މަޑުމަޑުން ދޮރު ހުޅުވާލަމުން މަންމައޭ މީ ބުނެލާ އެތެރެއަށް ވަނެވެ. އެނދުގެ ފައިލާ ކޮޅުގައި ހުރި "ޗެއިޒް ލައުންޖު" ގޮނޑީގައި ހޭޒަލް އިންތަން ސާއިރާއަށް ފެނުނެވެ. އޭނާ ވަނުމުން ވެސް ހޭޒަލް އިސްއުފުލާ ނުލިއެވެ. ސާއިރާ އައިސް ދަރިފުޅުގެ ގާތުގައި އިށީނެވެ.

"ޒެއްލޫ..." ސާއިރާ ގޮވާލިއެވެ. އެހިނދު ހޭޒަލްގެ ގިސްލުމުގެ އަޑު އިވުނެވެ. ދުޅަކަމާއި ރަތްކަންވީ ދެ ލޯ ކަރުނުން ފުރި ބަންޑުންވަނީއެވެ. އެ ދެ ލޮލުން ސާއިރާއަށް ބަލާލުމާއެކު މައިލަގޮނޑިއަކަށް ކެތެއްނުވިއެވެ. ހޭޒަލްގެ ކޮނޑުގައި ހިފާލައި ކައިރިކޮށްލަމުން ސާއިރާ ދަރިފުޅުގެ ގައިގާ ބައްދާލިއެވެ. އޭނާއަށް ހޭޒަލް ސިފަކުރެވުނީ ވައިރޯޅިއެއް ބީހިލިޔަސް ރޫޅެން ތައްޔާރުވެފައި އިން ބުދެހެންނެވެ. ސާއިރާގެ ގައިގާ ބާރަށް ބައްދާލުމާއެކު ހޭޒަލް ރޮމުން ދިޔައީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ހޭޒަލްގެ ހިތުގައި ޖެހިފައިވާވަރު ސާއިރާއާށް މީހަކު ބުނެދޭކަށް ނުޖެހެއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައީ އާތިޝް ދެއްކި ވާހަކަތަކުންނެވެ. ހޭޒަލްގެ ހާލު ފެނި އެ ސުވާލު ކުރަންވީކަމެއް ސާއިރާއަކަށް ނުނިންމުނެވެ.

"ޒެއްލު!... މިހާރު ކިހިނެއް؟" ހޭޒަލްގެ ރުއިން މަޑުވެ ހަމައަކަށް އެޅިއްޖެހެން ހީވުމުން ސާއިރާ އަހާލިއެވެ. މަންމަގެ އަތުގެ ތެރެއިން ދުރަށް ޖެހިލައި ހޭޒަލް ނަޒަރު ސީދާކޮށްލިއެވެ.

"މަންމާ... ޑިވޯސްވަންދެން މިގޭގައި އަޅުގަނޑު މަޑުކޮށްލަންތަ؟" ހޭޒަލް އަހާލިއެވެ. އެ ދެތުންފަތް ތުރުތުރުލާތަން ސާއިރާ ދުށްޓެވެ. އޭނާގެ ހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ.

"މީ ޒެއްލުގެ ވެސް ގެއޭ، މިގޭގަ ހުންނާކަށް ޒެއްލު ހުއްދަ ހޯދާކަށް ނުޖެހޭނެ" ސާއިރާ ބުނެލިއެވެ. އަދި ހޭޒަލްގެ ދެއަތްތިލައިގަ އޭނާ ހިފާލިއެވެ.

"އެކީގަ ނޫޅެވޭނެކަން އެނގޭތީ ޑިވޯސް ފައިލްކުރީ" ހޭޒަލް ބުނެލިއެވެ.

"އިޓްސް އޯކޭ" ސާއިރާ ހިފަހައްޓާލައިގެން އިން ހޭޒަލްގެ ދެއަތްތިލައިގަ ފިރުމާލިއެވެ.

"މާދަންނޫން އަނެއް ދުވަހު ކޯޓަށް ދާންޖެހޭ... މަންމާ!... ލިއަމް މިގެއަށް އަޔަނުދީފާނަންތަ؟ އޭނާއާއެކު ދާކަށް ބޭނުމެއްނޫން..." ހޭޒަލްގެ ދެލޮލުން އޭނާ އާދޭސްކުރާކަން ފާޅުވިއެވެ. ފިނިނޭވާއެއް ސާއިރާއަށް ދޫކޮށްލެވުނެވެ.

"ލިއަމް ގަދަކަމުން ޒެއްލުގެ ނުރުހުމުގަ ގާތްވަނީތަ؟" ކެތްނުކުރެވިގެން ސާއިރާ އެއްސެވެ. ހޭޒަލް ވަގުތުން ބޯހޫރާލިއެވެ.

"އެކަހަލަ އަނިޔާއެއްނުދޭ" ހޭޒަލް ބުނެލިއެވެ. އޭނާއަށް ލިއަމް ދިނީ ޖިސްމާނީ އަނިޔާއެއްނޫނެވެ. ލިއަމް އޭނާ ބަލިކަށިކޮށްލީ ނަފްސާނީ ގޮތުންނެވެ. ސާއިރާ ގޮވާލި އަޑާއެކު ހޭޒަލް އޭނާއަށް ބަލާލިއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.

"އަޅުގަނޑުގެ މި ނިންމުން މަންމަ ޤަބޫލުކުރޭ... ވަރަށް ވިސްނިން... ވަރަށް ބޮޑަށް ވިސްނިން... މިނިވަންވެވެން އޮތީ އޭނާގެ ގާތުން ވަރިވެގެން... ޕްލީޒް މަންމާ... ކީއްވެތޯ ނާހާ... ޒެއްލު ނިންމާނީ ރަނގަޅަށޭ ބުނޭ" ހޭޒަލްއަށް ރޮވިއްޖެއެވެ. ސާއިރާ ބޯޖަހާލިއެވެ. އެއްބަސްވާ ފަދައިންނެވެ.

"މަންމަގެ ޒެއްލު އަބަދުވެސް ނިންމާނީ އެންމެ ރަނގަޅަށް" ސާއިރާ ބުނެލިއެވެ. ހޭޒަލް އެވަރަށް ރޯތީ ދުށް ހަނދާނެއް ސާއިރާގެ ނެތެވެ. ކީއްވެތޯ އެނގެން ބޭނުންވިޔަސް އޭނާ ދަރިފުޅުގެ ނިންމުމަށް އިޚްތިރާމްކުރިއެވެ. އޭނާގެ ސުވާލުތަކުން ހޭޒަލް އިތުރަށް ހިތުގައިޖެހި ރޯތަން ދުށުމަކަށް ސާއިރާއަށް ކެތެއްނުވާނެއެވެ.

ރޭގަނޑުގެ ވަގުތެވެ. ހޭޒަލް މާބޮޑަށް ވަރުބަލިވާތީ އިޝާ ނަމާދުން ފޭބި ގޮތަށް އެނދުގައި ޖައްސާލީއެވެ. ސާއިރާ ގެނެސްދިން ޖޫސްތަށްޓެއް ބޯލުން ފިޔަވައި އޭނާ އެއްޗެއް ނުކެޔެވެ. ހޭޒަލްއަށް ނިދެންދެން ސާއިރާ އެނދުގައި އޮތެވެ. އޭނާ އެ ކޮޓަރިން ނުކުތީ ހޭޒަލްއަށް ނިދިއްޖެކަން ޔަގީން ކޮށްފައެވެ. އޭނާ ނުކުތްއިރު ސިޓިންރޫމު ސޯފާގައި ރިޒްވާނު އިނެވެ. ވެރިވެފައި އޮތް ހިމޭންކަމުގައި އޭނާ ވެސް އެ އިނީ ކޮންމެވެސް ފިކުރަކަށް ގެއްލިފައިހެން ހީވެއެވެ. ސާއިރާ އައިސް ހުއްޓިލުމުން ރިޒްވާނު ބަލާލިއެވެ.

"ކޮބާ" ރިޒްވާނު އަހާލިއެވެ.

"ނިދިއްޖެ... ރިޒްވާން!... އަހަންނަކަށް ނުވިސްނޭ، އެ ދެކުދީން އުޅުނީ ކިހާ ލޯބިން، ކިހާ ގުޅިގެން... ޒެއްލުއާމެދު ލިއަމްގެ ޢަމަލުތައް ގޯސްނަމަ އަހަރެމެންނަށް ވެސް އެނގުނީސް... އަނެއްކާ... އެ ދެމެދަށް މީހަކުވަނީތަ؟... ލިއަމް އެހެން މީހަކާ އިންނަން ބޭނުންވީ ކަންނޭނގެ" ރިޒްވާނުގެ ގާތުގައި ސާއިރާ އިށީނެވެ.

"ނޭނގެ... ވިސްނުމަށް ވެސް ނާދޭ އެ ދެމެދުގައި ހިނގާފާނެކަމެއް" ރިޒްވާނު ނިތްކުރީގައި ފިރުމާލައި އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ.

"ޒެއްލު ބުނާނެނަމަ... އެކުގައިނޫޅެވޭވަރުގެ ކަމަކަށް އޮންނާނީ ކޮންކަމެއް؟" ސާއިރާ އަނެއްކާ ވެސް ސުވާލު އުފެއްދިއެވެ.

"ސާއިރާ... އަހަންނަށް މަޢާފުކުރޭ، އަހަރެންގެ އަތުގައި ތި ސުވާލުތަކުގެ ޖަވާބު އޮތްނަމަ މިހެން ގޮތްހުސްވެފައި ނީންނާނެކަން އެނގެއެއްނު، ޒެލް ރޯތަން ދުށުމަށް އަހަންނަށް ވަކި ކެތްވާނެތަ؟... ލިއަމް ކޮންމެވެސް ކަމެއް ކޮށްފި، ބޮޑުކަމެއް ކޮށްފި، ޒެލްއަށް ކެތްކުރަން ދަތިވާވަރުކަމެއް" ރިޒްވާނު ބުނެލިއެވެ. އޭނާގެ ގައިގާ ސާއިރާ ލައްވެލިއެވެ.

ސާއިރާއާއި ރިޒްވާނު ގޮތެއް ފެނޭތޯ މަޝްވަރާގައި ތިއްބާ ދެ މީހުން ވެސް ސިހުނީ ތޫލި ހަޅޭކެއްގެ އަޑުންނެވެ. އެއީ ހޭޒަލްކަން އެނގުމުން ދެ މީހުންނަށް ވެސް ދުއްވައިގަނެވުނީ އެކީގައެވެ. ހޭޒަލްގެ ކޮޓަރިއަށް އެ ދެ މީހުންނަށް ވަދެވުނު އިރު އެނދުމަތީ ހޭޒަލް އިނެވެ. އޭނާ ފުރަތަމަ ވެސް އެހީ އޭނާ ބަލާ ލިއަމް އައީތޯއެވެ. ސާއިރާއާއި ރިޒްވާނު ފިޔަވައި އެގޭގައި މީހަކު ނެތްކަން ރިޒްވާނު ބުންޏެވެ. އެ ހާދިސާވީ އެ ރޭގެ ފެށުމަށެވެ. ހޭޒަލްއަށް ހަމަނިދި ނުލިބުނެވެ. ނިދާފައި އޮވެފައި އޭނާ ސިއްސައިގެން ގޮސް ހަޅޭލަވާއިރު ރަނގަޅަށް ނިދިން ހޭވެސް ނުލެވެއެވެ.

"އަނިލްއަށް ގުޅާބާ" ސާއިރާ ކަންބޮޑުވުމާއެކު ބުނެލިއެވެ. އޭނާއަށް ހޭޒަލް އެކަނި ބާއްވާފައި ދާކަށް ނުކެރުނެވެ.

"މިގަޑީގަ އޮންނާނީ ނިދާފަ... ފޯނަށް ޖަވާބެއްނުދޭނެ" ދަންވަރުގެ ވަގުތުކަން ރިޒްވާން ހަނދާންކޮށްލަ ދިނެވެ.

* * * * *

އެނދުގައި އޮވެ މިރޭ ވެސް ލިއަމްއަކަށް ނުނިދުނެވެ. އޭނާ ކޮޓަރިން ނުކުމެގެން އައިސް ސޯފާގެ ދިގަށް އޮށޯތެވެ. ޓީވީ ނިވާލާފައި ހުރުމުން މުޅިގޭތެރެއަށް އޮތީ ފަޅުކަމެއް ވެރިވެފައެވެ. އެކިގޮތްގޮތަކަށް އޭނާ ވިސްނައިފިއެވެ. އެ ދުވަހު ހުޅުމާލެއަށް ހޭޒަލް ދިޔައީ ކޮންބޭނުމަކުކަމެއް އޭނާއަކަށް ނޭނގެއެވެ. މީހަކު ބުނެގެން ފާރަލާން ދިޔައީކަމަށް ވެދާނޭ އޭނާއަށް ވެސް ހީވެއެވެ. އޭނާ ކުރާ ކަންކަމަށް ފާރަލާން ހުރީ ކާކުބާއޭ ލިއަމް ހިތަށް އަރައެވެ. އޮފީހުގެ މީހެއްބާއޭ ސުވާލު އުފެދިފައި ވެސް އެ ޚިޔާލު ބޭރުކޮށްލީ އެހެންނުވާނޭކަން އެނގިގެންނެވެ. އޮފީހުގައި އޭނާ އުޅޭގޮތް އެނގޭނޭ މީހަކު ނުހުންނާނޭކަން ޔަގީންވެއެވެ. ދެން ހުރީ އޭނާ ވަގުތު ހޭދަކުރާ ކޮމިއުނިޓީތަކެވެ. އެތަންތަނުގައި އެއްވެސް ބަޔަކު އަދާކުރާ ވަޒީފާއާއި ޒާތީ މަޢުލޫމާތެއް ޚިއްޞާއެއް ނުކުރެއެވެ. ވީއިރު އެތަނުގައި ލިއަމްއަށް ފާރަލާނޭ މީހަކު ހުންނާނޭ ހިޔެއްނުވެއެވެ. ދެން ވެސް ލިއަމްގެ ވިސްނުން ދުރަށް ދަތުރުކުރިއެވެ. ހޭޒަލްއާއި ލިއަމްގެ ދެމެދަށް ވަންނަން ބޭނުންވާ މީހަކު ހުރެދާނޭ ލިއަމްގެ ހިތަށް އެރިއެވެ. އެކަމަކު އޭނާ މިހާތަނަށް ގުޅުން ބާއްވާފައި އޮތީ ގަނެވިއްކުމުގެ ބާޒާރުގައި އުޅޭ އަންހެނުންނާއެވެ. އެމީހުންގެ ތެރޭގައި ނުހިމެނޭ ހަމައެކަނި މީހަކީ އަލްމާއެވެ. އޭނާ ދުރުކޮށްލަން ޖެހުނީ ލިއަމްގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަސައްކަތްކުރީމައެވެ. އެ ރަށުން އައުމަށްފަހު އަލްމާގެ އުނދަގުލެއް ނުޖެހޭނެކަން ލިއަމް ޔަގީންކުރިއެވެ. ވީއިރު ދެން އޮތީ އޭނާއާ ހޭޒަލް ދުރުކުރަން ބޭނުންވާ މީހަކު ހުރުމެވެ. އެމީހަކު ހޭޒަލްއަށް ޝައުގުވެރިވުމެވެ. އެހެންވެ ހޭޒަލް އޭނާއަށް ނަފުރަތުކުރާނޭ ފުރުޞަތަކަށް އެމީހަކު ބަލަބަލާ ހުރީކަމަށް ވެދާނެއެވެ.

ނިދިފައި އޮތް ލިއަމްއަށް ހޭލެވުނީ އަތުކުރީ އޮތް ގަޑިން އެލާމް އަޅަން ފެށުމުންނެވެ. ފުންމައިގެން ސޯފާއިން ތެދުވިގޮތަށް އޭނާ ގަޑި ބަލާލިއެވެ. އޮފީހަށް ގަޑި ޖެހުނީއެވެ. އަވަސް އަވަހަށް ކޮޓަރިއަށް ގޮސް އޭނާ ތައްޔާރުވާން އުޅުނެވެ. ފެންވަރަން ވަންނަމުން ފަސްއެނބުރިލިއެވެ. އަނގަ ހުޅުވާލާފައި ވެސް އޭނާ ހުއްޓުން އެރިއެވެ. އޭނާއަށް އުޅުނީ ހޭޒަލްއަށް ގޮވާލެވޭށެވެ. ހޭޒަލް ނެތްކަން ވަގުތުން ހަނދާންވުމުން ހުއްޓެވުނީއެވެ. މަޑުމަޑުން އައިސް އަލަމާރި ހުޅުވާލިއެވެ. އިސްތިރިކޮށްފައި ހުރި ހެދުމެއްނެތްކަން ލިއަމް ހަނދާންވީއެވެ. އަމިއްލައަށް އިސްތިރިކުރަން ލިއަމް ފެށިއެވެ. ފެންވަރަން ވަނީ އޭގެ ފަހުންނެވެ.

"ޝިޓް... މިއަދުތަ..." ރީތިވާ މޭޒުމަތީ އޮތް ޗިޓު ފެނި ލިއަމްއަށް ބުނެލެވުނެވެ. އަވަސް އަވަހަށް ގަޑި ބަލާލިއެވެ. އޮފީހަށް ގޮސްފައި ކޯޓަށް ދާނޭ ވަގުތު އޮތުމުން ލިއަމް ގަސްދުކުރީ ފުރަތަމަ އޮފީހަށް ދާށެވެ.

* * * * *

ދިހަގަޑި ބައިގަ ހޭޒަލްއާއި ލިއަމް ތިބީ ޢާއިލާއާ ބެހޭ ކޯޓުގައެވެ. ވަރިވާން ބޭނުންވާއިރު ދެފަރާތުގެ އަޑުއެހުން ކުރިއަށް ދިޔައެވެ. ހޭޒަލްއަށް ހުރިހާ ސުވާލަކަށް ޖަވާބެއް ނުދެވުނެވެ. ފާޅުގައި ލިއަމް ބުނީ އޭނާ އެއްވެސް ވަރަކަށް ހޭޒަލް ވަރިކުރަން ޚިޔާލު ވެސް ނުކުރާ ކަމެވެ. ކައިވެންޏަށް އަށް އަހަރުވާން ކައިރިވެފައިވާއިރު ދުވަހަކުވެސް ހޭޒަލްއަށް އަނިޔާއެއްކޮށްފައިނުވާނޭކަމާއި އޭނާ ހޭޒަލްދެކެ ވަރަށް ލޯބިވާކަމަށް ބުންޏެވެ. އެ ދެ މީހުން އުޅުނީ ވެސް ނުލާހިކު ހަމަޖެހޭ ދިރިއުޅުމެއްކަމަކަށް ލިއަމް ބުންޏެވެ. އެމީހުންގެ އެންމެ ގާތް މީހުންނަށް ވެސް އެކަން އެނގޭނޭކަން ލިއަމް ބުންޏެވެ. ލިއަމްގެ ވާހަކަދެއްކުމުގެ ކުޅަދާނަކަން ފެނި ހޭޒަލްއަށް އާކަމަކަށް ނުވިއެވެ. ލިއަމްގެ ފުށުން ކުށްވެރިކަމުގެ އެއްވެސް އަސަރެއް ނުފެނުނުތާ އޭނާގެ ގަސްދަކީ ހޭޒަލް އަލުން އަނބުރާ އޭނާގެ ގާތަށް ގެންދިއުންކަން ހޭޒަލްއަށް ވަރަށް ސާފެވެ. ލިއަމް އެދުނީ އެދެމެދުގައި އޮތް މައްސަލަ ހައްލުކޮށްދިނުމަށެވެ. އޭނާ ހޭޒަލްއާއެކު ދިރިއުޅެން ބޭނުންވާވަރުންނެވެ. ހޭޒަލް ދެކޮޅު ހެދިއެވެ.

(ނުނިމޭ)