ހަބަރު

ރައީސް ކައުންސިލަރުންނަށް: ތަރައްގީއާ ގުޅޭ ސުވާލު ދެން ކުރާނީ އަޅުގަނޑު

Dec 15, 2019
8

ރަށްތަކުގައި ހިނގާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގޮސްގެން މީގެ ކުރިން ކައުންސިލަރުންގެ ސުވާލުތައް ރައީސްއަށް އަމާޒުވާ ކަމަށާއި އެހެންނަމަވެސް ގާނޫނަށް އަލަށް ގެނައި ބަދަލާއެކު ދެން އެ ސުވާލު އަންނާނީ ރައީސްގެ ފަރާތުން ކައުންސިލަރުންނަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންނާއެކު މިއަދު ފެށި "ވިޔަވެތި ރާއްޖެ" ކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގިންތީގެ ހަމަހަމަ ކަމާއި ޖަޒީރާ ގޮތެއްގައި ރާއްޖެ ތަރައްގީ ކުރުމަށް މިއަދު އެޅިގެން ދިޔައީ މުހިންމު ބިންގަލެއް ކަމަށެވެ. އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ރައްޔިތުންގެ ފައިސާގެ ބޮޑު ބައެއް ކައުންސިލަރުންނާ ހަވާލު ކުރެވިގެންދާނެ ކަމަށާއި އެއާއެކު ތަރައްގީއަށް މަސައްކަތް ކުރުމާއި ރައްޔިތުންނާ ގުޅޭ ކަންކަމުގައި ބަސް ބުނެ، ގޮތް ނިންމުމުގެ ބާރުތައް ކައުންސިލްތަކަށް ދޫކޮށްލެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެހެންކަމުން މީގެ ކުރިން ރަށްތައް ތަރައްގީ ނުކުރެވިގެން ކައުންސިލަރުން ރައީސްއަށް އަމާޒު ކުރާ ސުވާލު ދެން ކުރާނީ ކައުންސިލަރުންނާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ކައުންސިލަރުންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެ ސުވާލު ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މީގެ ކުރިން ތިޔަ ބޭފުޅުން އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު ސުވާލުތަކެއް ކުރޭ. ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންތައްތައް ނުކުރެވިގެން އެކަމުގެ ޝަކުވާތައް ތިބޭފުޅުން ކުރައްވާ، އެހެން ނަމަވެސް މި ގާނޫނަށް އަމަލު ކުރަން ފެށުމުން އެ ސުވާލުތައް ދެން އަޅުގަނޑު ކުރާނީ ތިޔަ ބޭފުޅުންނާ. ކީއްވެގެންތޯ ރަށުގައި މިވެނިކަމެއް އެވެނި ކަމެއް ނުކުރެވިގެން އުޅެނީ. އަޅުގަނޑުމެން ފައިސާ އެބަ ދޫކޮށްލަން އިހުތިޔާރާއި ބާރު އެބަ ދޫކޮށްލަން އެހެންވީމަ އަޅުގަނޑާ ބައްދަލުވާ ކޮންމެ ފަހަރަކު ތިއިން ކޮންމެ ބޭފުޅެއް ގާތު އަޅުގަނޑު ސުވާލު ކުރާނަން ކީއްވެގެންތޯ މިވެނި ކަމެއް ނުކުރަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރަން ވާނީ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި، ބާކީ ނުކޮށް، އިންސާފުވެރި ގޮތަށް ކަމަށާއި ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރިޔަށް ކައުންސިލް އިންތިހާބުގައި ރައްޔިތުން އިންތިޙާބު ކުރަން ވާނީ އެ ގާނޫނުގައިވާ ގޮތަށް އެކަން ކުރެވޭ ފަދަ ފަރާތްތައް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުންވާ ކަމަކީ ވެރިކަމުގެ ލައްޒަތާއި ޖާހަތުގައި ބާރުތައް މުށުތެރެއަށް ލައިގެން މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެގޮތަށް އެކަން ކުރަން ފަސޭހަވި ނަމަވެސް އެއީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށާއި އެމަނިކުފާނު ސަރުކާރު ހިންގަވާއިރު ވެސް މިނިސްޓަރުނަށް ވެސް ބާރުތައް ދޫކޮށްލައިގެން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މިއަދަކީ އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް. ވަރަށް އާދަޔާ ހިލާފް އިހުސާސްތަކެއް ކުރެވޭ ދުވަހެއް. މިއަދަކީ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ ދުވަހެއް. އަޅުގަނޑުމެން ވެރިކަމަށް އަންނަ ވީ ވައުދުތަކުގެ ތެރޭގައި ވީ އެންމެ ބޮޑު ވައުދަކީ ރާއްޖެ ތަރައްގީ ކުރާނީ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ލާމަރުކަޒުކޮށްގެން ކަމަަށް ބުނުން. އެކަން މިއަދު ވަނީ ހާސިލް ކުރަން ބިންގާ އެޅިފައި،" ރައީސް ވިދާޅުވި އެވެ.