ދުނިޔެ

ބޮޑުވަޒީރުކަން ހޯދުމުގައި ޔޫއެންޕީގައި ކޯޅުން އުފެދިއްޖެ

Dec 14, 2019

ސްރިލަންކާގައި އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެގައުމަށް ބޮޑު ވަޒީރަކު ހޯދުމުގެ ރޭހުގައި ޔުނައިޓެޑް ނޭޝަނަލްް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރުން ރަނިލް ވިކްރަމް ސިންހަ އާއި ޑެޕިއުޓީ ލީޑަރު ސަޖިތް ޕްރްމަދާސަގެ ސަޕޯޓަރުންގެ މެދުގައި ކޯޅުން އުފެދެން ފަށައިފި އެވެ.

ސަޕޯޓަރުންގެ މެދުގައި ކޯޅުންތަށް އުފެދެން ފެށީ، މަޖިލިސް އިންތިހާބުގައި ޔޫއެންޕީ ވާދަކުރާނީ ރަނިލްގެ ލީޑާޝިޕުގެ ދަށުން ކަމަށް އެ ޕާޓީގެ ޖެނެރަލް ސެކްރެޓަރީ އަކީލާ ވިރާޖް ކަރިޔަވަސަމް ވިދާޅުވުމުން، ސަޖިތް އެކަން ދޮގު ކުރަން ފެށުމުންނެވެ. ނަމަވެސް ޔޫއެންޕީގެ މަޖިލިސް މެމްބަރެއް ކަމަށްވާ ރަންޖީތު މައްދުމާ ބަންޑާރަ ވިދާޅުވީ، ބޮޑު ވަޒީރަށް ވަކި ބޭފުޅަކު ހަމަޖެއްސުމާ ގުޅޭ ގޮތުން ޕާޓީއިން އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށާއި، މިހާރުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ވަނީ ސަޖިތް ލީޑާޝިޕްގެ ދަށުން ވާދަކޮށް އަޣުލަބިއްޔަތު ލިބިޖެއްނަމަ ބޮޑު ވަޒީރުގެ މަގާމަށް ހަމަޖެއްސުން ކަމަށެވެ.

ޕާލަމެންޓުގެ އިދިކޮޅު ލީޑަރަކީ ސަޖިތު ކަމަށް ޔޫއެންޕީން ވަނީ ހަމަޖައްސައިފަ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ކެންޑިޑޭޓަކު ހަމަޖެއްސުމާ މެދު ރަނިލް އާއި ސަޖިތުގެ މެދުގައި ވަނީ ހިޔާލުތަފާތުވެފަ އެވެ. ހިޔާލުތަފާތުވުން ތަކުގެ ތެރެއިން ސަޖިތް ނިންމީ ރިޔާސީ އިންތިހާބުގައި ވާދަކުރާށެވެ. ނަމަވެސް ގޮތަބަޔަ ރާޖްޕަކްސާއާ ވާދަކޮށް ސަޖިތް ވަނީ ބަލިވެފަ އެވެ. އަދި ބަލިވުމުގެ ޒިންމާ ސަޖިތް އަޅުވާފައިވަނީ ރަނިލްގެ ބޮލުގަ އެވެ.