ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކަކީ ބައިނަލް އަގްވާމީ މަސްރަހްގައި އެކަހެރިނުވެ، ބައިނަލް އަގްވާމީ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ މަސްލަހަތު ކުރިއެރުވުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެރިކަމުގެ ވެރިކަމުގެ ނިޒާމް ހަމަޖެހިފައި ހުންނަނީ ފެޑެރަލް ނުވަތަ ޔުނިޓަރީ ނިޒާމެއްގެ މައްޗަށް ކަމަށެވެ. ނަމަވެސް ރާޢްޖެއިން ގަބޫލުކުރާ އުސޫލުތަކަކީ ބައިނަލް އަގްވާމީ މަސްރަހުގައި އެކަހެރިނުވެ ބައިނަލް އަގްވާމީ ގުޅުންތަކުގެ ތެރެއިން ރާއްޖޭގެ މަސްލަހަތު ކުރިއެރުވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހިންގަންޖެހޭ ގޮތް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ޒަމާނުއްސުރެން ރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވައި ހިންގަމުން ގެންގޮސްފައިވަނީ މި އުސޫލުގެ ދަށުން ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާރިޖީ ސިޔާސަތު ހިނގާ ނުހިނގާގޮތް ބެލުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވި އެވެ.
"ބައެއް ގައުމުތަކުގައި މައި ސަރުކާރުން ހުއްދަދޭ ފަރާތްތަތަށް މެނުވީ، އެހެނިހެން ދައުލަތްތަކާއެކު މަޝްވަރާ ކުރުމަކީ މަނާކުރެވިފައިވާ ކަމެއް. މިސާލަކަށް ބަލަމާ، އެމެރިކާގެ މައި ސަރުކާރުގެ ހުއްދައެއް ލިބިގެން ނޫން ގޮތަކަށް ބޭރުގެ އެހެން ދައުލަތަކާއެކު މަޝްވަރާ ކުރުމަކީ ޖަލު ހުކުމެއް އަންނާނެ ވަރުގެ ބޮޑު ކުށެއް. ނަމަވެސް އެއީ ރާއްޖެއިން ބަލާ އުސޫލުތަކެއް ނޫން." އެމަނިކުފާނު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ފެޑެރަލް ނިޒާމުގައިވެސް އަދި ޔުނިޓަރީ ނިޒާމުގައިވެސް ހާރިޖީ ސިޔާސަތަކީ މައި ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ. އަދި އެ ސިޔާސަތު ހިނގާނެ ގޮތް އެ ގައުމެއްގެ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާނޭ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ހާރިޖީ ސިޔާސަތަކީ އެއް ގައުމުން އަނެއް ގައުމާ އޮންނަ ގުޅުން ކުރިއަށް ގެންދިޔުމާއި ބައިނަލް އަގްވާމީ މަޝްރަހްގައި އެ ގައުމެއްގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކޮށްދޭން ގެންގުޅޭ އެއް ވަސީލަތް ކަމަށެވެ.