ލައިފްސްޓައިލް

ކައިވެންޏަށް އައިލެއް ލަސްވެގެން އެހެން މީހަކާ ކައިވެނިކޮށްފި

އިންޑިއާގެ ކައިވެނިތަކަށް ކައިވެނި ކުރާ ފިރިހެންމީހާ އާއި އޭނާ އާއެކު އަންނަ މީހުން ނުވަތަ ބާރާތު އައުން ލަސްވުމަކީ ވަރަށް އާންމު ކޮށް ދިމާވާ ކަމެކެވެ. ފިރިހެންމީހާގެ ބާރާތުގައި ތިބޭ މީހުން ގަބޫލުކުރަނީ ގަޑިއަށް އައުމަކީ އެމީހުންގެ އަބުރަށް ހުތުރު ވާނެ ކަމެއް ކަމަށެވެ. އެމީހުންގެ ހައިބަތާއި މޮޅުކަން ދައްކާލެވޭނީ ލަހުން ދިޔައިމަ ކަމަށް މިގޮތަށް ލަހުންދާ މީހުން ގަބޫލު ކުރެ އެވެ.

ނަމަވެސް މިފަހަރު ކަންތައްވީ ވަރަށް ތަފާތު ގޮތަކަށެވެ.

އިންޑިއާގެ ބިޖްނޯރް އަވަށުގައި ކުރަން ހަމަޖެހިފައި އޮތް މި ކައިވެންޏަށް ފިރިހެންމީހާ އަށް ގަޑިއަށް ނާދެވުނީކަމަށް ބުނެ އަންހެންކުއްޖާގެ އާއިލާއިން ވަނީ އޭނާ އާ އެހެން މީހަކާ ކައިވެނި ކުރުވާފަ އެވެ.

މިކަމާ ރުޅިގަދަވެގެން ފުލުހުންނަށް މައްސަލަ ހުށަހަޅަމުން ފިރިހެންމީހާގެ އާއިލާއިން ބުނެފައިވަނީ އެމީހުންގެ ބާރާތުގެ މީހުން ކައިވެނިކުރާ ތަނަކަށް ދަތުރުކުރަނިކޮށް އަންހެންމީހާގެ އައިލާގެ މީހުންގެ ރޭވުމަކުން ބާރާތުގައި އައި އެންމެން ގަދަކަމުން ތަނަކަށް ލާ ބަންދުކޮށް އަނިޔާކޮށް އެމީހުންގެ އަތުގައި ހުރި އަގުހުރި އެއްޗެތި އަތުލާފައިވާ ކަމަށެވެ. ގަޑިއަށް ކައިވެނިކުރާ ތަނަށް ނުދެވުނީ މިހެންވެ ކަމަށެވެ.

އަންހެންމީހާގެ އާއިލާއިން ބުނަނީ ކައިވެނި ކުރާ ދުވަސް ކައިރިވީ ވަރަކަށް ފިރިހެންމީހާގެ އާއިލާގެ ޑިމާންޑްތައް އިތުރުވެ ގިނަ އަދަދެއްގެ ފައިސާ އާއި ސައިކަލު ފަދަ ތަކެތީގެ ޑިމާންޑް ކުރަން ފެށީ ކަމަށެވެ. ފިރިހެންމީހާގެ ބާރާތު އަޔަނުދީ ހިފެހެއްޓީ އެހެންވެ ކަމަށެވެ.

އަންހެންމީހާގެ ކައިވެނި ވަރަށް ކުއްލިގޮތަކަށް އަވަސް އަރުވާލައިގެން ކުރުވީ އެމީހުންގެ އަވަށްޓެރި ގެއެއްގެ ފިރިހެނަކާ އެވެ.
އިންޑިއާ ފުލުހުން ބުނި ގޮތުގައި ކައިވެނިކުރަން ހަމަޖެހިފައި އޮތް އަންހެންމީހާ އާއި ފިރިހެންމީހާ ވަނީ ހަ ހަފުތާ ކުރިން ގިނަ ބަޔަކު އެއްފަހަރާ ކައިވެނިކުރި ރަސްމިއްޔާތެއްގައި ކައިވެނިކޮށްފަ އެވެ. އަދި ދެ ފަރާތުގެ އާއިލާ އެކުވެގެން 'ފުރިހަމަ' ކައިވެންޏެއް އަލުން ކުރަން އެމީހުން އޮތީ ނިންމާފަ އެވެ. އަދި ހުރިހާ ރަސްމުތަކެއް ފުރިހަމަކޮށް އަލުން ކައިވެނި ކުރުމަށްފަހު ނޫނީ ފިރިހެންމީހާގެ ގެޔަށް ނުދާން އަންހެންމީހާ އޮތީ ނިންމާފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ޚަބަރުގައިވާ ގޮތުން މި ކައިވެންޏަށް ދެ ފަރާތުގެ އާއިލާއިން ތައްޔާރުވަމުންދިޔަ ދުވަސްވަރު ފިރިހެންމީހާގެ އާއިލާއިން ފައިސާ އާއި ސައިކަލު ފަދަ އަގުބޮޑު އެއްޗެތި ދޭން ޖެހޭނެކަމަށް ބުނެ ޑިމާންޑްތައް ކުރަން ފެށުމުން ދެ ފަރާތުގެ އާއިލާގެ މެދުގައި މައްސަލަ އޮތީ ވަރަށް ގޯސްވެފަ އެވެ. އެހެންވެ ފިރިހެންމީހާ ކައިވެންޏަށް އަޔަނުދީ ހިފަހައްޓާފައި އަންހެންމީހާ އެހެން މީހަކާ ކައިވެނި ކުރުވީ އެވެ.