ޓޫރިޒަމް

ހދ ގެ ތިން ރަށެއް ރިސޯޓް ހަދަން ހުޅުވާލަނީ

ތިލަދުންމަތީ ދެކުނުބުރި (ހދ) ގެ ތިން ރަށެއް ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް އަންނަ ހަފްތާގައި ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ކޮރޮސްރޯޑް މޯލްޑިވްސްގައި ފެށި "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ސެޝަންއެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް އެވާހަކަފުޅު ފެއްޓެވީ ހދ އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމުންނެވެ. ފަތުރުވެރިކަން އެންމެ ފަހުން ތައާރަފްވި އަދި ފަތުރުވެރިކަމުގެ ނަފާ އެންމެ ކުޑަ އަތޮޅަކީ ހދ އެވެ. އެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ހދ ގެ ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލައްވާނެ ކަމަށެވެ.

"ހދ އަތޮޅުގައި ތިން ރަށެއް ރިސޯޓަކަށް ހަދަން ހުޅުވާލުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހުޅުވާލެވޭނެ." ރައީސް ވިދާޅުވިއެވެ.

ހދ. އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓް، ހޮނޑާފުށީގައި ހުޅުވީ މާޗް 18، 2018 ގައެވެ. "ހޮނޑާފުށި އައިލަންޑް ރިސޯޓް"ގެ ނަން ދީފައިވާ އެ ރިސޯޓުގައި 400 ކޮޓަރި ހުންނައިރު، ރިސޯޓުގެ ކޮޓަރިތައް ހުޅުވަމުން ގެންދާނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް 100 ކޮޓަރި އަޅައި ހުޅުވާނެ އެވެ. އެ ރިސޯޓް ހުޅުވީ 160 އެނދުގެ 80 ކޮޓަރި އާއެކުގައެވެ.

މީގެ އިތުުރުން ކުޅުދުއްފުށި ސިޓީ އަކަށް ބަދަލުވެ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަނޑައެޅުމުގައި އުފެދިފައިވާ ވާދަވެރިކަންވެސް ކައުންސިލަރުން ވަނީ ރައީސްގެ ސަމާލު ކަމަށް ގެންނަވާފައެވެ.

އެ ސުވާލަށް ވަރަށް ކުރުކޮށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކުޅުދުއްފުއްޓަށް ހާއްސަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އަދި ކުޅިދުއްފުށި ސިޓީއަކަށް ބަދަލުވުން ދެން ކަންވާންވީ ގޮތް ގާނޫނުގައި ސާފުކޮށް އެބައޮތް ކަމަށެވެ.

"ހދ އަތޮޅުގައި ސިޓީއެއް އެބަ އުފެދޭ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރުގައި ދެންވާނެ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް އޮންނާނެ އެނގޭތޯ." ސެޝަން ނިންމަވާލައްވަމުން ރައީސް ވިދާޅުވިއެވެ.