ހަބަރު

ހައްމާދުގެ ބަންދުގެ މުއްދަތު އިތުުރުކޮށްފި

އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ، ވިހޭ މައްސަލާގައި ހައްޔަރުކުރި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހައްމާދު ހައްޔަރުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުުރު ދީފައެވެ.

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ފެމެލީ އެންޑް ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުގެ ފަރާތުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ހައްމާދު ހައްޔަރު ކޮށްފައި ވަނީ 13 އަހަރުގެ ކުއްޖާ ބަލިވެ އިން މައްސަލާގައި ކަމަށެވެ. އަދި އެ މައްސަލާގައި މިހާރު 14 ފަރާތަކާ ސުވާލުކޮށް ފޮރެންސިކް ހެކިތައް ހޯދާފައިވާއިރު، ހައްމާދުގެ ޑީއެންއޭއާއި 13 އަހަރުގެ ކުއްޖާ ވިހި ތުއްތު ކުއްޖާގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.

ހަނީފް ވިދާޅުވީ ޗައިލްޑް ޕޮރެޓެކްޝަން ޑިޕާޓްމަންޓުން ބަލަމުން ދަނީ ކުޑަކުދިން ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅެމުންދާ އާއިލާއަކުން ކުދިންތަކެއް އަސާސީ ހައްގުން މަހުރޫމްކޮށްފައިވާ މައްސަލައާއި އެ އާއިލާގެ ކުއްޖަކު ވިހާފައިވާ މައްސަލަ ކަަމަށެވެ. އެ މައްސަލަތަކާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ.

އެގޮތުން އެ ކުދިން ސްކޫލަށް ފޮނުވުމުގެ މަސައްކަތާއި ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަނީފް ވިދާޅުވި އެވެ. އޭގެ އިތުރުން އާއިލާއަށް ބޭނުންވާ ސައިކޯ ސޯޯޝަލް ސަޕޯޓު ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.

އެ އާއިލާގައި ހިމެނޭ 13 އަހަރުގެ ކުއްޖާއާ ގަދަކަމުން ބަދުއަަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ހައްމާދަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެ ހުކުމް ތަންފީޒުކޮށް ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.