ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(12 ޑިސެމްބަރ 2019 އާ ގުޅޭ)

ލިއަމް އެދުނީ އެދެމެދުގައި އޮތް މައްސަލަ ހައްލުކޮށްދިނުމަށެވެ. އޭނާ ހޭޒަލްއާއެކު ދިރިއުޅެން ބޭނުންވާވަރުންނެވެ. ހޭޒަލް ދެކޮޅު ހެދިއެވެ. އެއްޗެކޭ ބުނަން ހިތަށް އަރާފައި ވެސް ހޭޒަލްއަށް ބަލާލެވުނީ އެމަޖިލީހުގައި ތިބި ސާއިރާއާއި ރިޒްވާނަށެވެ. އޭނާއާއެކު ކޯޓަށް އައުމަށް ބޭނުންވާތީއާ އެއީ ހޭޒަލްގެ ޢާއިލާއަށް ވާތީ އޭނާގެ ވެސް މައްސަލައެއްނެތިގެން އެމަޖިލީހުގައި ބައިވެރިވުމުގެ ހުއްދަ އެމީހުންނަށް ކޯޓުން ވަނީ ދީފައެވެ. އެކަމަކު އެ ނިންމުމަކީ މުޅިން ރަނގަޅު ނިންމުމެއްނޫނޭ ހޭޒަލްއަށް ހީވާންފެށީ އެމީހުން ތިބުމުގެ ސަބަބުން ހޭޒަލްއަށް ވާހަކަދައްކަން ފަސޭހަނޫންވީމައެވެ. ލިއަމްއަކީ ދޫހެލޭ ކުޅަދާނަ ވާހަކަދެއްކުންތެރިއެއްކަން އެނގޭއިރު އޭނާއާ ދެކޮޅަށް އެއްޗެއް ނުބުނެ ހޭޒަލް ހުންނަންވެއްޖެނަމަ ކުރިލިބޭނީ ލިއަމްއަށްކަން އޭނާއަށް ވިސްނެއެވެ. ހަދާނޭ ގޮތެއް ނޭނގި ދެތިން ފަހަރަށް ސާއިރާއާއި ރިޒްވާނަށް ހޭޒަލް ބަލާލިއެވެ.

މިއަދު ލިއަމް ހުރީ އެއްވެސް މީހެއްގެ ކުރިމަތީ ދޫދޭ ގޮތަކަށްނޫނެވެ. ޤާޟީގެ ކުރިމަތީގައި އޭނާގެ ވާހަކަ ހުރި ގޮތުން އޭނާ ވަރުގެ ރަނގަޅު ފިރިއަކު މިޒަމާނުގައި އަންހެނަކަށް ނުވެސް ލިބޭނެއެވެ. އޭނާ ހޭޒަލް ހުންނާނެ ތަނަކާއި އޭނާއަށް ބޭނުންވާ ހުރިހާ ޚަރަދެއް ބެލެހެއްޓިއެވެ. ހޭޒަލްއަށް ބޭނުންވާނޭހެން ހީވާ ކޮންމެ އެއްޗެއް ހޭޒަލް ނުބުނި ނަމަވެސް ހޯދާދީފައި ހުންނާނޭކަން ލިއަމް ބުންޏެވެ. އަދި ހޭޒަލްގެ އެދުންތަކަށް އޭނާ އިޖާބަ ނުދީނުވާނޭކަން ހާމަކުރިއެވެ. ހޭޒަލްއަށް ވަގުތު ދޭކަމާއި އަނބިމީހާ ގޮވައިގެން ތަންތަނަށް ދާކަން ވެސް ލިއަމް ފާހަގަކުރިއެވެ. އަނތްބަކަށް ދޭންޖެހޭ ހުރިހާ އަޅާލުމަކާއި ޒިންމާއެއް ލިއަމް އުފުލާކަމުގައި ޤާޟީއަށް ވެސް ޤަބޫލުކުރެވޭހެން ލިއަމް ވާހަކަދެއްކިއެވެ.

ޤާޟީ އެއްޗެކޭ ބުނަން އުޅޭހެން ހީވި ހިނދު ހޭޒަލް ވާހަކަދެއްކުމުގެ ހުއްދައަށް އެދުނެވެ. ޤާޟީ ހުއްދަ ދެއްވުމުން ހޭޒަލް އެދުނީ އޭނާ ބޭނުންވަނީ އެތަނުގައި އެ ދެމަފިރިން ފިޔަވައި އިތުރު ބަޔަކު ނުތިބެންކަން ހާމަކުރިއެވެ. ޤާޟީ ފަރުވާތެރިކަމާއެކު ހޭޒަލްއަށް ބަލާލައި އޭނާ ބޭނުންވާގޮތް ޔަގީންކުރިއެވެ. އަދި އެތަނުގައި ތިބި ހޭޒަލްގެ ޢާއިލާއަށް ބަލާލިއެވެ. ހޭޒަލް ބޭނުންވީ ގޮތް ޤާޟީ ހަދައިދިނެވެ. ސާއިރާއާއި ރިޒްވާނުގެ މޫނުން ފާޅުވީ ހައިރާންކަމެވެ. ސާއިރާ އެއްޗެއް ބުނަން އުޅުމުން އެކަން ރިޒްވާނު މަނާކުރިއެވެ. ޤާޟީ އެދިލެއްވި ގޮތަށް ޢަމަލުކުރާށޭ ރިޒްވާނުގެ ހަރަކާތްތައް ބުނާ ކަހަލައެވެ. އޭނާ ސާއިރާގެ ބުރަކަށީގައި އަތްޖައްސާލަމުން އޭނާ ގޮވައިގެން އެތަނުން ނުކުމެއްޖެއެވެ. އެމީހުން ނިކުމެ ދޮރުފަތް ލެއްޕުމުން ޤާޟީ އަނެއްކާ ވެސް ހޭޒަލްއަށް ބަލާލިއެވެ. ހޭޒަލްގެ ގާތުގައި ލިއަމް ދެއްކި ވާހަކަތަކާމެދު އެއްޗެއް ބުނަން އޮތްތޯ ސުވާލުކުރިއެވެ. ހޭޒަލް މަޑުމަޑުން ބޯޖަހާލިއެވެ. ޤާޟީ އެދުނީ ވާހަކަދެއްކުމަށެވެ.

ޖެހިލުންވެފައި ހުރެ ވެސް ހޭޒަލްގެ ނަޒަރު ލިއަމްއާ އަމާޒުކޮށްލިއެވެ. އެހިނދު ލިއަމް ތުންފިއްތާލައި މަޑުމަޑުން ބޯހޫރުވާލިއެވެ. ހޭޒަލް ގާތު އެހެން ނުހެދުމަށް ލިއަމް އެދޭކަހަލައެވެ. ހިންދިރުވާލުމާއެކު އަރުތެރެ ހޭޒަލް ތެތްމާލިއެވެ. އަދި އޭނާގެ ވާހަކަފެށީ އެ ދެމީހުންގެ ކައިވެނީގައި ފުރަތަމަ ކުންޏެއް ޖެހުނު ހިސާބުންނެވެ. ލިއަމް އަދާކުރާ ވަޒީފާގެ ސަބަބުން އޭނާ ކުޅުދުށްފުއްޓަށް ގޮސް ހުރިއިރު ކަންތައްތައް ހިނގައިދިޔަ ގޮތް ހޭޒަލް ހާމަކުރިއެވެ. އަލްމާ ކިޔާ އަންހެނެއްގެ ނުފޫޒު އެމީހުންގެ މައްޗަށް ބޮޑުވި ގޮތާއި އޭނާގެ ޢަމަލުތައް ހުރި ގޮތެވެ. ހޭޒަލް ހާމަކުރަން އޮތީ އޭނާގެ ލޮލަށް ފެނުނު ކަންކަންކަމުގައި ބުންޏެވެ. އެގޮތުން އަލްމާގެ ޢަމަލުތަކުން ދެނެގަންނަންވީ ކީކޭތޯ ޤާޟީއާ ވެސް ހޭޒަލް ސުވާލުކުރިއެވެ. އަންހެނެއްގެ ޢަމަލުތައް އެހިސާބަށް ދިޔައިރު ވެސް ލިއަމް އެކަންކަން ދެނަހުރި ކަމަށް ނުހެދިކަން ހޭޒަލް ފާހަގަކުރިއެވެ. އެ ދެމެދުގައި ދެބަސްވުމެއް ފުރަތަމަ ހިނގަން މެދުވެރިވި ސަބަބު ކަމުގައި އަލްމާ ވާކަން ހޭޒަލް ބުނެލީ ޤާޟީއާ ނަޒަރު ވަކިކޮށްލާ ލިއަމްއަށް ބަލާލަމުންނެވެ. އެ ދެލޮލުގައި ލިއަމްގެ މައްޗަށް އޮތް ލޯތްބަށްވުރެ ފާޅުވަނީ ޝަކުވާއެވެ. ނުރުހުމާއި ލިއަމްއާއެކު އުޅޭން އެއްގޮތަކަށް ވެސް ހޭޒަލް ބޭނުންނުވާ ކަމުގެ އަސަރެވެ. އޭގެ ފަހުގައި ހޭޒަލްގެ ރަޚުމަތްތެރިއަކު ލިއަމް ގެސްޓްހައުސްއަށް އޮފީސް ގަޑީގައި ދާކަން ބުނެފައިވާކަން ހާމަކުރިއެވެ. އެތަނަށް ދިއުން މައްސަލައަކަށްވަނީ ނޫންކަމާއި އެތަނަށް ދިޔަ ބޭނުން ގޯސްވީކަން ހޭޒަލް ބުންޏެވެ. އެތަނަކީ ތަފާތު މަސާޖުތައް ދޭތަނަކަށް ވިޔަސް އެތަނުން ހުއްދަނޫން ޚިދުމަތްތައް ލިބެން ހުންނަކަން ހޭޒަލްއަށް މަޢުލޫމާތު ލިބުނުކަން ބުންޏެވެ. އަދި ލިއަމްގެ ފޯނުން ފެނިފައިވާ "ޓެކްސްޓް"ތަކުގެ ވާހަކަ ހޭޒަލް ކިޔައިދިނެވެ. އޭގައި ލިއަމް ޝައުގުވެރިކަން ފާޅުކުރުމުގެ އިތުރުން ހިލޭ އަންހެނުންނާއެކު ގުޅުން ހިންގާފައިވާކަން ބުނެފައި ހުރިކަން ހޭޒަލް ބުންޏެވެ. އަދި އޭގެ އިތުރުން ބައެއް އަންހެނުންނާއެކު ލިއަމް ފުރަތަގަސްފަރާތް ބޭނުންކުރާ ކަމުގައި ވެސް ދައްކާފައި ހުރި ވާހަކައިން ފެނިފައިވާކަން ހޭޒަލް ބުންޏެވެ. ޤާޟީގެ ބެލުން ތަފާތުވިކަން ހޭޒަލްއާއި ލިއަމްއަށް ވެސް އެވަގުތު އެނގުނެވެ. ކުއްލިއަކަށް ލިއަމް ވާހަކަދައްކަން ފެށިއެވެ. ހޭޒަލްއަށްވުރެ އަޑުގަދަކޮށްލައި އޭނާ އެއީ ދޮގުކަން ބުނަންފެށިއެވެ. އެހިނދު ލިއަމް ވާހަކަދައްކަން ފުރުޞަތު ލިބެންދެން ހަނުހުރުމަށް ޤާޟީ އަމުރުކުރިއެވެ. އަދި ބޮލުން ހޭޒަލްއަށް އިޝާރާތްކޮށްލަމުން ވާހަކަ ކުރިއަށް ގެންދިއުމަށް ޤާޟީ އެދުނެވެ. ހޭޒަލް ބުނީ ކުޅުދުށްފުށީން ދިމާވި ކަންތަކާއި ފޯނުން ފެނުނު މެސެޖުތަކާމެދު ލިއަމް ނުކުރާ ކަމެއްކަމުގައި ބުނެ އެ ދެފަހަރު ވެސް ﷲ ގަންދީ ހުވާކޮށްފައިވާކަމަށެވެ. ފިރިމީހާގެ މައްޗަށް އޮތް ޝައްކު ހިތުން ފިލުވާލީ އެހެންވެ ކަމުގައެވެ. ލިއަމްގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ވެސް އައިތަން ދުށްކަމާއި އަބަދުވެސް ހޭޒަލް މަސައްކަތްކުރީ ލިއަމްއާއެކު އުޅެވޭތޯއެވެ. ޢާންމުކޮށް ލިއަމްގެ ދިރިއުޅުން ހުރި ގޮތް ވެސް ހޭޒަލް ކިޔާދިނެވެ. ރޭގަނޑު ނިދާއިރެއް ނޭނގޭކަމާއި ރަސްމީކޮށް އޮފީސް ނިމޭގަޑިއެއް ނޭނގޭކަމާއި ފިރިމީހާއަށް ލިބޭ މުސަރާ ވެސް އެނގުނީ އިހަކަށް ދުވަހުކަން ހޭޒަލް ބުންޏެވެ. ހުރިހާކަމަށް ލިއަމްއަށް މަޢާފުކުރީ އޭނާގެ އުޅުމަށް އައި ހެޔޮ ބަދަލުންކަން ހޭޒަލް ބުންޏެވެ. ދެމީހުން ވަކިވުމަކީ އޭނާގެ ވެސް ވިސްނުން ހުރި ގޮތެއްނޫންކަމެވެ. އެހެންނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެއްޖެކަން ހޭޒަލް ބުންޏެވެ. މިހާރު އިހުގެ އުޅުމަށް ލިއަމް ބަދަލުވެއްޖެކަން ހޭޒަލް ފާހަގަކުރިއެވެ. ދީނީކަންކަމާ ލިއަމް ދުރުވެއްޖެކަމާއި ރޭގަނޑަށް ކޮފީތަކަށް ދިއުމުގެ އިތުރުން ދަންވާވަރަކަށް އޮފީހަށް ދާންޖެހޭ ކަން ހޭޒަލް ބުންޏެވެ. ލިއަމް ކުރަން ހުންނަ މަސައްކަތްތައް ކުރެވޭކަމަށްވަނީ ރޭގަނޑު އެގާރައިގެ ފަސްވުމުންކަމުގައި ހޭޒަލް ބުންޏެވެ. އަދި ލިއަމް ގެއަށް އަންނައިރެއް ބައެއް ރޭ ރޭ ނޭނގޭކަން ވެސް ހޭޒަލް ބުންޏެވެ. އެ ހުރިހާކަމަކަށް އޭނާ ދެން ވެސް ކެތްކުރީ ލިއަމްއާ ވަކިވާން ބޭނުންނުވެގެންކަން ހޭޒަލް ބުންޏެވެ. އެކަމަކު ދެން އެންމެ ދުވަހަކުވެސް ލިއަމްގެ އަނތްބެއްގެ ގޮތުގައި ހުރުމަކީ ހޭޒަލްއަށް ކެތްވާނޭ ކަމެއްނޫންކަން އޭނާ ބުންޏެވެ. އަދި އެންމެ ފަހުން ހިނގާދިޔަ ކަންތައް ހޭޒަލް ކިޔައިދޭން ފެށިއެވެ. އެވެސް ހޭޒަލްއަށް ފެންނަން އިރާދައިގެ ހުރީތީ ލިއަމްގެ ހަޤީޤަތް ފެނުނީ ކަން ހޭޒަލް ބުންޏެވެ. އަދި ލިއަމްގެ އޮނަތިރީސްވަނަ އުފަން ދުވަސް ފާހަގަކުރަން ހޭޒަލް ތައްޔާރުވަމުން އައިގޮތް ކިޔާދީ ހުޅުމާލެއަށް ދާންޖެހުނީ އެ ބޭނުމުގައި ކަން ވެސް ހޭޒަލް ބުންޏެވެ. ޓެކްސީއެއް ނުލިބިގެން ބަސް ހުއްޓާ ދިމާއަށް އައި ހޭޒަލްއަށް ލިއަމް ފެނުނީ އިއްތިފާގަކުންކަން ހޭޒަލް ބުންޏެވެ. އެއަށްފަހު އޭނާއަށް ލިއަމް ވަން ހޮޓެލާއި އެ ހޮޓެލުގެ ތެރެއިން ފެނުނު މަންޒަރުތައް ހޭޒަލް ކިޔައިދީފިއެވެ. އޭނާއަށް މިހާރު އެއްވެސް ވަރަކަށް ލިއަމްއަށް އިތުބާރުނުކުރެވޭނޭކަން ހޭޒަލް ހާމަކުރިއެވެ. ކިތައް އަންހެނުންނާކަމެއް ލިއަމް ގުޅުން ހިންގާފައި ހުރީ އެނގޭނީ ހެއްދިފަރާތައްކަމަށް ހޭޒަލް ބުނެލިއެވެ. ލިއަމް ބޭނުންވާނަމަ އިތުރު ކައިވެންޏެއް ކުރިޔަސް ހޭޒަލްގެ މައްސަލައެއްނެތްކަމަށް އޭނާ ބުނިކަން ވެސް ހާމަކުރިއެވެ. އެހެންނަމަވެސް ދެންނުވާނޭކަމަށް ހޭޒަލް ބުންޏެވެ. އޭނާއަށް ފިރިމީހާއާއެކު ނޫޅެވޭނޭކަން ޔަގީންވާއިރު ދެން އިތުރަށް ފުރުޞަތެއް ދޭންވީ ކޮންބޭނުމަކުތޯ ހޭޒަލް ސުވާލުކުރިއެވެ. ހުރިހާ ވާހަކައެއް ދެއްކުނުއިރު ހޭޒަލްގެ ކޯތާފަތް ތެމިއްޖެއެވެ. މިއަދު އޭނާ ހުއްޓި އެ ހުރީ މިދުނިޔެއިން އެންމެ ލޯބިވިމީހާގެ ކުރިމަތީގައެވެ. އޭނާގެ އަނތްބަކަށް ވުމުގެ ނަސީބު ވެސް ލިބުނެވެ. އެހެންނަމަވެސް އެ ލޯބި ކަފުންކޮށް ހިތުގެ އެންމެ ފުނުގައި ހޭޒަލް ވަޅުލައިފިއެވެ. މިހާރު އޭނާ ތަކުރާރުކޮށް ބުނަމުން އެ ދަނީ ލިއަމްގެ އަނތްބެއްގެ ގޮތުގައި ހުންނަން ބޭނުންނުވާކަމަށެވެ. އޭނާއަށް ލިއަމްއާއެކު އެންމެ ސުކުންތެއް ވެސް ކެތްނުކުރެވޭނެކަމުގައެވެ. އެ ދެމީހުން އެކުގައިވުމަށް އިރާދަކުރެއްވި ފަދައިން މިއަދު އެ ދެމީހުން ވަކިވުންނޫން ގޮތެއް ނެތްކަމުގައި ތަޤުދީރު އަންގައިދީފިއެވެ. ފިނިނޭވާއެއް ހަށިފުރާލުމާއެކު ހޭޒަލް އެންމެނަށް ފުރަގަސްދިނެވެ. ދެއަތުން ލޮލާއި މޫނު ފުހުނެވެ. އޭނާ ޤާޟީއާ ކުރިމަތީ ދެނެވެ. ހީވީ ޤާޟީގެ ނިޔާއަށް އޭނާ އިންތިޒާރުކުރާ ހެންނެވެ.

ލިއަމްއަށް ވާހަކަދައްކަނޭ އިޒުނަ ލިބުމުން އޭނާ އޭގެ ބޭނުންހިފިއެވެ. ހޭޒަލް އުޅެނީ ކުށްހީއެއްވެގެން ކަމުގައި ލިއަމް ތަކުރާރުކޮށް ޤާޟީއާ ކުރިމަތިލައިގެން ހުރެ ބުންޏެވެ. އޭނާ ދުވަހަކުވެސް ހޭޒަލް ހިތުގައިޖެހޭ ކަމެއް ނުކުރާނަމޭ ބުންޏެވެ. މިހާތަނަށް ކޮށްފައިނުވެސް ވާނޭކަމުގައި ބުންޏެވެ. ހޭޒަލްއާ ކައިވެނިކުރީއްސުރެ އެއްވެސް މީހެއް ގާތުގައި ވެސް އޭނާގެ އަނތްބަކު ނުހުންނާނޭ ދުވަހަކުވެސް ނުބުނަންކަމުގައި ލިއަމް ބުންޏެވެ. އޭނާ މަސައްކަތްކުރާ ދާއިރާގެ ގޮތުން ސިއްރުކުރަންޖެހޭ ކަންކަން ހުންނާނޭކަން ޤާޟީއަށް ވެސް އެނގޭނޭ ބުނެލިއެވެ. އަދި ފަނޑިޔާރުންނަކީ ވެސް ގެއަށް ގޮސް ކޯޓުގައި ހިނގާ ހުރިހާކަމެއް ޢާއިލާއަށް ޚިއްޞާކުރެވޭނެ ބަޔަކަށް ނުވާނޭނޫންހޭ ލިއަމް ބުންޏެވެ. އޭނާގެ މަސައްކަތާ ގުޅިގެން ތަފާތު މާޙައުލުތަކަށް ދާންޖެހޭކަން ލިއަމް ފާހަގަކުރިއެވެ. އަދި އޭނާ ކުރާ ހުރިހާކަމެއް ހޭޒަލްއަށް ކިޔާދޭނީ ކިހިނެއްތޯ ސުވާލުކުރިއެވެ. އޮފީހުގައި ސިއްރު އޮޕަރޭޝަންތައް ހިންގާއިރު އެފަދަ ކަންކަން ޚިއްޞާކުރެވޭނީ ކޮންގޮތަކުންތޯ ލިއަމް ބުންޏެވެ. އޭނާ ހޭޒަލްއާއެކު އުޅެން ބޭނުންވާއިރު ހޭޒަލް ވަކިވެގެން ދާނޭވަރުގެ ކަމެއް ގަސްދުގައި ކުރާނޭ ހީވޭތޯ އެއްސެވެ. އޭނާ ހޭޒަލްދެކެ ވަރަށް ލޯބިވާކަން ހާމަކުރިއެވެ. އަލްމާއާ ގުޅުވާފައި ވެސް ލިއަމް ދެއްކީ ހޭޒަލްގެ ގާތުގައި ވާހަކަދެއްކި ގޮތަށެވެ. އޭނާއާ އަލްމާއާ ދެމެދު އެއްވެސް ކަމެއް ނުހިނގާކަން އޭނާ ބުންޏެވެ. އޭރު ވެސް އެއީ ހޭޒަލްއަށް ކުރެވުނު ކުށްހީއެއްކަމެވެ. އަދި އޮފީހާ ގުޅުން ހުރި މެސެޖުތަކެއްކަމަށް ހޭޒަލްއަށް ފެނިގެން އެ އުޅެނީ ލިއަމް ބުންޏެވެ. ކުށްކުރާ މީހުންނާ ވާހަކަދެއްކުމުގައި ފަސޭހަވާނީ އެމީހުންނާ އެއްދަރަޖައަކަށް ވާހަކަތައް ގެންގޮސްގެން ކަމުގައި ލިއަމް ބުންޏެވެ. އޭނާ ހޭޒަލްއަށް ބޭވަފާތެރިވީކަމަށް އެކަމުން ނުވާނޭނޫންހޭ ލިއަމް އެއްސެވެ. ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް އެފަދައިން ޢަމަލުތައް ބެހައްޓާފައި ނުވާނޭ ކަމާއި އެކަމުގެ ހެއްކެއް ހޭޒަލްއަށް ނުދެއްކޭނޭ ލިއަމް ބުންޏެވެ. ހުރިހާ ވެސް ކަމަކީ ހޭޒަލްއަށް ކުރެވޭ ވަހުމްކަމާއި މާބޮޑު ހެއްކެއް ނޯންނޭ ލިއަމް ބުންނެވެ. އެހިނދު ހޭޒަލްއަށް ހުޅުމާލެއިން ފެނުނު މަންޒަރު އެއީ ކިހިނެއް ހިނގައިދިޔަ ކަމެއްތޯ ޤާޟީ އެއްސެވިއެވެ. ހީވީ އެ ވާހަކަ ލިއަމް ނުދައްކާތީ އެކަމަށް ޤާޟީ އިޝާރާތްކުރީ ހެންނެވެ. ލިއަމް އިސްޖަހާލިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު އޭނާ ހޭޒަލްއަށް ބަލާލިއެވެ. ހޭޒަލްގެ ރަތްކަން އެކުލެވޭ ދެ ލޮލުން އޭނާ ކުށްވެރިކުރާވަރު ލިއަމްއަށް އިޙްސާސް ކުރެވެއެވެ. ހުޅުމާލެއިން ހޭޒަލްއަށް ފެނުނު ކަންކަން ލިއަމް ކިޔައިދޭން ފެށިއެވެ. ކުށްކުރެޔޭ ކިޔާފައި މީހަކު ހައްޔަރެއް ނުކުރެވޭނޭކަމާއި އޭނާގެ މައްޗަށް ދަޢުވާއެއް އުފުލޭނީ ވެސް ކުށްކުރަން ތިއްބާ ހިފިގެންކަން ލިއަމް ބުންޏެވެ. އޭނާ އެ ދުވަހު ވެސް އުޅުނީ އެފަދަ ކަމެއްގައިކަން ލިއަމް ބުންޏެވެ. އެހެންނަމަވެސް އެކަން ނިމުމަކަށް ނާންނަނީސް ހޭޒަލް ފެނުނީކަމެވެ. އެވަގުތު ހޭޒަލް ދިޔައީ އޭނާއަށް ފެނުނު މަންޒަރުން ހަޤީޤަތް އޮޅިފައި ހުރެކަން ލިއަމް ބުންޏެވެ. އަދި އެފަދަ ކަންކަމަކީ އޮފީހާ ގުޅުން ހުރި ކަންކަމަށްވާއިރު އެކަންކަމުގައި އުޅޭނީ ވެސް އޮފީސް ގަޑީގައި ކަމަށް ލިއަމް ބުންޏެވެ. އޭނާ ކަންތައްވީގޮތް ކިޔައިދޭން މަސައްކަތްކުރި ނަމަވެސް ހޭޒަލް ވަނީ އެ ފުރުޞަތު އޭނާއަށް ނުދީފަ ކަމަށެވެ. ހޭޒަލް ހަމަ އެދުވަހު ގެއިން ނުކުމެގެން ދިޔަގޮތަށް އޭނާ ބައްދަލުކުރަން އެދުމުން ވެސް އެ ފުރުޞަތު ނުދީ ހުރެފައި ކޯޓަށް ވަރިވާން ފޯމު ލީކަމެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ޤާޟީގެ ނިންމުން އިއްވިއެވެ. ހޭޒަލްއަށް ރޮއިގަނެވުމާއެކު ނޫނެކޭ ބުނެވުނެވެ. ލިއަމްއަކީ ދޮގު ހަދާ މީހެއްކަމަށް ހޭޒަލްއަށް ބުނެވުނެވެ. ﷲގެ ކޯފާއާމެދު ވެސް އޭނާ ބިރެއްނުގަނެއޭ ހޭޒަލްއަށް ބުނެވުނެވެ. ކޮންމެ އިންސާނަކަށް ވެސް ބުއްދިދެއްވިކަމާއި އޭނާގެ އެތެރެއިން ތެދުދޮގު ވަކިކުރުމަށް އިޝާރާތްކުރާއިރު އެއީ ވެސް އިންސާނީ ޠަބީޢަތުގައި ލައްވާފައިވާ ކަމެއްކަން ހޭޒަލް ބުންޏެވެ. ކޯޓުން އެ ދެމީހުން ވަރިކޮށްނުދިން ނަމަވެސް ލިއަމްގެ އަނތްބެއް ކަމުގައި ހޭޒަލް ޤަބޫލުނުކުރާކަން ބުންޏެވެ. އެހެންނަމަވެސް ޤާޟީ ނިންމީ ހޭޒަލް ކުރާ ތުހުމަތުތަކުގެ ބާރު ކުޑަކަމެވެ. ލިއަމް އަދާކުރާ ވަޒީފާގެ ގޮތުން މުޖުތަމަޢުގެ އަމަންއަމާންކަން ބަލަހައްޓަން ތިބޭ ބަޔަކަށްވާއިރު އެމީހުން ސިއްރުކުރަންޖެހޭ ކަންކަން ހުންނާނޭކަމެވެ. އަނބިމީހާގެ މައްޗަށް ޒަރޫރީ އެއްވެސް ކަމެއް އުނިކޮށްފައި ލިއަމް ނުވާކަމާއި އޭނާ ފުރިހަމައަށް ހައްޤުތައް އަދާކުރަމުން އަންނަކަން ވާހަކަތަކުން އެނގެން އޮތްކަމެވެ. އަދި ވަރިވުމަކީ އެންމެފަހުގެ ކަންތައްކަމުގައި ބުނެ ޤާޟީ ނިންމީ ވަރީގެ ބަދަލުގައި ދެމެދުގައި ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރުމަށް އޮންނަ މަޖިލީހާ އެ މައްސަލަ ހަވާލުކުރާށެވެ. އެހިނދު ލިއަމް އެދުނީ އޭނާ ހުންނަތަނެއްގައި ހޭޒަލް ހުރުމުގެ އަމުރަކަށެވެ. އެކަމަށް ލިއަމްއަށް އިޖާބައެއް ނުލިބުނެވެ. އެފަދަ އަމުރެއް ހޭޒަލްގެ މައްޗަށް ނުކުރެވޭނޭކަން ލިއަމްއަށް އެންގިއެވެ.

* * * * *

ރޮމުން ނިކުތް ހޭޒަލް ފެނި ސާއިރާއާއި ރިޒްވާނު އަވަހަށް އައިސް ގާތްވެލިއެވެ. ލިއަމް އައިސް ހޭޒަލްއާ ވާހަކަދައްކަން އުޅުނެވެ. އެހެންނަމަވެސް ހޭޒަލް އެދުނީ އަވަހަށް ގެއަށް ދާށެވެ.

"ސާއިރާ އާދޭ... އަހަރެން މިއަންނަނީ" ސާއިރާގެ ކޮނޑުގައި ވައަތްތިލަ ޖައްސާލުމާއެކު ނިކަން އަވަހަށް ރިޒްވާން ބުނެލިއެވެ. އަދި ހަލުވިކޮށް އޭނާ ކޯޓުން ނުކުންނަން ހިނގައިގަތެވެ. ސާއިރާ ގާތު ހޭޒަލްއަށް ވާހަކަދައްކާލަން ބޭނުންވާކަން ލިއަމް ބުންޏެވެ.

"ޒެއްލު ބޭނުންވާކަން ލިއަމްއަށް ނޭނގޭތަ؟" ސާއިރާ ބުނެލިއެވެ. އަދި އޭނާ ވެސް މަޑެއްނުކުރިއެވެ. ހޭޒަލްގެ ކޮނޑުގައި ވަށާލި އަތުން ދަރިފުޅު ގާތްކޮށްލައިގެން ހުރެ ސާއިރާ ހިނގައިގަތެވެ.

މަގުމަތީ އިރުކޮޅަކު މަޑުކޮށްލި ފަހުން ސާއިރާމެންގެ ކުރިމައްޗަށް ކާރުގައި ރިޒްވާނު މަޑުކޮށްލިއެވެ. ހޭޒަލް ގޮވައިގެން ސާއިރާ އެރީ ކާރުގެ ފަހަތަށެވެ. އެމީހުންނަށް ބަލަން ލިއަމް ހުއްޓެވެ. ކާރު ނައްޓާލުމުން އެ ދިޔަ ދިމާއަށް ބަލަން ހުރެފައި ލިއަމް ގުޅީ އޭނާގެ ރަޙުމަތްތެރި ވަކީލަކަށެވެ. ކަމަކާ ޚިޔާލު ބަދަލުކޮށްލަން ބޭނުންވާތީ އޭނާއާ ބައްދަލުކޮށްލެވިދާނެތޯ ލިއަމް އެއްސެވެ. އޭނާ އެތަނުން ހިނގައިގަތީ އެ ފޯނުކޯލުގައި ހުރެއެވެ.

ގެއަށް އައިސް ވަދެވުމާއެކު ހޭޒަލް ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރުތަޅުލީ އެކަނިވެލަން ބޭނުންވެފައި ހުރިވަރުންނެވެ. ލިއަމް ދެއްކި ވާހަކަތަކުން ހިތުގައި ލިއަމްގެ މައްޗަށް އޮތް ލޯތްބަށްވުރެ ނުރުހުން އިތުރު ވިއެވެ. އޭނާއަށް ޖެހެވިފައި މިވަނީ ހަޤީޤީ މަކަރުވެރި ޖަހާފައިވާ ދަލެއްގައިކަން ހޭޒަލްގެ ޟަމީރު ބުންޏެވެ. އެނދުގެ އަރިމަތީގައި އިށީން ހޭޒަލް މޫނުގައި ދެއަތް އެޅިއެވެ. ބާރަށް ރޮވޭތީ އެ އަޑު އިތުރު މީހަކަށް އިވެން އޭނާ ނޭދެއެވެ. ލިއަމްގެ އިޔަހޫދިކަން ކޮންމެ މީހަކަށް ޤަބޫލުނުކުރެވޭނޭކަން މިއަދު ހޭޒަލްއަށް ޔަގީންވެއްޖެއެވެ. އެ ދެމެދުގައި އޮތް ގުޅުމުގެ ފުރިހަމަކަން ނޫން އެއްޗެއް މިހާތަނަށް މީހަކަށް ފެނިފައިނުވާއިރު ކުއްލިއަކަށް މިހިލުނު ގުޖަޑުގަނޑު މީހަކު ޤަބޫލުކުރާނީ ވެސް ކިހިނެއް ހެއްޔެވެ.

އެއްވެސް އިންސާނަކު އަނެއް އިންސާނެއްދެކެ އެވަރަށް ލޯބިނުވާންވީ ކީއްވެކަން މިއަދު ހޭޒަލްއަށް ވިސްނެއެވެ. އެއްވެސް މީހަކަށް މާބޮޑަށް އިތުބާރުކުރާކަށް ނުވާނޭކަން ހޭޒަލްއަށް އެނގިއްޖެއެވެ. ހަމައެއާއެކު ލޮލަށް ފެންނަ ފުރިހަމަކަމަކީ އޭގައި އަގެއްނެތް ދަޅައެއްކަމުގައި ދަންނަންވާނޭ ކަމެވެ. އެ ދަރަޖައަށް ލޯބިވާންވީ ވެސް އަދި އިތުބާރުކުރަންވީ އޭނާގެ ރައްބުގެ މައްޗަށެވެ. މިދަތި ދުވަސްތަކާ އޭނާ ކުރިމަތިލާން ޖެހުމަކީ އޭނާގެ މައްޗަށް ކުރެމަތިކުރުވި ބޮޑު އިމްތިހާނަކަށްނޫނީ ނުވާނޭކަން ހޭޒަލްގެ ޟަމީރު ވިސްނައިދިނެވެ. އަދި ހީނުކުރާ އެތައްގޮތަކަށް، ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ކަންކަން ބަދަލުވެދާނޭކަމެވެ. ހަޔާތަކީ އަޑިގުޑަން ގިނަ ދިގު ރާސްތާއެކެވެ. މުސްތަޤުބަލަށް ފޮނި އުންމީދުތަކެއް ކުރި ނަމަވެސް އެ މުސްތަޤުބަލް ތަޢުބީރު ކުރުމުގެ ބާރެއް އިންސާނާއަށް ލިބިފައި ނުވެއެވެ. އިޚްތިޔާރު ލިބިފައިވީ ނަމަވެސް ކުރިއަށް ދެވެނީ ތަޤުދީރުގެ ގަލަމުން ލިޔެވިފައިވާ ގޮތަށެވެ.

* * * * *

ދާރިއަންއަށް ހޭޒަލްގެ ފޯނަށް ގުޅުނު ފަހުން އެއްމަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެ ފަހަރު ވެސް ހޭޒަލް ފޯނަށް ޖަވާބެއް ނުދިނެވެ. އޭގެ ފަހުން ހޭޒަލްގެ ފޯނު އޮންނަނީ ނިވާލާފައެވެ. އެހެންވިޔަސް ހޭޒަލްއަށް ގުޅޭތޯ ކޮންމެ ދުވަހަކު އެތައް ފަހަރަކު ދާރިއަން މަސައްކަތް ކުރެއެވެ. މިނޫނީ އޭނާ ހޭޒަލްއާ މެދު ކަންބޮޑުވާ ހިސާބަށް ވިސްނުން ގޮސްފައެއް ނެތެވެ. އެތައް ފަހަރަކު ހޭޒަލް އުޅޭ އެޑްރެސް ހޯދައިގެން ދާން ހިތަށް އެރި ނަމަވެސް ދާރިއަންއަކަށް ނުކެރުނެވެ. އޭނާއަށް ހޭޒަލް ކިތަންމެ ޚާއްޞަ ވިޔަސް ހޭޒަލްއަށް އެ އިޙްސާސްތައް މުޅިން ތަފާތެވެ. އެކުގައި ތިއްބަސް އެ ދެމެދުގައި އަބަދުވެސް ދުރުކަމެއް އޮވެއެވެ. އެ ދުރުކަން ދަމަހައްޓަނީ ވެސް ހޭޒަލްކަން ދާރިއަންއަށް އެނގެއެވެ.

"ހޭއި..." ދާރިއަންގެ ކެބިންއަށް ވަދެގެން އައި ސާރާ ގޮވާލިއެވެ.

"ކަމަކުތަ؟" ހޭޒަލްގެ ޚިޔާލުތައް ހާވިޔާވުމުން އެކަމާ ގަޔާނުވެ އިނދެ ވެސް އެ އަސަރުތައް ނުދައްކާ ދާރިއަން އަހާލިއެވެ.

"މާދަމާ މީ ބޮޑު ދުވަހެއްނު" ސާރާ ނިކަން ފުޅާ ހިނިތުންވުމަކާއެކު އައިސް ދާރިއަންގެ މޭޒު ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.

"އެހެން ބުނަންތަ ތިއައީ" ދާރިއަން ބުންޏެވެ.

"އައި އޭމް ޕްލޭނިން... ފަނިކޮށްނުލާތި، މާދަމާ ރޭ އެއިޓްގެ ފަހުން އެއްވެސް ކަމެއް ބާއްވައިގެން ނުވާނެ" ސާރާ ބުނެލިއެވެ.

(ނުނިމޭ)