ހަބަރު

ބްރިޖްގެ ބޮޑު މަޝްރޫއު އަންނަ އަހަރު

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖާ ގުޅޭގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި މަހާސިންތާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުން ބްރިޖްގެ މަސައްކަތް ފަށާނީ ކުރަންޖެހޭ ހުރިހާ ދިރާސާއެއް ކުރުމަށްފަހު ކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ގުޅީފަޅު ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލުން ކަމަށެވެ. އަދި އޭގެ ފަހުން ބްރިޖްގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ ގިނަ ތައްޔާރީތައް ހުރިއިރު އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ބްރިޖްގެ ޑިޒައިން އަދި ޓެންޑާ ކުރުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާއިރު އަމާޒަކީ 2023 އަށް މަސައްކަތް ނިންމާލުން ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިއަދުގެ މަހާސިންތާގައި ބްރިޖާ ގުޅޭގޮތުން މަހާސިންތާގެ ބައިވެރިންގެ ހިޔާލް ވަނީ ހޯދާފައެވެ. އަދި ސަރުކާރުގެ މައިގަނޑު ވިސްނުން ބައިވެރިންނާއި ވަނީ ހިއްސާކޮށްފައެވެ.

މީގެ އިތުރުން ބްރިޖް މަޝްރޫއުގެ ކޮންސަލްޓަންޓް، އޮވޭ އަރުޕްގެ ފަރާތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި މަޝްރޫއުގެ ތަފްސީލީ މައުލޫމާތު ވަނީ ދީފައެވެ.