ލައިފްސްޓައިލް

"ކުލްފީ" ބޮޑުވަނީ، މޯހިތު ޝޯ އަށް އަލްވަދާއު!

ސްޓާ ޕްލަސްގެ މަޝްހޫރު ޝޯ "ކުލްފީ ކުމާރް ބާޖޭވާލާ"ގައި ސިކަންދަރުގެ ރޯލު އަދާކުރާ މޯހިތު މަލިކު އެ ޝޯ އިން ވަކިވާން ނިންމައިފި އެވެ. މޯހިތު ޝޯ އިން ވަކިވާ ވާހަކަ މީގެ ކުރިން ވެސް އެތައް ފަހަރަކު އެކި މީޑިއާތަކުން ފެނިފައި ވިޔަސް ކޮންމެ ފަހަރަކު ވެސް މޯހިތު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ނަމަވެސް މިފަހަރު ޝޯ އިން ވަކިވާ ޚަބަރު މޯހިތު ވަނީ ޔަގީން ކޮށްދީފަ އެވެ.

މޯހިތު ބުނި ގޮތުގައި "ކުލްފީ" އެތައް އަހަރެއް ކުރިޔަށް ޖައްސާލަން މިހާރު ނިންމާފައިވާ ކަމަށެވެ. މިހާރު އޭނާ ކުޅެނީ ކުޑަ ދެ ކުދިންގެ ބައްޕައެއްގެ ރޯލު ނަމަވެސް ލީޕަށް ފަހު ދެން ފެންނާނީ ޒުވާން ވެފައިވާ ކުލްފީ އަކާއި އަމައިރާ އެއް ކަމަށް ވާތީ އެހާ ބޮޑެތި ކުދިންގެ ބައްޕައެއްގެ ރޯލު ކުޅެން އޭނާ އަދި ތައްޔާރު ނޫން ކަމަށެވެ. ޝޯ އިން ވަކިވާން ގަސްތުކުރީ މި ސަބަބާ ހެދި ކަމަށް ވެސް މޯހިތު ބުންޏެވެ.

އިންޑީއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މޯހިތު ބުނީ "ކުލްފީ"ގައި ސިކަންދަރުގެ ރޯލު ކުޅޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި މިހާރު ދެން ޝޯ އަށް އަލްވަދާއު ކިޔަންވީ ވަގުތު އަތުވެއްޖެ ކަމަށެވެ.

ބައްޕަ އަކާއި ކުޑަ ދެ އަންހެންދަރިންގެ އޮތް ވަރުގަދަ ލޯބި މި ޝޯގައި ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާތީ އުފާކުރާ ކަމަށް ވެސް މޯހިތު ބުންޏެވެ.

އެހާ ގިނަ ދުވަހު ކުލްފީ (އާކްރީތީ ޝަރުމާ) އާއި އަމައިރާ (މައިރާ ސިންގް) އާއެކު ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާތީ އެ ކުދިންނާ ވަކިވާން ޖެހުމުން ވަރަށް ދެރަވާކަމަށް ވެސް މޯހިތު ބުންޏެވެ.

ބޮޑުވެފައިވާ ކުލްފީގެ ބައްޕައެއްގެ ރޯލު ކުޅެން އޭނާ ހިތްހަމަނުޖެހޭތީ އެ ރޯލަށް އިންސާފު ކުރެވިދާނެ ކަމަކަށް މޯހިތު ނުދެކެ އެވެ.

މިހާރު "ކުލްފީ"ގައި ދައްކަނީ ސިކަންދަރުގެ ސިކުނޑީގައި ޓިއުމަރެއް އިނދެގެން އެކަމަށް ފަރުވާ ހޯދަމުންދާ ތަނެވެ. މޯހިތު ޝޯ އިން ވަކިވާތީ މި ބަލީގައި މޯހިތު މަރުވާތަން ޝޯގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

މުސްތަގްބަލުގެ ޕްލޭން ތަކާ ބެހޭ ގޮތުން މޯހިތު ބުނީ ދުވަސްކޮޅަކަށް ބްރޭކެއް ނެގުމަށްފަހު ދެން ކުޅޭނެ ޝޯއެއް ނިންމާނެ ކަމަށެވެ.