ލައިފްސްޓައިލް

ކާފަ މަރުވުމުން ބަދިގެ ހިންގުމާ އާއިލާއިން ހަވާލުވެއްޖެ

ނާރަޔަން ރެޑީ އަކީ އިންޑިޔާގެ ކައްކާ އެކެވެ. އޭނާގެ ޔޫޓިއުބު ޗެނަލް އިން މީރު ކާއެއްޗެތި ހަދާނެ ގޮތް އޭނާ ކިޔައިދެ އެވެ. އަދި އޭނާ ކައްކާ މީރު ކާނާ އެތައް ސަތޭކަ ޔަތީމު ކުދިންނަކަށް ކާން ދެއެވެ. މުންޑާއި ޖުއްބާ ލައިގެން ހުންނަ ކާފަ އެކި ކާއެއްޗެތި ހަދާނެގޮތް ކިޔައިދޭއިރު މޫނުގައި ހިތްހެޔޮކަމުގެ ހިނިތުންވުމެއް ހުރެ އެވެ. މިއީ އެތައް މިލިއަން ބަޔަކަށް ކާފަގެ ޗެނަލް މަގްބޫލުވީ އެއް ސަބަބެވެ.

ޔަތީމު ކުދިންގެ ލޯބިވާ ކާފަ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. ނަމަވެސް ކާފަ ނެތް ދުނިޔޭގައި އޭނާ ކުރި މަސައްކަތް ދިރުވާ އޭނާގެ ހަނދާންތައް ޒަމާންތަކަށް ދިރުވަން އާއިލާއިން މިހާރު ވަނީ ނިންމާފަ އެވެ.

އެ އާއިލާއިން "ގްރޭންޑްފާދާޒް ކިޗަން" ޔޫޓިއުބު ޗެނަލްގައި ޝެއާކުރި ވީޑިއޯ "ޔޫ... ލިވް އިން އަވަ ހާޓްސް"ގައި އާއިލާއިން ބުނެފައިވަނީ ކާފަ ކުރި މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދަން އާއިލާއިން ނިންމާފައިވާ ކަމަށެވެ.

ރެޑީ (ކާފަ) ތައްޔާރުކޮށްދިން ކާނާ އަކީ ތަފާތު ޓްރެޑިޝަންތަކުގެ ތަފާތު ރަހަ ތަކުގެ ކާނާ އެވެ. އޭނާ ހެވިފައި ހުރެ އެ ކާއެއްޗެތި ތައްޔާރުކުރާ ގޮތް ކިޔައިދޭއިރު ބަލަން ތިބޭ މީހުންނަށް ވެސް ވަރަށް މަޖާވެ އެވެ. އަބަދުވެސް އޭނާ އެޕިސޯޑް ފަށަނީ "ލަވިން، ކެއަރިން، ޝެއަރިން" މި މޮޓޯގެ ދަށުންނެވެ. މާނައަކީ ލޯތްބާއި އޯގާތެރިކަން އަދި ހިއްސާ ކުރުމެވެ.

ހަ މިލިއަނަށް ވުރެ ގިނަ މީހުން ކާފަގެ ޗެނަލް ސަބްސްކްރައިބް ކޮށްފައިވާއިރު މި ވީޑިއޯތަކުގައި ފެންނަނީ ރެޑީ އާއި އޭނާގެ ކާފަ ދަރިން ކައިވެނި ޕާޓީއަކަށް ކާއެއްޗެތި ތައްޔާރުކުރާ ވަރަށް ކާ އެއްޗެތި ތައްޔާރުކުރާ ތަނެވެ. މި ހުރިހާ ކާއެއްޗިއްސަކީ ފަގީރު ކުދިންނަށް ކާންދޭން ކާފަ ތައްޔާރުކުރާ އެއްޗިއްސެވެ.

ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ރެޑީގެ ތިމާގެ މީހަކު ބުނި ގޮތުގައި ކާފަގެ ޔޫޓިއުބު ޗެނަލް ކުރިޔަށް ގެންދިއުމަށްޓަކައި އެ އާއިލާގެ މީހުން އެމީހުން އަދާކުރަމުންދިޔަ ފުލްޓައިމް ވަޒީފާތަކުން ކެނޑިފައިވާ ކަމަށެވެ. އަދި އެ އެންމެން ވެސް ދެން މަސައްކަތް ކުރާނީ ޗެނަލް ކުރިޔަށް ގެންދިއުމަށެވެ.

ކާފަ ކަންތައް ކުރި ގޮތަށް އެކި ކާ އެއްޗެހި ތައްޔާރުކުރާ ގޮތް ކިޔައިދީގެން މީހުން މުނިފޫހި ފިލުވުމުގެ އިތުރުން ކައްކާ ހުރިހާ އެއްޗެތި ފަގީރު ކުދިންނަށް ކާން ދިނުމަށް ކާފަގެ އާއިލާއިން ގަސްތުކުރާ ކަމަށް ވެސް ކާފަގެ ތިމާގެ މީހާގެ އިންޓަވިއު ގައި ބުނެފައި ވެއެވެ.

ކާނާގެ އިތުރުން ޔަތީމު ކުދިންނަށް ބޭނުންވާ އަންނައުނާއި ސްކޫލް ސާމާނު އަދި އުފަން ދުވަހުގެ ހަދިޔާ ވެސް ފޯރުކޮށްދިނުމަށް ކާފަގެ އާއިލާ ގަސްތުކުރެ އެވެ.

ކާފަގެ ޗެނަލް އިން އަޕްލޯޑްކުރި ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާފައިވަނީ ކްރިސްޕީ ފްރެންޗް ފްރައިޒް ތައްޔާރުކުރި ވީޑިއޯ އެވެ. މި ވީޑިއޯ 38 މިލިއަން މީހުން ބަލާފައި ވެއެވެ.