ކުޅިވަރު

ލިވަޕޫލަށް ފުޅާ ލީޑެއް، ޗެލްސި ވީ ބަލި

މުހައްމަދު ސަލާހްގެ ދެ ލަނޑުން ވަޓްފޯޑްގެ މައްޗަށް 2-0 އިން ކާމިޔާބު ހޯދައި އިނގިރޭސި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނައިގައި ލިވަޕޫލުން 10 ޕޮއިންޓަށް ލީޑް ފުޅާ ކޮށްފި އެވެ.

މެޗުން މޮޅުވުމުގެ އިތުރަށް ލިވަޕޫލްގެ ލީޑް ފުޅާވި އަނެއް ސަބަބަކީ، ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ ނޯވިޗް ސިޓީ އަތުން 1-1 އިން އެއްވަރު ވުމެވެ. ވަޓްފޯޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ސަލާހް ކާމިޔާބު ކުރީ މެޗުގެ 38 ވަނަ މިނެޓްގައި ސާދިއޯ މާނޭ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ ޑިވޯކް އޮރީޖީ ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ 90 ވަނަ މިނެޓްގަ އެވެ.

ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ބޯންމައުތު އަތުން ބަލިވީ ތަފާތު ގޮތަކަށެވެ. ބޯންމައުތުގެ ލަނޑު ޑޭން ގޮސްލިންގެ މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބު ކުރުމުން، އެސިސްޓެންޓް ރެފްރީ ހުރީ އޮފް ސައިޑް ކަމަށް ދިދަ ނަގައިގެންނެވެ. ލަނޑެއް ޖެހުމުގެ ފުރުސަތަށް ކެތްމަދުވެފައި ތިބި ބޯންމައުތުގެ ކުޅުންތެރިން މާޔޫސްވެގެން ކަރު އެލިފައި ތިއްބަސް ލައިސްމަން އަށް ގޯހެއް ހެދިއްޖެ ކަން އެ ކުޅުންތެރިން ތިބީ ޝައްކު ކޮށްގެންނެވެ. އެކަން ޔަގީންވީ ވީއޭއާރު މެދުވެރިކޮށް ބަލައި ގޮސްލިންގެ ލަނޑު ގޯލެއް ކަމަށް ނިންމުމުންނެވެ. އެއަށް ފަހު ދަނޑުގައި ތިބި ބޯންމައުތުގެ ސަޕޯޓަރުންގެ އަޑުފައްގަނޑު ގަދަވެގެން ދިޔަ އެވެ.

ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް މަސައްކަތް ކުރީ ކުރިއަށް އެޓޭކިން ކުޅުންތެރިން އިތުރުކޮށް ލަނޑެއް ޖެހޭތޯ އެވެ. އެހެންނަމަވެސް އޭނާގެ ޕްލޭން މަސައްކަތެއް ނުކުރި އެވެ. އެ ޓީމުން އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލި ވެފަ އެވެ.