ރަންވީރު ސިންގް އަށް މި އަހަރަކީ ވަރަށް ކާމިޔާބު އަދި އެހާމެ ފާހަގަ ކޮށްލެވޭ އަހަރެކެވެ. މިއަހަރު ނުކުތް ފިލްމުތަކަށް އެވޯޑުތައް ދިނުމުގެ އިވެންޓުތައް ފެށިފައިވާއިރު ފުރަތަމަ ބޭއްވި އެވޯޑް ޝޯގައި ވެސް ރަންވީރަށް ވަނީ "ގަލީ ބޯއީ"ގައި އޭނާ ކުޅުނު މުރާދުގެ ރޯލަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފަ އެވެ.
ދާދިފަހުން ރަންވީރު ވަނީ އިންޑިއާގެ މަޝްހޫރު ޕްރެޒެންޓަރު ރަޖީވް މަސަންދުގެ "އެކްޓާޒް ރައުންޑްޓޭބަލް 2019" ޝޯގައި އަޔުޝްމާން ކުރާނާ އާއި ޝާހިދު ކަޕޫރު، ވިޖޭ ޝަރުމާ އަދި އަކްޝޭ ކަންނާ އާއެކު ބައިވެރިވެ އޭނާގެ ފިލްމީ ކެރިއަރާއި މުސްތަގްބަލްގައި ކުރަން ބޭނުންވާ ކަންތައްތައް ތަކާ ބެހޭ މައުލޫމާތު ހިއްސާ ކޮށްފަ އެވެ.
ރަންވީރު ބުނި ގޮތުގައި އެކްޓްކުރުމުގެ އިތުރުން އޭނާ ލިޔުމުގެ މަސައްކަތް ވެސް ކުރެ އެވެ. އަދި ކޮންމެވެސް ދުވަހަކުން ފިލްމެއް ޑައިރެކްޓްކުރަން ވެސް އޭނާ ވަރަށް ބޭނުމެވެ.
"އަހަރެން ވަރަށް ލިޔާހިތްވޭ. އަދި ކޮންމެވެސް ދުވަހަކުވެސް ފިލްމެއް ޑައިރެކްޓްކުރަން ވެސް ބޭނުން. އަހަރެން ޑީޖޭ އަކަށް ވެސް ވާން ބޭނުން. އަހަރެން ދަރިން ހޯދައިގެން އެ ދަރިންނާ އެކު ވަގުތު ހޭދަކުރަން ވެސް ބޭނުން. އަދި ކޮންމެވެސް ހިސާބެއްގައި އޮތް ބީޗަކަށް ގޮސް ގޮނޑުދޮށުގައި ވަގުތު ހޭދަކުރުމަކީ ވެސް ވަރަށް ކުރަން ބޭނުންވާ ކަމެއް،" ރަންވީރު ބުންޏެވެ.
ނަމަވެސް ރަންވީރު ބޭނުންވާ ކަންތައްތަކުގެ ތެރެއިން ދަރިން ހޯދުމުގެ ހުވަފެން އަދި މާ އަވަހަކަށް ހަގިގަތަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ރަންވީރުގެ އަންހެނު ދީޕިކާ ޕަދުކޯން އަކީ ބަތަލާއިންގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެކްޓަރަކަށް ވެފައި ކެރިއަރުގެ މިހާ ހިސާބުން ދީޕިކާ ދަރިއަކު ހޯދަން ވިސްނާނެ ކަމަށް ނުބެލެވޭތީ އެވެ.
ފިލްމީ ރޮނގުން ބަލާއިރު ރަންވީރު ދާދި ފަހުން ވަނީ "83"ގެ ޝޫޓިން ނިންމާލާފަ އެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. މިހާރު އޭނާ ތައްޔާޜުވަމުންދަނީ ޖަޔޭޝްބާއީ ޖޯރްދާރް ކިޔާ ކެރެކްޓާއެއް ކުޅުމަށެވެ.