ލައިފްސްޓައިލް

"ކަބީރް ސިންގް" އަށް ކިޔާ ފާޑުކިޔުންތަކަށް ކިއާރާގެ ޖަވާބު

ސަންދީޕް ވަންގާ ޑައިރެކްޓްކޮށްފައިވާ "ކަބީރް ސިންގް" ރިލީޒްކޮށް ބްލޮކްބަސްޓާއަކަށް ވީތާ މިހާރު އެތައް މަހެއް ފާއިތުވެއްޖެ އެވެ. ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީ ލީޑް ރޯލުކުޅެފައިވާ މި ފިލްމަށް ބެލުންތެރިން ދިން ތަރުހީބުގެ ބޮޑުކަމުން ފިލްމު ވެފައިވަނީ 2019 އަހަރުގެ އެންމެ ކާމިޔާބު ތިން ފިލްމުގެ ތެރެއިން އެއް ފިލްމަށެވެ. ފިލްމަށް 276 ކްރޯޑު ރުޕީސް ލިބިފައި ވެއެވެ.

ބެލުންތެރިން ފިލްމު ބެލިޔަސް ފިލްމަށް ފާޑުކިޔާ ފިލްމުގައި ޝާހިދު ކުޅެފައިވާ ކެރެކްޓާއާ ހިތްހަމަނުޖެހިގެން ކުރަމުންދާ ބަހުސްތައް އަދިވެސް ދަނީ ކުރިޔަށެވެ. އަދި ފިލްމަށް އިންތިހާއަށް ފާޑުކިޔުންތައް އަމާޒުވަމުންދާތީ ފިލްމު އުފެއްދި ފަރާތަށް ވެސް ވަނީ ނުތަނަވަސްކަމެއް ލިބިފަ އެވެ.

ދާދިފަހުން އިންޑިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ބަތަލާ ކިއާރާ ވަނީ މިކަމާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތް ހާމަކޮށްފަ އެވެ. ކިއާރާ ބުނި ގޮތުގައި ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުންވާ ގޮތަކަށް ހީކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ފިލްމުގެ ބައެއް މަންޒަރުތަކުން ފިލްމު ބެލި ބައެއް މީހުންނަށް ވަރަށް އުނދަގޫވީކަން ކިއާރާ ވެސް ފާހަގަ ކުރި އެވެ.

"އަހަންނަށް ވެސް ފިލްމުގެ ބައެއް މަންޒަރުތައް ގަބޫލުކުރަން ދަތިވި. އެހެންވެ އެ މަންޒަރުތައް ކުޅެން ވަރަށް ދަތިވެސް ވި،" ކިއާރާ ބުންޏެވެ.

ކިއާރާ ބުނި ގޮތުގައި "ކަބީރް ސިންގް" އަކީ ހިޔާލީ ވާހަކައެއް ކަމަށާއި އެއީ ހަގީގަތެއް ނޫންކަން ވިސްނާލުން ރަނގަޅުވާނެ ކަމަށެވެ.

"ކަބީރް ސިންގް" ގައި ޝާހިދު ކަޕޫރު ކަބީރްގެ ރޯލަކީ އެވޯޑް ލިބުން ހައްގު ރޯލެކެވެ. ނަމަވެސް މި ފިލްމަށް ޝާހިދު އަށް އެއްވެސް އެވޯޑެއް ލިބޭނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ފިލްމަށް ކިޔަމުންދާ ފާޑުކިޔުންތަކެވެ. އެހާ ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ކެރެކްޓާއަކަށް އެވޯޑު ދޭން އެވޯޑުތައް އިންތިޒާމްކުރާ ފަރާތްތަކުން ބޭނުމެއް ނުވާނެ އެވެ. އެއީ އިތުރު ފާޑުކިޔުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާނެތީ އެވެ.