ރައީސް މުހައްމަދު ނަޝީދު

ވެރިން ދިން ވަރަކުން ރުހިގެން ތިބޭނެ ދިވެހިންނެއް މިއަދަކު ނެތް: ނަޝީދު

މީގެ ކުރީގައި ސަރުކާރުތަކުން ގެންގުޅުނު އޮބަހެއްޓުމުގެ ސިޔާސަތަށާއި ސަރުކާރުގެ ވެރިން ދިން އެއްޗަކަށް ރުހިގެން ތިބެން ޖެހޭ ގޮތަށް ދިވެހި ރައްޔިތުން ތިބެން މިއަދަކު ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލްތަކާއެކު މަޝްވަރާ ކުރުމުގެ ގޮތުން ކްރޮސްރޯޑްގައި މިއަދު ފެށި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން އަބަދުވެސް އެދެމުން އައީ ހާސް ކަމެއް ނެތް ތަނަވަސް ދިރިއުޅުމަކަށެވެ. އިސްލާމް ދީނުގެ ރިވެތި އުސޫލުގެ މަތިން ހައްގުތައް ކަށަވަރު ކުރެވިފައިވާ ހައްގު މިންވަރު ލިބޭ ތަރައްގީއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ބާރުތައް މައި ސަރުކާރުގައި ހިފަހައްޓައިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލު ކުރެވޭނެ ކަމަށް އެމްޑީޕީގެ ފިކުރުގައި ނުދެކެ އެވެ. އެ ޕާޓީގެ އަބަދުގެ ވެސް ވިސްނުމަކީ ލާމަރުކަޒީ ނިޒާމަކުން އެ ބާރުތައް ރައްޔިތުންނަށް ދޫކޮށްލުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ސަރުކާރު އައިސް ކުރަން ޖެހުނު މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގަނޑުބަނޑުކޮށްފައިވާ ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކަމަށެވެ. މިއަދުގެ މަހާސިންތާ ފެށުނީ މަޖިލީހުގެ ތެރެއިން އެ އިސްލާހުތައް ގެނެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ އަމާޒަކަށްވީ ފައްކާވެފައިވާ ލާމަރުކަޒީ ނިޒާމެއް ގާއިމު ކުރުމަށްޓަކައި ގަނޑުބަނޑުކޮށްފައި އޮތް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުން، އަމާޒަކަށްވީ މައި ސަރުކާރު ބަހާލުން، ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ މިނިސްޓްރީގެ ގިނަ މަސައްކަތްތައް ކައުންސިލްތަކަށް ބަހާލުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަކީ ދިވެހިރައްޔިތުންގެ މިލްކިއްޔާތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މުއްސަނދިކަމާއި ގުދުރަތީ ވަސީލަތްތައް ބޭނުން ކުރަން ޖެހޭނީ ހަމަ އެކަނި ދިވެހި ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރުމަށާއި ކޮންމެ ދިވެއްސެއްގެ ޖީބަށް ވަންނަ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދިވެހިން މިއަދު ތިބީ ޑިމޮކްރަސީގެ ނާރެސް ކަމުގައިވާ ރައްޔިތުންގެ ބާރު އެ ރައްޔިތުންނަށް ސަރުކާރުން ދޫކޮށްލަން ޖެހޭނެ ސިޔާސަތަކަށް ތާއީދު ކޮށްގެން ކަމަށެވެ. މީގެ ކުރީގައި ސަރުކާރުން ދިން އެއްޗަކަށް ރުހިގެން ތިބެން ޖެހޭނެ ވިސްނުމަކަށް ފިތިގެން ތިބެން ދިވެހިން މިއަދު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޒަމާންވީ ބޯދާ ހިފެހެއްޓުމުގެ ގޮތް ދޫކޮށް އޭގެ އަޅުވެތި ކަމުގައި އަލުން އަނބުރާ ދިވެހިންނެއް ނުފިތޭނެ، ދެއްވީމާ ދެއްވި ގޮތަކަށް ރުހިގެން އަދި ހެއްދެވީ ހެއްދެވި ގޮތަކަށް ރުހެން ދިވެހިންނެއް މިއަދަކު ނެތިން، ވެރިކަމުގައި ރައްޔިތުންގެ ރުހުމާއި ބަސް ނެތި ނުކުރެވޭ ގޮތް ހަދަން އެއްވެ މި ތިބީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.