ލައިފްސްޓައިލް

ކިތަންމެ މަސައްކަތެއް ކުރިޔަސް ބަނޑުގައި ހުންނަ މަސްތައް ނުވިރެނީ ކީއްވެ؟

އާ އަހަރެއް ފެށެން ތައްޔާރުވާއިރު ވަރަށް ގިނަ މީހުން އާ އަހަރަށް ކަނޑައަޅާ އަޒުމުތަކުގެ ތެރޭގައި ބަރުދަން ލުއިކުރުމާއި ބަނޑު ހިންދާލުމަށް މަސައްކަތް ކުރުން ހިމެނޭނެކަން ޔަގީނެވެ. ނަމަވެސް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ބަނޑުގައި ހުންނަ މަސްތައް ނުވިރޭތީ މާޔޫސްވެ ހަދާނެ ގޮތް ހުސްވެފައިވާ މީހުން ވެސް މަދެއް ނޫނެވެ.

ހިކެން މަސައްކަތްކޮށް މާ ބޮޑު ކާމިޔާބެއް ލިބިފައިނުވާނަމަ ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ބަރުދަން ލުއިކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް ބަނޑުގައި ހުންނަ މަސްތައް ދުއްވާލާކަށް ފަސޭހައެއް ނުވާނެ އެވެ. އެކަމަށް ވަރަށް ވަރުގަދަ ހިތްވަރަކާއި އަޒުމެއް ބޭނުންވާނެ އެވެ. ބަނޑުގައި ހުންނަ ސަރުބީ ވިރުވަން ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައް ހިމެނެ އެވެ.

ފުރަތަމަ ކަމަކީ ރަނގަޅަށް ނިދުމެވެ. ސްޓްރެސް އަކީ ހަށިގަނޑުގައި ސަރުބީ ރައްކާކުރުމާ ގުޅުން ވާ ކަމެކެވެ. ބަނޑުގައި ހުރި ބަސްނާހާ މަސްތައް މުޅިން ދުއްވާލަން ބޭނުންނަމަ ރޭގަނޑު ގަވާއިދުން ހަތް ގަޑިއިރު ނިދަން އާދަކުރާށެވެ. މިގޮތަށް ނިދުމުން ސްޓްރެސް ލެވެލް ދަށްވެ ސިއްހަތަށް ފައިދާ ކުރާނެ އެވެ. އަނެއްކޮޅުން ރޭގަނޑު އެކަށީގެންވާ ވަރަށް ނުނިދޭނަމަ ބަރުދަން އިތުރުވާނެ އެވެ.

ދެ ވަނަ ކަމަކީ ކޮންމެ އެއްޗެއް ވެސް ކާއިރަށް އެއެއްޗަކަށް ވަރަށް ސަމާލުވެގެން އިނދެ މަޑުމަޑުން ލަސްލަހުން ކެއުމެވެ. އޭރުން މާގިނައިން ނުކައި ފަރުޖެއްސޭނެ އެވެ.

ތިން ވަނަ ކަމަކީ ހެލިފެލިވެ އުޅޭ ދިރިއުޅުމެއް ޚިޔާރު ކުރުމެވެ. ގޭގެ ދެ ވަނަ ފަންގިފިލާގައި އުޅޭ މީހުން ވެސް ލިފްޓް ހުރިއްޔާ ލިފްޓުން ނޫނީ ނުދާނެ އެވެ. އޭގެ ބަދަލުގައި އާއްމުކޮށް ސިޑިން އަރަން އާދަކުރާށެވެ. ހިނގާފައި ކިރިޔާ ވެސް ދެވެންއޮތް ތަނަކަށް ދުއްވާ އެއްޗެއްގައި ނުދާށެވެ. ކަސްރަތު ކުރުމަށް ވަގުތު ހޯދާށެވެ. ހިތާއި ފުއްޕާމޭ ވަރުގަދަކޮށް ގިނަ ދުވަހު ހުންނާނީ ކަސްރަތު ކޮށްގެންނެވެ.

ނިދާ ގަޑި ކައިރިކޮށްފައި ރޭގަނޑު ކެއުން ވެސް މިއީ މުޅިން ހުއްޓާލަން ޖެހޭ ކަމެކެވެ. ކާ ގަޑިތަކަށް ފަރުވާތެރިވެ އެ ގަޑިގަޑީގައި ކާށެވެ. ހަށިގަނޑުގެ މެޓަބޮލިކް ރޭޓް ރޭގަނޑު ލަސްވާނެ އެވެ. ވީމާ މި ވަގުތުތަކުގައި ސަރުބީ ވިރުމުގެ ނިޒާމުގެ މަސައްކަތް ވަރަށް ދަށްވާނެ އެވެ. ނަތީޖާއަކީ ސަރުބީ ރައްކާކުރާ މިންވަރު އިތުރުވުމެވެ. ރޭގަނޑު އިރުއޮއްސޭތަނުން ކާނަމަ ނިދުމުގެ ކުރިން ގިނަ ކެލޮރީޒް އަންދާލަން ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރަށް ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ކާނާ ރޭގަނޑު އެއްގޮތަކަށް ވެސް ނުކާށެވެ.

ޑެސްކް ކައިރީ އިނދެގެން ނުކާށެވެ. މާ ގިނަ މަސައްކަތް ހުރީމަ ބަދިގެ ނުވަތަ ކާގެއަށް ކާން ދިއުމުގެ ބަދަލުގައި ޑެސްކް ކައިރީގައި އިނދެގެން ބައެއް މީހުން ކާތަން ފެނެ އެވެ. މަސައްކަތަށް ގެއްލިފައި އިނދެގެން އަތު ޖެހުނު ހުރިހާ އެއްޗެއް ކައި ނިންމާލާ މީހުންނަށް މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން ނުވިސްނެ އެވެ. ހަގީގަތުގައި މިގޮތަށް ކެއުމުން އެ ކާ ހުރިހާ އެއްޗެހި ސަރުބީ އަށް ބަދަލުވެ އެވެ.

މީގެ ނަތީޖާ ފެންނާނީ ބަނޑުންނެވެ. އަދި ނުވިސްނާ މިގޮތަށް ކާއިރު ބޭނުންވާ ވަރަށް ވުރެ ވެސް ގިނައިން ކެވޭނެ އެވެ.

ކިތަންމެ ބުރަޔަސް ކާ ގަޑިއެއް ވައްޓާ ނުލާށެވެ. ކާ ގަޑިތަކަށް ސަމާލުވުމީ ވެސް ބަނޑުން މަސް ވިރުވަން ބޭނުން މީހުންނަށް މުހިއްމު ކަމެކެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ނުކައި އެއް ވަގުތު ދޫކޮށްލުމުން ބަރުދަން ލުއިވާނެ ކަމަށެވެ. ނަމަވެސް މިއީ ގޯސް ވިސްނުމެކެވެ. ނުކައި ހުރުމުން ބަނޑުހައިވާ ވަރަކަށް ސަރުބީ ރައްކާކުރާލެއް އިތުރުވާނެ އެވެ. އަދި ދެން އެންމެ އަވަހަކަށް ކާ ގަޑިއެއްގައި މާ ގިނައިން ކެވޭނެ އެވެ. ބައެއް ފަހަރު އާއްމުކޮށް ކާ ވަރަކަށް ވުރެ ޑަބަލް ގިނަ ކޮށް ވެސް ކެވޭނެ އެވެ. އެމެރިކަން ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައިވާ ދިރާސާއެއް ބުނާ ގޮތުން ހެނދުނުގެ ސައި ކަޓުވާލާ މީހުން ފަލަބަލި ޖެހުމުގެ ފުރުސަތު 4.5 ޕަސެންޓް އިތުރެވެ.