ލައިފްސްޓައިލް

ކުރިއަށް އޮތީ ބަތަލާއިންގެ ބާރު ދައްކާލާނެ އަހަރެއް

ކުރިޔަށް އޮތް 2020 އަކީ ބޮލީވުޑް ބަތަލާއިންނަށް ވަރަށް ޚާއްސަ އަހަރެކެވެ. އެމީހުންގެ އެކްޓިން ހުނަރު ދައްކާލެވޭ ކަހަލަ މޮޅު ފިލްމުތަކެއް ކުޅެން ލިބިފައިވާތީ އެވެ. ދީޕިކާ ޕަދުކޯން، އާލިއާ ބަޓް، ކަންގަނާ ރަނާވަތު އަދި ވިދްޔާ ބާލަން ފަދަ ހުނަރުވެރި ބަތަލާއިންނަށް އެ މީހުންގެ ހުނަރުން ފިލްމުތައް ބެލުންތެރިންނަށް ކަމުދާ ގޮތަށް ގެނެސްދިނުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ. އަދި ބޮލީވުޑްގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މީގެ ތެރެއިން ބައެއް ފިލްމުތަކަށް މީގެ ތެރެއިން ކޮންމެވެސް ބަތަލާއަކު ނެޝަނަލް އެވޯޑު ހާސިލު ކުރުމުގެ ފުރުސަތު ބޮޑެވެ.

މި ރޭހުގެ ވެސް އެންމެ ކުރީގައި އުޅޭނީ ދީޕިކާ އާއި އާލިއާ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. ދީޕިކާގެ "ޗަޕާކް"ގެ ފުރަތަމަ ޓްރެއިލާ ވެސް ބެލުންތެރިންގެ ހިތްތަކާ ވަނީ ކުޅެލާފަ އެވެ. އަދި ޓްރެއިލާ ބެލި އެންމެންގެ ދުލުން ދީޕިކާ އަށް ތައުރީފު ދަނީ އޮހެމުންނެވެ. އެހެންވެ މި ފެށޭ އަހަރުގެ އެންމެ ގިނަ އެވޯޑު ދީޕީކާ ގެންދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރެވެނީ އެވެ.

އާލިއާ އަށް އޮތީ ސަންޖޭ ލީލާ ބާންސާލީގެ "ގަންގޫބާއީ ކަތިއާވަދީ" އެވެ. މި ފިލްމުގައި އާލިއާ ކުޅެނީ ވަރަށް ވަރުގަދަ އަންހެނެއްގެ ރޯލެވެ. އެހެންކަމުން އާލިއާ ވެސް ދީޕިކާ އަށް މިފަހަރު ދޫނުކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.

ކަންގަނާ ރަނާވަތުގެ ވެސް ވަރަށް ޚާއްސަ ފިލްމުތަކެއް ކުރިޔަށް އޮތް އަހަރަށް ތައްޔާރުވަމުން އެބަދެ އެވެ. އޭގެ ތެރޭގައި އިންޑިޔާގެ މަޝްހޫރު ޕޮލިޓީޝަން ޖާޔާލަލީތާގެ ބައޮޕިކް "ތަލައިވީ" އާއި "ދަކާޅް" ފާހަގަކޮށްލެވެ އެވެ.

އެކްޓިން ހުނަރަށް ބަލާއިރު ތާޕްސީ ޕަންނޫ އަކީ ވެސް އެހެން ބަތަލާއިންނަށް ދޫކުރާނެ އެކްޓަރެއް ނޫނެވެ. އަންނަ އަހަރު ނުކުންނާނެ ތާޕްސީގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ "ރަޝްމީ ރޮކެޓް" އެވެ.

ޕަރިނީތީ ޗޯޕްޅާގެ ވެސް ވަރަށް ވަރުގަދަ ފިލްމެއް އަންނަ އަހަރު ނުކުންނާނެ އެވެ. ސައިނާ ނެހެވާލް ބައޮޕިކް އެވެ. މިއީ އިންޑިއާގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމަކަށް ވެފައި ޕަރިނީތީގެ ތައްޔާރީތައް ވަރުގަދަކަމުން ފިލްމުން ޕަރީނީތީ ވަރަށް ވިދާލާނެ ކަމަށް ބެލެވެ އެވެ.

ވިދްޔާ ބާލަންގެ އެކްޓިން ހުނަރަށް ބަލާއިރު އޭނާއާ ވާދަ ކޮށްލެވޭނެ ބަތަލާއަކު ވަރަށް މަދުވާނެ އެވެ. މޮޅު ރޯލެއް ދީފިނަމަ އެ ރޯލަކަށް އޭނާ ވަރަށް ފުރިހަމައަށް އިންސާފުކޮށްލާނެ އެވެ. އަންނަ އަހަރު ނުކުންނާނެ ވިދްޔާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ "ޝަކުންތަލާ ދޭވީ" އެވެ. ހިސާބު އިލްމަށް ކޮމްޕިއުޓަރެއް ފަދަ ކުޅަދާނަ އަންހެނެއް ކަމަށްވާ ޝަކުންތަލާގެ ބައޮޕިކް އެވެ.

މީގެ އިތުރުން ރާނީ މުކަރުޖީގެ "މަރްދާނީ 2" އާއި ޖާންވީ ކަޕޫރުގެ "ދަ ކާރްގިލް ގާލް" އަކީ ވެސް ކުރިޔަށް އޮތް އަހަރުގެ އެވޯޑް ޝޯތަކުގައި ވިދާލުމުގެ ފުރުސަތު އެ ބަތަލާއިންނަށް ލިބިގެންދާނެ ރޯލު ތަކެވެ.