ސައިންސް

ޖަނަވާރެއްގެ އެންމެ ޒަމާންވީ ކުރެހުން ހޮހަޅައެއްގެ ތެރެއިން

Dec 15, 2019

ތާރީހީ ތަކެތި ހޯދުމަށް މިހާރު ވެސް އާކިއޮލިޖިސްޓުން ވަރަށް ބުރަ މަސައްކަތެއް ކުރެ އެވެ. އާންމު ގޮތެއްގައި މިފަދަ ތާރީހީ ކަންކަން ހޯދުމުގައި އުޅެނީ ޔުނިވާސިޓީތަކާއި އަމިއްލަ ޖަމިއްޔާތަކެވެ. މަދުން ނަމަވެސް އަމިއްލަ ފަރާތަކުން ބޮޑެތި ތާރީހީ ހޯދުންތައް ހޯދުމަށް މަސައްކަތް ކުރެ އެވެ. އެއީ ހުންނަ ޝައުގެއްގެ ބޮޑު ކަމުން ކަމަށް އެފަރާތްތަކުން މީގެ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ވަނީ ބުނެފަ އެވެ. މިއަހަރު ނިމެން ދާއިރު މިހާތަނަށް ތާރީހީ ދިރާސާވެރިން ވަނީ މީގެ ކުރިން ނުހޯދި ހުރި ގިނަ ތާރީހީ ސައިޓުތައް ހޯދައި އެކަމުގެ މައުލޫމާތު ދީފަ އެވެ. އެހެންކަމުން މިއީ ތާރީހީ ދިރާސާވެރިންނަށް ވަރަށް ކާމިޔާބު އަހަރެކެވެ.

މިއަހަރު ނިމެންދާއިރު ވެސް ތާރީހީ ދިރާސާވެރިން މިވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ. މިހާތަނަށް ފެނުނު އެންމު ދުވަސްވީ ޖަނަވާރުގެ ކުރެހުން ފެނިފަ އެވެ. މިއީ މީގެ 44،000 ކުރިން އިންޑަނޭޝިއާގެ ހޮހަޅެއްގެ ތެރޭގައި ކުރާހާފައިވާ ކުރެހުމެކެވެ. މިއީ އަތުން ކުރާހާފައިވާ ކުރެހުމެކެވެ. މި ކުރެހުމުގައި ވަނީ ކޮން ޖަނަވާރެއް ކަން ބުނާކަށް އަދި މި ކުރެހުން ހޯދި ތާރީހީ ދިރާސާވެރިންނަށް ނޭނގެ އެވެ. ސަބަބަކީ ކުރެހުމުގައި އެއްބައިގައި ޖަނަވާރު ހުރި އިރު އަނެއްބައިގައި ވަނީ އިންސާނެކެވެ. ބަލާބެލުމަށް ކުރެހުން ވައްތަރުވަނީ ފުއްލާ އަކާއެވެ. ކުރެހުމުގައި ފުއްލާގެ މޫނު ހެން ސިފަވާގޮތަށް ކުރެހުމަށްފަހު ދެން ހުރީ އިންސާނެއްގެ ކޮނޑުހުޅުން ތިރި ކުރަހާފަ އެވެ. އެހެންކަމުން މިއީ ސިހުރު ހާހުރައިގެ ބޭނުމުގައި ކުރެހި ކުރެހުމެއް ކަމަށް ދިރާސާވެރިންގެ ޓީމުން ލަފާކުރެ އެވެ.

"ވަރަށް ބޮޑަށް ބެލެވޭ މިއީ ސިހުރުގެ ކަމެއްހެން، މީގެ ކުރިން ވެސް މި ސަރަހައްދުން ވަނީ ސިހުރު ހަދަން އުޅުނު ވަރަށް ކުރީގެ ސާމާނުތަކެއް ފެނިފަ، ހޮހަޅަ ކައިރިން ވެސް ވަނީ ފެނިފަ، އެއްވެސް ކަހަލަ ރިކޯޑެއް ނެތް އިންޑަނޭޝިއާގެ މި ހޮހަޅަ ކައިރީގައި މީހުން ދިރުއުޅުނު ކަމުގެ، މިތަން އާންމުކޮށް ބޭނުންކުރީ ސިހުރު ހެދުމަށާއި، އެނޫންވެސް އިންސާނިއްޔަތާ ހިލާފު ކަންކަމަށް، މިތަނުން ކުރިން ފެނުނު ގަބުރުތަކުން އެކަން އެބައެނގޭ، ކަށިތަކުގެ ކަނާތުފައި އަދި ކަންފަތް މަދު" ކުރެހުން ހޯދި އޮސްޓްރޭލިއާގެ ގްރިފްތް ޔުނިވާސިޓީގެ ޕްރޮފެސަރު މެކްސިމް އޯބާޓް ވިދާޅުވި އެވެ.

އޯބާޓްއާ އޭނާގެ ޓީމުން ވަނީ މިހޮހަޅަ ހޯދުމަށް އިންޑަނޭޝިއާގައި ފަސް އަހަރު ވަންދެން މަސައްކަތް ކޮށްފަ އެވެ. އެމީހުން ވަނީ އެގައުމުގެ އައްސޭރި ހިސާބުގެ ގިނަ ހޮހަޅަތައް ބަލައި ދިރާސާކޮށްފަ އެވެ. އޯބާޓް ކުރެހުމާ ބެހޭގޮތުން އިތުރަށް ވިދާޅުވީ، އެ ކުރެހުމުގައި ވަނީ މުޅިން ރަތްކުލަ ކަމަށެވެ. އަދި އެއީ ކޮންކަހަލަ މެޓީރިއަލްއަކުން ހޯދި ކުލައެއް ކަމެއް ނޭނގޭ ކަމަށެވެ. އެކަން އިތުރަށް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގައި މިއުޒިއަމްތަކުން އެގޭ ގޮތުގައި މިފަދަ ކުރެހުމެއް އިންޑަނޭޝިއާގައި ވާކަން އެނގެން އެބަހުރި ކަމަށް އޯބާޓް ވިދާޅުވި އެވެ. ނަމަވެސް އެއެއަކުން އެއްވެސް މައުލޫމާތެއް ނުލިބުމުން އޯބާޓްއާއި އޭނާގެ ޓީމުން ނިންމީ އިންޑަނޭޝިއާ ގޮސް ދިރާސާތައް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އިންޑަނީޝިއާއިން ވެސް އެކަމުގެ މައުލޫމާތު ސާފު ނުވުމުން ހޮހަޅަތައް ބެލުމުގެ މަސައްކަތް ފެށީ ކަމަށް އޯބާޓް ވިދާޅުވި އެވެ.

މިހާރު އަޑު ފެތުރިފައިވާ ގޮތުންނަމަ މި ކުރެހުން 2017 ވަނަ އަހަރު އިންޑަނޭޝިއާގެ ތާރީހީ ދިރާސާކުރާ މީހަކަށް ވަނީ ފެނިފަ އެވެ. ނަމަވެސް އޭނާ އެކަމާ އަޅާނުލާ ދިޔައީ ކަމަށް ވެ އެވެ. ނަމަވެސް މިކަން އޯބާޓްގެ ޓީމުން ވަނީ ދޮގުކޮށްފަ އެވެ.