ތިން ގައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުންނާއި ފޮރިން މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި އެވެ.
ޔޫރަޕްގެ 3 ގައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުންނާއި މިނިސްޓަރު ބައްދަލްކުރެއްވުން އޮތީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. ސަފީރުންނާއިއެކި ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގެ ކުރިން މިއަދު އެ ތިން ބޭފުޅުން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައިވެސް މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ.
މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ބަލްގޭރިއާއަށް ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު އެލިއޮނޮރާ ޑިމިޓްރީ އާއެވެ. އެއަށްފަހު މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވީ ޑެންމާކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ފްރެޑީ ސްވޭން އާއެވެ. އެންމެ ފަހުން މިނިސްޓަރ ބައްދަލުކުރެއްވީ އަޔަލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ބްރެންޑަން ވާޑް އާއެވެ.
ސަފީރުންނާއިއެކު ބޭއްވި ބައްދަލުވުންތަކުގައިވެސް އެ ގައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު މަޝްވަރާކުރެއްވިއެވެ.
މި ސަފީރުންވެސް މަސައްކަތްކުރައްވާނީ އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އެ ގައުމުތަކުގެ އެމްބަސީތަކުގައެވެ.