އިލެކްޝަންސް ކޮމިޝަނާއި އިންޑިއާ ދެމެދު ވެވުނު އެއްބަސްވުމުގައި އެއްވެސް ސިއްރު ކަމެއް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަހްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
އަކްރަމް މިހެން ވިދާޅުވީ އީސީއާއި އިންޑިޔާ ދެމެދު ވެވުނު އެއްބަސްވުމަކީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރުން ވޯޓުން ވައްކަން ކުރަން ހެދި އެއްބަސްވުމެއް ކަމަށް ޝައްކު ކުރެވޭ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އަދި އެ އެއްބަސްވުމާ ގުޅޭ ހުރިހާ މައުލޫމާތެއް ސިޔާސީ ޕާޓީތަކާ ހިއްސާ ކުރުމަށް ވެސް ސުޖާއު ގޮވާލި އެވެ.
އެކަމާ ގުޅިގެން އަކްރަމް ވިދާޅުވީ އިންޑިޔާއާ އެކު ވެވުނީ ސިއްރު އެއްބަސްވުމެއް ނޫން ކަމަށާއި އެކަމަކީ ވޯޓާ ގުޅުންހުރި ކަމެއް ވެސް ނޫން ކަމަށެވެ. އެ އެއްބަސްވުމުގައި ވަނީ އީސީގެ މުއައްޒަފުންނަށް އިންތިހާބުތަކާ ގުޅޭ ތަމްރީންތައް ދިނުމާއި އިންތިހާބުތަކުގައި ދެ ގައުމުގައި ތަޖުރިބާ ކުރެވުނު ކަންކަން ހިއްސާ ކުރުން ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް އިތުރަށް ވިދާޅުވީ ގައުމީ ލަފާ ދޭ ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވޯޓު ގުނާ ގޮތުގެ ޑްރިލް އޮބްޒާވް ކުރުމަށް އިއްޔެ ދައުވަތު ދީފައިވާ ކަމަށެވެ. އެހެންކަމުން އިންތިހާބީ ކަންކަން އެ ކޮމިޝަނުން ކުރިއަށް ގެންދާނީ ދެފުށް ފެންނަ އިންސާފްވެރި ގޮތަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އީސީން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށެވެ.