ހަބަރު

ސައިކަލު ފުރޮޅުގައި ހެދުން އޮޅި އަންހެނަކަށް އަނިޔާ ވެއްޖެ

ސައިކަލުގެ ފުރޮޅުގައި ހެދުން އޮޅި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 20:18 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑު ތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނަކު ލައިގެން ހުރި ހެދުން ސައިކަލު ފުރޮޅީގައި އޮޅުމުގެ ސަބަބުން ކަމަށެވެ. އެކްސިޑެންޓްގައި އަންހެންމީހާގެ އަތާއި ފަޔަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގުމާއެކު އެތާނގައި އެވަގުތު ތިބި އާންމުގެ ބަޔަކު ފުރޮޅުގައި އޮޅިފައިވާ ހެދުމުގެ ބައި ކަފާލާފައިވާ ކަމަށެވެ. އަންހެން މީހާ އަށް އަނިޔާވި ނަމަވެސް ސައިކަލް ދުއްވަން އިން މީހާ އަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ސައިކަލުގެ ފުރޮޅުގައި ހެނދުމެއް އޮޅި މިރޭ އެކްސިޑެންޓެއް ހިނގާފައިވާއިރު މިދިޔަ މަހުގެ ތެރޭގައިވަނީ ސިނަމާލެ ބްރިޖްގެ އެއާޕޯޓާ ގުޅޭ ހިސާބުން ދުއްވާފަ ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުން ސައިކަލްގެ ފޮރުޅުގައި އަޅައިގަނެ، އެ މީހާ އާއި އެ ސައިކަލް ދުއްވަން ފިރިހެނަކު ވެއްޓި ދެ މީހުނަށް އަނިޔާ ވެފަ އެވެ.

ދިގުހެދުން އަޅާ އަންހެނުން ސައިކަލަށް އަރާނަމަ، ސައިކަލުގެ ފުރޮޅާ ދިމާލަށް ހެދުން ނުދާނޭ ހެން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާވެ ތިބުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.