ލައިފްސްޓައިލް

އެވޯޑު ނުލިބޭތީ ޝާހިދު ޕާފޯމްކުރަން ދެކޮޅުހަދައިފި

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްކޮޅަކީ ބޮލީވުޑްގެ އެވޯޑް ހަފުލާތައް ބާއްވާ ދުވަސްވަރެވެ. މިހާރު ސްޓާ ސްކްރީން އެވޯޑްސް ދިނުމުގެ ހަފުލާ ވަނީ ބާއްވާފަ އެވެ. އަދި ފިލްމްފެއާ އާއި ޒީ ސިނެ އެވޯޑް ފަދަ ހަފުލާތަކަށް ވެސް ޝޯތައް އިންތިޒާމްކުރާ ފަރާތްތަކުން މިހާރު ދަނީ ތައްޔާޜު ވަމުންނެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިފަހަރު އެވޯޑް ހަފުލާތައް ފެށިފައިވަނީ މީހުން އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫން ކަމެވެ. ސަބަބަކީ ސްޓާ ސްކްރީން އެވޯޑުގައި ފިލްމީ ތަރިންނާއި ބެލުންތެރިން ހިތްހަމަނުޖެހޭ ކަންތައްތަކެއް ދިމާވެފައިވާތީ އެވެ. އެގޮތުން އެވޯޑު ހަފުލާގައި އެންމެ މޮޅު ބަތަލާއަކަށް އާލިއާ ހޮވުނުކަމަށް އިއުލާން ކުރުމުގެ މާކުރިން އާލިއާ އެވޯޑް ހިފައިގެން ހުއްޓާ ނަގާފައި ހުރި ފޮޓޯ ތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ މިކަމާ ވެސް ގިނަ ބަޔަކު ވަނީ ނުރުހުން ވެފަ އެވެ.

ވަރަށް އަވަހަށް ބާއްވަން ހަމަޖެހިފައިވާ އެވޯޑް ޝޯއެއްގައި މިހާރުއްސުރެ ވަނީ މައްސަލަތައް ކުރިމަތިވެފަ އެވެ. އެގޮތުން މި އިވެންޓްގައި ޕާފޯމްކުރަން ހަމަޖެހިފައި އޮތް ޝާހިދު ކަޕޫރު ވަނީ އެންމެ ފަހު ވަގުތު ޝޯގައި ޕާފޯމް ކޮށްދިނުމަށް ދެކޮޅު ހަދާފަ އެވެ.

ޝާހިދު ޕާފޯމްކުރުމަށް ދެކޮޅު ހެދީ މި އެވޯޑު ހަފުލާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބެނީ "ގަލީ ބޯއި" އިން ރަންވީރު ސިންގް އަށް ކަން އެނގިގެން އެކަމާ އައި ރުޅިންނެވެ. ކުއްލިއަކަށް ޝާހިދު ޕާފޯމްކުރަން ދެކޮޅު ހެދުމުން ޝޯ އިންތިޒާމްކުރާ ފަރާތަށް ހަދާނެގޮތް ހުސްވި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު ވަރުން ދަވަން ވަނީ މި އެވޯޑު ހަފުލާގައި ޕާފޯމް ކޮށްދޭން އެއްބަސްވެފަ އެވެ.

ޝޯ އިންތިޒާމްކުރާ ފަރާތުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިން ގޮތުގައި ޝާހިދު ޕާފޯމް ނުކުރަން ނިންމީ ބަލިވެ އުޅޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން "ޖާޒީ"ގެ ޝޫޓިންގަށް ޝާހިދު ފުރައިގެން ދިޔައީ ކަމަށާއި ބަލިވެ އުޅޭނަމަ އެގޮތަށް ނުދެވުނީސް ކަމަށް އެމީހާ ބުންޏެވެ.

"ޝާހިދު އުންމީދު ކޮށްގެން ހުރީ 'ކަބީރް ސިންގް' އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑު އޭނާއަށް ލިބޭނެ ކަމަށް. ނަމަވެސް އެވޯޑު ލިބެނީ ރަންވީރު ސިންގް އަށް ކަން އެނގުމުން އޭނާ ހިތްހަމަ ނުޖެހުނީ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

ޝާހިދު ބޮޑާ ހާކާފައި ޝޯ އިން ވަކިވުމުން، ވަރުން ވަނީ ޝޯ ގައި ޕާފޯމް ކޮށްދޭން އެއްބަސްވެ ޕްރެކްޓިސް ވެސް ފަށާފަ އެވެ. ވަރުން އަށް މިފަހަރުގެ އެވޯޑު ހަފުލާގައި އެއްވެސް އެވޯޑެއް ނުލިބޭކަން އެނގި ހުރެ ވެސް އޭނާ ޕާފޯމް ކޮށްދޭން އެއްބަސްވުމުން ޝޯ އިންތިޒާމްކުރާ ފަރާތުން ހުރީ ހިތްހަމަޖެހިފަ އެވެ.