ލައިފްސްޓައިލް

ކޮންމެ ދުވަހަކު ފެން ނުވަރާނަމަ ހަށިގަނޑަށް ވާގޮތް އެނގޭތަ؟

ދުވާލަކު ކިތައް ފަހަރު ފެންވަރަން ހެއްޔެވެ؟ ތަޖުރިބާކާރުންގެ ނަޒަރުގައި ކޮންމެ ދުވަހަކު ފެން ވަރަން ޖެހެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޔަގީންވާ ކަމަކީ ހެނދުނު ހޭލައިގެން ދަތް އުނގުޅައި ކޮފީ ބޮއެ ހަދާ ގޮތަށް ފެން ވެރުމަކީ ވެސް ވަރަށް ގިނަ ބަޔަކު އާދަކޮށް ކުރާ ކަމެކެވެ.

ހެނދުނު ހޭލައިގެން ފެން ވަރަން އާދަވެފައި ތިބޭ މީހުން ބުނަނީ ހެނދުނު ފެން ނުވަރާނަމަ ގައިން ސާފުވެފައިވާ ކަމުގެ އިހްސާސް ނުކުރެވޭ ކަމަށާއި ހަށިގަނޑަށް ތާޒާކަން ލިބި ނިދި ފިލަނީ ފެން ވަރާލީމަ ކަމަށެވެ. ޚާއްސަކޮށް ފަތިހު ކަސްރަތު ކުރަން އާދަވެފައި ތިބޭ މީހުން އޮފީހަށް ދާނީ ހަމަ ގައިމުވެސް ރީތިކޮށް ފެންވަރާލައިގެންނެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮންމެ ދުވަހަކު ފެންވެރުމުން ސިއްހަތަށް ވަކި އިތުރު ފައިދާތަކެއް ލިބޭ ކަމެއް ހޯދިފައެއް ނެތެވެ. ހާވާޑް މެޑިކަލް ސްކޫލްގެ ހާވާޑް ހެލްތު ޕަބްލިޝިންގެ އެޑިޓަރު ޑރ. ރޮބާޓް ޝިމާލިން ވިދާޅުވީ ކޮންމެ ދުވަހަކު ފެންވެރުމުން ލިބޭ ފައިދާ އަށް ވުރެ ސިއްހަތަށް ލިބޭ ގެއްލުން އިތުރުވެދާނެ ކަމަށެވެ.

ގައި ދޮވެ އުނގުޅާ ހެދުމުން ހަމުގައި ހުންނަ ތެލާއި ރަނގަޅު ބެކްޓީރިއާތައް ނެތިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑު ކުރަކިވެ، ހިރުވާ އަދި ކަހާގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އުމުރުން ދުވަސްވީ މީހުންނަށް މި މައްސަލަ އިތުރުވާނެ އެވެ. ސަބަބަކީ ދުވަސްވުމުން ހަން ތުނިވެ، ފެން މަދުވެ، އަދި މާ ނާޒުކު ވާނެތީ އެވެ.

ހަންގަނޑު ޑްރައި ވުމާއި ކްރެކްވުން ފަދަ ކަންތައް ދިމާވުމުން އެ ތަންތަނުގައި ޖަރާސީމު އަށަގަންނަން ފަސޭހަވާނެ އެވެ. ނަތީޖާއެއްގެ ގޮތުން އިންފެކްޝަންތައް ޖެހި އަދި އެލާޖިކް މައްސަލަތައް އިތުރުވެ އެވެ.

"އަހަރެންނަށް ހީވަނީ ގިނަ މީހުން ފެންވަރަނީ ނަލަކޮށް ޒީނަތްތެރިކޮށް ތިބުމުގެ ބޭނުމުގައިހެން،" ކޮލަމްބިއާ ޔުނިވަސިޓީ ސްކޫލް އޮފް ނާސިންގެ އެސޯސިއޭޓް ޑީން ފޯ ރިސާޗް އަދި އިންފެކްޝަސް ޑިޒީޒް އެކްސްޕާޓް ޑރ. އެލައިނޭ ލާސަން ވިދާޅުވި އެވެ.

"ގިނަ ބަޔަކު ހީކުރަނީ ފެން ވަރަކީ ސާފުތާހިރު ވުމުގެ ގޮތުންނޭ. ނުވަތަ ސާފުވުމަށޭ. ނަމަވެސް ޖަރާސީމު އަށަގަންނަ ގޮތަށް ބަލާނަމަ އެކަން ވަނީ އެހެނެއް ނޫން. މާ ގިނައިން ފެންވެރީމަ ހަމުގައި ހުންނަ ގުދުރަތީ ފަށަލަ ހަލާކުވޭ. އަދި ފަސޭހައިން ޖަރާސީމާއި ވައިރަލް އިންފެކްޝަންތަކަށް މަގުފަހިވޭ،' އޭނާ ވިދާޅުވި އެވެ.

ބެވަލީ ހިލްސް ހަމުގެ ޑޮކްޓަރު ޖެނިފާ ހާމަން ވިދާޅުވީ ފެން ވެރުމުން ހަމުގައި ހުންނަ ނެޗުރަލް އޮއިލްސް އާއި ދިފާއީ އޯގަނިޒަމްސް ނެތިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން އެގްޒީމާ އެނޫން ވެސް ހަމުގެ މައްސަލަތައް ދިމާވުން ގާތެވެ.
ހަމުގެ ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އިންސާނުންގެ ދިފާއީ ނިޒާމަށް މައިކްރޯއޯގަނިޒަމްސް އާއި ހިރަފުސް ހަށިގަނޑުގައި ހުރުން ބޭނުންތެރިއެވެ. އޭރުން ހަށިގަނޑަށް ދިފާއަށް އެންޓިބޮޑީޒް އުފެދޭނެ އެވެ. އެހެންވެ މާ ގިނަގިނައިން ފެންވެރުމުން އެލާޖީ އާއި ނޭވާއަށް އުނދަގޫވުން، އޮޓޯއިމިއުން ބަލިތައް އަދި ހަކުރުބަލި ވެސް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

"އިންސާނާގެ ހަށިގަނޑަކީ ހަގީގަތުގައި ރަނގަޅަށް ތެޔޮ ޖަހާފައިވާ މެޝިނެއް ފަދަ އެއްޗެއް. އަހަންނަށް ހީވަނީ ގިނަ މީހުން ފެން ވަރަނީ މާ ގިނައިން ހެން. ކޮންމެދުވަހަކު ފެންވެރުމަކީ ބޭނުންކަމެއް ނޫން،" ޖޯޖް ވޮޝިންޓަން ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ޑާމަޓޮލޮޖީ ޑރ. ބްރެންޑަން މިޗެލް ވިދާޅުވި އެވެ.

މިޗެލް ވިދާޅުވީ ހަފުތާ އަކު ދެ ފަހަރު ފެންވެރުމުން ރަނގަޅުވާނެ ކަމަށެވެ. ކޮންމެ ދުވަހަކު ފެން ވަރާނަމަ އެ ފެންވެރެނީ މާ ގިނައިން ކަމަށެވެ.

ފެންވަރާއިރު ވީހާ ވެސް ކުޑަވަގުތުކޮޅެއް ފެންވެރުމުގައި ހޭދަކުރުމަށާއި ތާފަނާ ފެނުން ފެންވެރުމަށް ވެސް ޑރ. ބްރެންޑަން އިރުޝާދު ދެއްވި އެވެ. މާ ގިނަ ފެން ޚާއްސަކޮށް ހޫނުފެނުން ހަންގަނޑު ޑްރައި ވާނެ އެވެ.