ވިޔަފާރި

"ފަސޭހަ މަދަދު" ގެ ފަސޭހައަކީ ކޮބާ؟

Aug 25, 2015

 

އިސްލާމީ ޝަޔިއްޔާ ގަބޫލުކުރާ ގޮތަށް ފަރުމާކޮށްފައިވާ މި ސްކީމުގެ ދަށުން ދޫކުރަނީ ވިޔަފާރިއެއް ފަށަން ބޭނުންވާ ތަކެއްޗެވެ. މިސާލަކަށް ލޮރީއެއް އޮވެ، އެ ލޮރީގައި ތައްޔާރީ ކާނާ އުފައްދާ ގޮތަށް ތަރައްގީ ކުރަން ބޭނުންނަމަ މި ސްކީމުގެ އެހީގައި އެއަށް ބޭނުންވާ ސާމާނު ގަނެދެ އެވެ. މި ސްކީމުގެ ފުރަތަމަ ބުރުގައިގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 30.8 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމް ދާއިރާ: ޖުމްލަ ފަންޑު 12.3 މިލިއަން ރުފިޔާ

ދަތުރުފަތުރުގެ ދާއިރާ: ޖުމްލަ ފަންޑު 9.2 މިލިއަން ރުފިޔާ

ޓެކްސީ އާ ކުރުން

ވިޔަފާރީގެ ބޭނުމަށް ކާރު ފިޔަވައި އެހެނިހެން އުޅަނދެއް ގަތުން، ނުވަތަ ބަނުމާއި މަރާމާތު ކުރުން ނުވަތަ ބޭނުންވާ ތަކެތި ނުވަތަ އާލާތްތައް ގަތުން

އިމާރާތް ކުރުމުގެ ދާއިރާ: ޖުމްލަ ފަންޑު 6.8 މިލިއަން ރުފިޔާ

އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނާއި ތަކެތި ގަތުން

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ: ޖުމްލަ ފަންޑު 3 މިލިއަން ރުފިޔާ

އުފެއްދުންތެރި އިނޮވޭޓިވް ގޮތަކަށް މަސްވެރިކަމާއި ދަނޑުވެރިކަން ކުރުމަށް ފައިސާ ނުވަތަ ތަކެތި ދޫކުރުން

އިސްލާމިކް ފައިނޭންސް ސްކީމުގެ ދަށުން ފައިދާގެ އަދަދު ކަނޑައަޅާނީ ދަރަނި އަދާކުރުމަށް ހުށަހަޅާ މުއްދަތާއި ތާވަލް ބަލައި ނުވަ ޕަސެންޓުގެ ރޭޓެއްގަ އެވެ. މި ސްކީމުގައި ނަގާ ތަކެތީގެ ފައިސާ ދައްކާ މުއްދަތު ކަނޑައަޅާނީ ވިޔަފާރިއަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބެލުމަށް ފަހު ގިނަވެގެން ހަ އަހަރެވެ. މި ސްކީމުން ފައިސާ ދެއްކުމަށް އެއް އަހަރު ދުވަހުގެ ގްރޭސްޕީރިއަޑެއް ލިބޭނެ އެވެ. މި ސްކީމަށް ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ކުރިމަތިލެވިދާނެ އެވެ.

"ފަސޭހަ މަދަދު" ސްކީމަށް ހުށަހެޅުމުގެ ފޯމް މިހާރު ދޫކުރަމުން އަންނަ އިރު، ފޯމްތައް ބަލައިގަންނަން ހަމަޖައްސާފައި ވަނީ މި އަންނަ މަހުގެ 18 އިން 29 އަށެވެ. ފޯމް ދޫކުރަމުން އަންނަނީ ބޭންކްގެ އެކި ބްރާންޗްތަކުންނެވެ. އަދި އޮންލައިންކޮށް ވެސް ފޯމް ލިބެން ހުރެ އެވެ.