ލައިފްސްޓައިލް

ރަންބީރު-އާލިއާގެ "ބްރަހްމަސްތުރާ" ރިލީޒްކުރުން އިތުރަށް ލަސްކޮށްފި

ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބްރަހްމަސްތުރަ" ރިލީޒްކުރުން އަނެއްކާވެސް އިތުރަށް ލަސްކޮށްފި އެވެ. ފިލްމު އިތުރަށް ލަސްވީ ފިލްމުގެ ޝޫޓިން ނިމުން ލަސްވާތީ އެވެ. ފިލްމުގައި ވީއެފްއެކްސް މަސައްކަތް ވަރަށް ގިނައިން ހުރުމާއެކު އެ މަސައްކަތަށް ވެސް ވަގުތު ބޭނުންވާތީ ފިލްމު ލަސްވާން މެދުވެރިވި އެވެ.

މިހާރު ފިލްމުގެ ޝޫޓިން އިންޑިއާގެ މަނާލީގައި ކުރިޔަށް ދާއިރު އަދި އެހެން ރަށެއްގައި އިތުރު ބައިތަކެއްގެ ޝޫޓީން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފިލްމުގައި ޝާޙްރުކް ޚާން ވެސް ކުޑަ ރޯލެއް އަދާކުރެ އެވެ. އަދި އެ ބައިގެ ޝޫޓީން ވެސް ފުރިހަމަ ނުވާތީ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް އާއި ޑައިރެކްޓަރު އަޔާން މުކަރުޖީ މަޝްވަރާ ކުރުމަށްފަހު މިހާރު އެއްބަސްވެފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ފިލްމު ރިލީޒް ކުރުމަށެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ އަހަރުގެ ކުރީކޮޅު އެވެ.

މި ފިލްމަކީ ސުޕަހީރޯ ފިލްމަކަށް ވާތީ ވިޝުއަލް އިފެކްޓްސް ވަރަށް ފުރިހަމަވާން ޖެހެ އެވެ. އެހެންވެ އަވަހަށް ރިލީޒްކުރާނަމަ ވިޝުއަލް އިފެކްޓްސް އެންމެ ފުރިހަމައަކަށް ނުބެހެއްޓޭނެ އެވެ. ފިލްމު ރިލީޒްކުރުން ލަސްކުރީ މި ސަބަބާ ހެދި އެވެ.
ފިލްމުގެ ފުރަތަމަ ޓްރެއިލާ އާއެކު ވެސް ބެލުންތެރިންގެ ހިތްތަކާ ކުޅެލާ ފަދަ މޮޅު ވިޝުއަލް އިފެކްޓްސްތަކެއް ފެނިގެން ދާނެކަން ޔަގީން ވާތީ ފިލްމު ކުޑަކޮށް ލަސްވުމަކީ ކަރަން އާއި އަޔާން މާ ބޮޑަށް ކަންބޮޑުވާ ކަމަކަށް ނުވެއެވެ.

އާލިއާ އާއި ރަންބީރުގެ އިތުރުން މި ފިލްމުގެ އަމީތާބު ބައްޗަން ވެސް މުހިއްމު ރޯލެއް އަދާކުރެ އެވެ.