ލައިފްސްޓައިލް

ކުޑަކުދިންނަށް ފޯނު ފަދަ ގެޖެޓުތައް ދިނުމުގެ ނުރައްކާ

މިޒަމާނުގައި އަހަރެމެންގެ ތެރެއިން އެއްވެސް މީހަކަށް ޓެކްނޮލޮޖީގެ ބޭނުން ނުހިފައެއް ނޫޅެވެ އެވެ. ނަމަވެސް މީގެ ގެއްލުން ވަރަށް ބޮޑުކަން އެންމެންނަށް ވެސް އެނގެ އެވެ. ޚާއްސަކޮށް ކުޑަކުދިންނަށެވެ. ކުޑަކުދިން އެކި ފާޑުގެ ގެޖެޓްތައް ގެންގުޅޭ މިންވަރަށް ބަލާއިރު މައިންބަފައިންގެ ހޭލުންތެރިކަން މިކަމާ މެދު ކުޑަކަން ފާހަގަކޮށްލަން ޖެހެ އެވެ. ބޮޑާ ނުހާކާ ރީތިކޮށް ތަނެއްގައި އިންނާނެކަން ޔަގީންވާތީ ބޮލަށް ފަސޭހައަށް ކުދިންނަށް ފޯނާއި ލެޕްޓޮޕް އަދި އައިޕެޑާއި ގޭމް ފަދަ ތަކެތި ދީފައި ކިތަންމެ އިރަކު ބައިތިއްބަން ވެސް ބައެއް މައިންބަފައިންނަށް އެހާ ބޮޑު ކަމަކަށް ނުވެ އެވެ. ނަމަވެސް މިއީ ސީރިއަސް މައްސަލައެކެވެ. ކުދިންގެ ސިއްހަތަށް އިންތިހާއަށް ގެއްލުން ހުރި ކަމެއް ވެސް މެއެވެ.

ފޯނާއި އައިޕެޑް ފަދަ ތަކެތި އަބަދު ބޭނުންކުރުމުގެ ސަބަބުން ކުދިންނަށް ލިބޭ ގެއްލުމުގެ ތެރެއިން ފަސްކަމެއް މި ލިޔުމުގައި ފާޙަގަކޮށްލަމެވެ. އެތަނުން ފުރަތަމަ ކަމަކީ ކުދިންނަށް ލިބޭ ކަންނެތް ކަމެވެ.

އިންޓަނެޓުގެ ޒަރިއްޔާއިން އަހަރެމެން ބޭނުންވާ ކޮންމެ މައުލޫމާތެއް ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ލިބެ އެވެ. މިއީ ބުރަ މަސައްކަތް ނުކޮށް ފަރުޖެއްސޭ ސަބަބެކެވެ. ނަމަވެސް ކިޔަވާ ކުދިންނަށް މިއީ އެހާ ރަނގަޅު ކަމެއް ނޫނެވެ. މާ ބުރަ މަސައްކަތެއް ނުކޮށް އެއްޗެއް ދަސްކުރުމެއް ނެތި ހުރިހާ މައުލޫމާތެއް ވަގުތުން ލިބުމުން އެ ވަގުތަކަށް އެ މައުލޫމާތެއް ބޭނުންކޮށްލައިގެން ފަރުޖައްސާލާތީ ކުދިންގެ ކަންނެތްކަން މިކަމުން އިތުރުވެ އެވެ.

އަބަދު ގެޖެޓް ބޭނުންކުރަން ލިބޭނަމަ ކުދިންނާ އެހެން މީހުންނާ އޮންނަ ގުޅުން ކުޑަވެ އެވެ. ޓެކްނޮލޮޖީ ނެތް ޒަމާނުގައި އަހަރެމެން މާ މަޖާކޮށް ސަކަރާތްޖަހާ އުޅެމު އެވެ. ނަމަވެސް މިޒަމާނުގައި މަޖާ ކުޅިވަރެއް ކުޅެލުމުގެ ބަދަލުގައި ކޮންމެ ކުއްޖަކުވެސް އިންނާނީ ފޯނުން ނުވަތަ ލެޕްޓޮޕުން ކޮންމެވެސް ގޭމެއް ކުޅެ ނުވަތަ ފިލްމެއް ބަލާށެވެ. އެހެންމީހަކު އޭނާ އާ ބައިވެރި ނުވެ އެކަނި އިންނަން ޖެހިއްޖެނަމަ ވަރަށް އުފާވާނެ އެވެ. ބޮޑެތި މީހުން ވެސް ހަމަ އެފަދަ އެވެ. ކޮންމެ މީހަކު ވެސް ފެންނައިރު އިންނާނީ ފޯނަށް ގެއްލިފަ އެވެ. އޭނާގެ ކައިރީގައި ތިބީ ކޮން ބައެއް ކަމެއް އެމީހުން ކުރަނީ ކީއްކަމެއް ވެސް ގިނަ މީހުންނަކަށް ނޭނގޭނެ އެވެ. މީހަކާ ވާހަކަ ދެއްކިޔަސް ދައްކާނީ މަޖްބޫރުން ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އެކަންޏެވެ.

ގެޖެޓް ގެންގުޅުމުގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ރަނގަޅަށް ނުނިދޭ މައްސަލަ ފާހަގަ ކޮށްލަން ޖެހެ އެވެ. ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ގެޖެޓްތަކުން ބޭރުވާ ރޭޑިއޭޝަނުން ނިދިއައުމުގެ އިހްސާސް ކުރެވޭލެއް ކުޑަވެ އެވެ. މާނައަކީ ފޯނުގައި ގިނަ ވަގުތު ހޭދަކުރާ ވަރަކަށް ނިދޭލެއް މަދުވުމެވެ. އަދި ރޭގަނޑު ވަރަށް ލަސް ވަންދެން ގޭމް ކުޅެން ނުވަތަ ފޯނާ ކުޅެން ނުނިދާ ތިބުމުގެ ސަބަބުން ކުދިން ނިދަންޖެހޭ ގަޑިތަކަށް ގަވާއިދުން ނުނިދޭ މައްސަލަ ވެސް ދިމާވެ އެވެ. ޚާއްސަކޮށް ކުދިން ގަޑިއަށް ނިދާތޯ ނުނިދާތޯ ނުބަލާ ބެލެނިވެރިންގެ ދަރިންނަށް މި މައްސަލަ ބޮޑުވެ އެވެ.

ގެޖެޓް ގެންގުޅޭ ވަގުތު ގިނަ ވުމުގެ ސަބަބުން މައިންބަފައިންނާއި ކުދިންނާ އޮންނަ ގުޅުމާއި ދެ ފަރާތުގައި އޮންނަ މުވާސަލަތީ ގުޅުމަށް ވެސް ބުރޫ އަރަ އެވެ. މައިންބަފައިން އެއްޗެކޭ ބުންޏަސް މާ ބޮޑަށް އެ ދައްކާ ވާހަކަ އަކަށް ސަމާލުކަން ނުދީ ކުދިންނަށް ތިބެވޭ ގޮތް ވެއެވެ. އަދި މައިންބަފައިން ވެސް ފޯނަށް ގެއްލިފައި ކުދިން ދައްކާ ވާހަކަ އަޑުނާހާ ތިބެ އެވެ.

މައިންބަފައިންނާއި ދަރިންގެ މެދުގައި ވާހަކަ ދެއްކުން މަދުވެއްޖެނަމަ ހީވެސް ނުކުރާ ކަހަލަ ގެއްލުންތައް ލިބޭނެ އެވެ.
މާ ބޮޑަށް ސްކްރީނަށް ޑިޕެންޑް ވުމަކީ ކުދިންނަށް ޖެހޭ ފާޑެއްގެ ބައްޔެކެވެ. ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ ވެސް ކުދިން ބޭނުންވަނީ ގޭމެވެ. ނުވަތަ ފޯނެވެ. އަނެއްކޮޅުން ނިދެންދެން ވެސް އަތުގައި އެ އެއްޗެތި އޮވެ އެވެ. އެންމެ ގަޑިއެއްގެ އިރުވެސް މި އެއްޗިއްސާ އުޅެން މިހާރު ގިނަ ކުދިންނަށް ދައްޗެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ގެޖެޓާ ދުރުގައި ފޮތް ކިއުމާއި ހެލިފެލިވެ އުޅެވޭ ކަހަލަ ކުޅިވަރުތަކުގައި ކުދިން ގިނަ ވަގުތު ޝާމިލުކޮށްފައި ބޭތިއްބުމަށް މައިންބަފައިން ސަމާލުކަން ދޭން ޖެހެ އެވެ. ނޫންނަމަ ހީވެސް ނުކުރާ ކަހަލަ މައްސަލަތައް ކުދިންނަށް ދިމާވެދާނެ އެވެ.