ލައިފްސްޓައިލް

ޕްރިޔަންކާ އާއި ނިކް ގުޅިގެން ކައިވެންޏާ ބެހޭ ޑާންސް ޝޯއެއް އުފައްދަނީ

ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސް ގުޅިގެން "ސަންގީތު" ކިޔާ ޑާންސް ޝޯއެއް ޕްރޮޑިއުސްކުރަން ނިންމައިފި އެވެ.

މިއީ އިންޑިއާގެ ކައިވެނިތަކުގައި ކައިވެނީގެ ކުރިން އޮންނަ ލަވަކިޔުމާއި ނެށުމުގެ ރަސްމިއްޔާތުތަކުގައި އޮންނަ ލަވަ ކިޔުމާއި ނެށުންތައް ހުށަހަޅާދޭ ޝޯ އެކެވެ. މިއީ އެމެޒޯން ސްޓޫޑިއޯޒް އާއި ގުޅިގެން މި ދެމަފިރިން ޕްރޮޑިއުސްކުރާ ސީރީޒް އެކެވެ.
އެމެޒޯން އިން އިއުލާންކޮށްފައިވާ ގޮތުގައި މި ޝޯގައި ޕްރިޔަންކާ އާއި ނިކް ވެސް ބައިވެރިވާނެ އެވެ.

"ސަންގީތު" އަކީ ކައިވެނީގެ ގޮށް ޖަހާލުމުގެ ކުރިން ދެ ފަރާތުގެ އާއިލާއިން އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ނެށުމުގެ ހަފްލާ އެކެވެ. މި ހަފްލާގައި އޮންނާނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި އެކުވެރިންގެ ނެށުމާއި ލަވަ ކިއުމެވެ.

މި ޝޯ ޕްރޮޑިއުސްކުރާކަން އިއުލާން ކޮށްފައިމިވަނީ ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏަށް އެއް އަހަރު ފުރުން ފާހަގަކުރިތާ ހަފުތާއެއް ވީތަނާ އެވެ.

މިކަމާ ގުޅޭ ގޮތުން ޕްރިޔަންކާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަންގީތު އަކީ ވަރަށް ކުރީ ޒަމާނުއްސުރެ އިންޑިއާގެ ކައިވެނިތަކުގައި އޮންނަ ސަގާފީ ކަމެއް ކަމަށެވެ. އަދި މިއީ ދެ ފަރާތުގެ އާއިލާއިން އެއްބަޔަކު އަނެއް ބަޔަކަށް ތައާރަފްވުމުގެ އިތުރުން ގުޅުން ބަދަހިކުރުމަށް ބާއްވާ ހަފްލާއެއް ކަމަށާއި ކައިވެނީގެ ރަސްމިއްޔާތެއްގައި ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގިފައި އެންމެ ގިނަ ދުވަހު ހުންނަ ހަނދާނަކީ ސަންގީތު ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

މި ސީރީޒްގައި ބައިވެރިކުރާނެ ތަރިން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.