ލައިފްސްޓައިލް

ނުވަ އަހަރުގައި ޑިގްރީ ނަގަން އުޅޭ ކުއްޖާއަށް މާޔޫސްކަން

ލޯރެންޓް ސައިމަންސްގެ ވާހަކަ ނޫސްތަކުގެ ފަލަސުރުޚީ އަށް މިދިޔަ މަހު އަރާފައިވަނީ ދުނިޔޭގެ އެންމެ ހަގު ގްރެޖުއޭޓަށް ވުމަށް އޭނާ ކުރަމުންދިޔަ މަސައްކަތުގެ ސަބަބުންނެވެ. އެއިންދޯވަންސް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގައި އިލެކްޓްރިކަލް އިންޖިނިއަރިން ގެ ރޮނގުން ބެޗްލާޒް ޑިގްރީއެއް ހޯދުމަށް ކިޔަވަމުންދިޔަ ލޯރެންޓްގެ އަމާޒަކަށް ވެފައި އޮތީ އޭނާގެ އުމުރުން 10 އަހަރު ފުރުމުގެ ކުރިން ޑިގްރީ ހާސިލު ކުރުމެވެ. ރެކޯޑް ގާއިމްކުރުމަށްޓަކައި ލޯރެންޓް އަށް ޖެހެނީ މިއަހަރު ނިމުމުގެ ކުރިން ޑިގްރީ ހޯދާށެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު ޔުނިވަސިޓީން ލޯރެންޓް އާއި އޭނާގެ މައިންބަފައިންނަށް އަންގާފައިވަނީ އެމީހުން އުންމީދު ކުރި ގޮތަށް 10 އަހަރު ނުފުރެނީސް ޑިގްރީ ހާސިލު ކުރުމަކީ މިހާރު ކުރެވޭ ވަރުގެ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ސަބަބަކީ ލޯރެންޓްގެ އުފަން ދުވަހަކީ ޑިސެމްބަރު 26 ވަނަ ދުވަހު ކަމަށް ވެފައި އެހާތަނަށް އޭނާ ހަދަން ޖެހޭ ގިނަ އިމްތިހާނުތަކެއް ހުރުމާއެކު އެ ހުރިހާ އިމްތިހާނުތަކެއް ހަދައި ނުނިންމޭނެކަމަށް ޔުނިވަސިޓީއަށް ފެންނާތީ އެވެ.

ޔުނިވަސިޓީން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލޯރެންޓް އަކީ އާދަޔާޚިލާފު ތޫނު ވިސްނުމެއް ލިބިފައިވާ ކިޔެވުމުގެ ހުނަރު ގުދުރަތުން ލިބިފައިވާ ކުއްޖެއް ކަމަށާއި ކިޔެވުމުގައި ވެސް ލޯރެންޓް ކުރިޔަށް ދަނީ ވަރަށް ހަލުވި ބާރުމިނެއްގައި ކަމަށެވެ.

އޮރިޖިނަލް ޕްލޭނުގައި އޮތީ ޑިސެމްބަރު 26 ގެ ކުރިން ލޯރެންޓް އަށް ޑިގްރީ ހާސިލު ކުރެވޭނެ ގޮތް ހެދުން ނަމަވެސް ބާކީ މިއޮތް ދުވަސްކޮޅަކުގައި އެ ހިސާބަށް ވާސިލު ނުވެވޭނެކަމަށް ޔުނިވަސިޓީ އަށް ގަބޫލު ކުރެވޭކަމަށް އެ ބަޔާނުގައި ވެއެވެ.

އެހެންވެ ޔުނިވަސިޓީން މިހާރު ލޯރެންޓް އަށް ހުށަހަޅަނީ 2020ގެ މެދަކާ ހިސާބުގައި ޑިގްރީ ހާސިލު ކުރެވޭނެ ސްކީމް އެކެވެ.
ނަމަވެސް ލޯރެންޓްގެ މައިންބަފައިން އެކަމާ ހިތްހަމަނުޖެހިގެން އެ ޔުނިވަސިޓީގައި އިތުރަށް ބަހައްޓަން ބޭނުން ނުވާތީ އޭނާ މިހާރު ވަނީ އެ ޔުނިވަސިޓީން ކަނޑާލާފަ އެވެ.

ލޯރެންޓްގެ ބައްޕަ އެލެކްސެންޑްރަ ސައިމަންސް ރޮއިޓާޒް އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި މި ދިޔަ ހަފުތާ އާ ޖެހެންދެން ވެސް ޔުނިވަސިޓީން ބުނެފައިވަނީ ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ހަ މަހުގެ ޑިލޭ އަކަށް ފަހު ނޫނީ ޑިގްރީ އާ ހަމައަށް ނުދެވޭނެކަމަށް ބުނުމުން އެމީހުން ވަރަށް ހިތްހަމަނުޖެހިފައިވާ ކަމަށެވެ.

ޔުނިވަސިޓީން އެގޮތަށް ކަންތައްކުރީ ޑިގްރީ ނިންމާފައި ޕީއެޗްޑީ ހަދަން އެހެން ޔުނިވަސިޓީއަކަށް ލޯރެންޓް ގެންދަން ގަސްތުކުރާކަން އެނގުމުން ކަމަށް އޭނާގެ މައިންބަފައިން ތުހުމަތު ކުރެ އެވެ.

ލޯރެންޓް ބޭނުންވަނީ ޑިގްރީ އަށް ފަހު އާޓިފިޝަލް އޯގަންސް އާ ގުޅޭ ގޮތުން ރިސާޗް ހަދައި ލެބޯޓްރީގައި އާޓިފިޝަލް ބޮޑީއެއް ތައްޔާރު ކުރާށެވެ.

ގިނެސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް ބުނާ ގޮތުން ދުނިޔޭގެ އެންމެ ހަގު ގްރެޖުއޭޓަކީ އެމެރިކާގެ މައިކަލް ކާނީ އަށެވެ. އޭނާ 1994 ގެ ޖޫން މަހު ޑިގްރީ ހާސިލުކުރިއިރު އުމުރަކީ 10 އަހަރާއި 4 މަހެވެ.