ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލައިގެން ތިބޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. މިނިސްޓަރު އިމްރާން މިފަދަ މޭރުމަކުން ޓްވީޓެއް ކުރައްވާފައިވަނީ ސީރިއާގެ ހަނގުރާމާގައި ބައިވެރިވުމަށް އެ ގައުމަށް ގޮސް އުޅޭ ދިވެހި ޒުވާނަކު ބޭރުގެ ނޫސްވެރިއަކަށް އިންޓަވިއުއެއް ދީފައިވަނިކޮށެވެ. އެ އިންޓަވިއުގައި އެ ޒުވާނާ ވަނީ ދިވެހި ރައްޔިތުންގެ މައިގަނޑު ވިސްނުން ހުރި ގޮތްކަމަށް ބުނެ ބައެއް ވާހަކަތަކަށް ހިއްސާކޮށްފައެވެ.
އިމްރާންގެ ޓްވީޓްގައި ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މި ސަރުކާރުން އަޅަމުންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލައިގެން ތިބޭނެ ކަމެއް ނޫން ކަމަށެވެ.
ސީރިއާގެ ހަނގުރާމާގައި ބައިވެރިވުމަށް އެ ގައުމަށް ގޮސް އުޅޭ ދިވެހި ޒުވާނަކު ބޭރުގެ ނޫސްވެރިއަކަށް ދިން އިންޓަވިއުގައި ބުނެފައިވަނީ އެމީހުން ސީރިއާއަށް ދިޔައީ މުސްލިމުން އުޅެމުންދާ ދަތި ހާލަތުން ސަލާމަތް ކުރުމަށް ކަމަށެވެ.
ދިވެހި ބަހުން އޭނާ ދިން އެ އިންޓަވިއުގައި އިތުރަށް ބުނެފައިވަނީ އެމީހުން އައިއެސްއާ ގުޅުމެއް ނެތް ކަމަށެވެ. އެ ޒުވާނާ ވަނީ ރާއްޖޭގެ ހާލަތާމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދީނީ ދުރު “ސެކިއުލާ” ބައެއްގެ ވަރުގަދަ ނުފޫޒު ސަރުކާރުގެ ތެރޭގައި އޮތް ކަމަށް ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި އެ ޒުވާނާގެ އިންޓަވިއު ވަރަށް ބޮޑަށް ވައިރަލްވެފައިވެއެވެ.