ވިޔަފާރި

ޓޫރިޒަމް ތައާރަފުވުމުގައި ސަރުކާރުގެ ދައުރެއް ނެތް: ޒަކީ

ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ވުމުގައި ސަރުކާރުގެ ދައުރެއް ނެތް ކަމަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އަށް 31 އަހަރު ފުރުން ފާހަގަ ކުރަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޒަކީ ވިދާޅުވީ ޓޫރިޒަމްގެ ފައިދާ ސަރުކާރަށް އިހުސާސް ކުރެވުނީ ވެސް ކުރެވުނީ ހަތަރު އަހަރު ފަހުން ކަމަށެވެ.

"ރާއްޖޭގައި ފަތުރުވެރިކަމުގައި ވެފައިއޮތް ގޮތަކީ، ބައެއް ބޭފުޅުން ދެކުނު ދީނީ އޭންގަލުން ވެސް. ޓޫރިޒަަމް އެއީ އިސްލާމް ގައުމެއްގައި އެއްގޮތަކަށް ވެސް ކުރަންވާ ވަރުގެ ކަމެއް ނޫނޭ. މި ކަހަލަ ވަރަށް ގިނަ ޗެލެންޖު އައި އަޅުގަނޑަށް. އެކަމަކު އަޅުގަނޑު ގަބޫލުކުރީ އިސްލާމް ދީނާ ހިލާފު ނުވާނަމަ ކޮންމެ ސިނާއަތަކީ ވެސް މިއަދުގެ ދުނިޔޭގައި ފައިދާ ނަގަން ޖެހޭނެ ކަމެއްގެ ގޮތުގައި،" ހާރިޖީ ދާއިރާގެ ތަޖުރިބާކާރު، ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް އާ ގުޅުންހުރި ތާރީހީ ނަޒަރަކުން ބަލާނަމަ ޓޫރިޒަމް އަކީ ދިވެހި އަމިއްލަ ވިޔަފާރިވެރިން ތަކެއް ރިސްކު ނަގައިގެން އުފެއްދި އިންޑަސްޓްރީއެއް ކަމަށެވެ.

"މިނިސްޓްރީގެ ރެކޯޑު ތަކުން އެނގޭނެ. ޓޫރިޒަމް ތައާރަފު ކުރަން ވެގެން ޔޫއެންޑީޕީގައި އެދުނީ އަޅުގަނޑުމެން ކަހަލަ ގައުމެއްގައި މި ކަމަކީ ވެދާނެ ކަމެއް ތޯ ބަލައިދޭން. އެ މީހުން ބުނީ ތިއީ އެއްގޮތަކަށް ދުވަހަކު ވެސް ރާއްޖޭގައި ވާނެ ކަމެއް ނޫނޭ. ދެން އަޅުގަނޑު ކައިރީ ބައެއް މީހުން ބުނި އެ މީހުންނަށް ނޭނގުނީއޭ. އޭރު ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލާއިރު ކޮންމެ އެކްސްޕާޓެއް ގެނަޔަސް ހަމަ ދައްކާނީ އެއް ވާހަކައެކޭ،" ޒަކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް ސިނާއަތަށް ބޮޑު އިންގިލާބެއް އައިސްފައިވާ ކަމަށެވެ.

"އެ މީހުންނަކަށް ނުވިސްނުނު ދުރު ރާސްތާއެއް. އެ މީހުނަށް ފެނުނީ ހަތް ދުވަހު އައިސް މިތަން ހުރި ގޮތް. ކޮންމެއަކަސް އެ ޗެލެންޖާއެކު ދުނިޔެ އަށް ޕްރޫފް ކޮށްދެއްވީ މި ރިޕޯޓަކީ އެއްގޮތަކަށް ވެސް ރަނގަޅު ރިޕޯޓެއް ނޫންކަން،" ޒަކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމްގެ ތާރީހަކީ ދުވަހަކު ވެސް އޮޅުވާލެވޭނެ އެއްޗެއް ނޫން ކަމަށެވެ.

"ބައެއް ފަހަރު އުނދަގޫވެ، ބައެއް މީހުންގެ ނަން ކިޔާފަ އަނެއްބައި މީހުންގެ ނަން ނުކިޔާތީ. ތާރީހު އޮޅުވައެއް ނުލެވޭނެ. ޓޫރިޒަމް އިންޑަސްޓްރީ އައުމުގައި އަހުމަދު ނަސީމް [ކެރަފާ ނަސީމް] ގެ ދައުރު ބޮޑުކަމަށް. މިއާއެކު މުހައްމަދު އުމަރު މަނިކް [އެމްޔޫ މަނިކް] އާއި ހުސެއިން އަފީފު [ޗަމްޕާ އަފީފް] އާއި އަޅުގަނޑުމެން މި ޓެސްޓްކުރީ ކާގޯ ޝިޕެއްގައި. ޓެސްޓަކަށް،" ޒަކީ ވިދާޅުވި އެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުކޮށްދެއްވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، 1972 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ރާއްޖެ އަށް އައިސްފައިވަނީ އިޓަލީ މީހުންގެ ގްރޫޕަކުންނެވެ. ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވިތާ 47 އަހަރު ވަނީ ފުރިފަ އެވެ.