ލައިފްސްޓައިލް

ދެ ދަރިންގެ ލޯ ހަދިޔާކުރި ހިތްވަރުގަދަ ބައްޕަ

އިންޑިއާގެ ކޮއިމްބަތޯރުގެ އަވަށެއްގައި މިދިޔަ ހޯމަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއެއްގައި އުސް ފާރެއް ވެއްޓުމުގެ ސަބަބުން ތިން ގެއެއް ވެއްޓި އެ ގޭގޭގައި އެވަގުތު ތިބި 17 މީހަކު މަރުވި އެވެ. މީގެ ތެރޭގައި ކުޑަ ތިން ކުދިން ވެސް ހިމެނުނެވެ. އޮފިޝަލުން ބުނެފައިވަނީ ފާރު ވެއްޓުނީ މާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ގަނބައިގެން ގޮސްގެން ކަމަށެވެ.

މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއްވީ އެކަކީ ސެލްވަރާޖް އެވެ. ފާރު ވެއްޓުމުގެ ސަބަބުން އޭނާގެ ފުރާވަރުގެ ދެ ދަރިން ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. ދެ ދަރިން މަރުވުމުގެ ހިތާމައިގައި ހުރި ނަމަވެސް ސެލްވަރާޖް ވަނީ ވަރަށް މުހިއްމު ނިންމުމެއް ނިންމާފަ އެވެ. އޭނާގެ ދެ ދަރިންގެ ލޯ އިންސާނިއްޔަތަށް ހަދިޔާ ކުރުމަށެވެ.

އަވަށުގެ މަގުމަތީގައި ކުޑަ ސައި ފިހާރައެއް ހިންގާ ސެލްވަރާޖްގެ ފިރިހެން ދަރިފުޅު ރާމަނާތަން މަރުވިއިރު އޭނާގެ އުމުރުން 15 އަހަރެވެ. އަންހެންދަރިފުޅު ނިވޭދާ އަށް 18 އަހަރެވެ. ފާރު ވެއްޓުނުއިރު އެކުދިން ތިބީ މަންމަ ފަރާތު ބޮޑުދައިތަގެ ގޭގައި ނިދާފަ އެވެ. ސެލްވެރާޖްގެ އަންހެނުން އަދި މި ދެބެންގެ މަންމަ ވެސް މީގެ ހަތް އަހަރު ކުރިން މަރުވީ ހަމަ މިގޮތަށް އެމީހުން ދިރިއުޅުނު ގޭގެ މައްޗަށް ފާރެއް ވެއްޓިގެންނެވެ. މަންމަ މަރުވުމަށްފަހު މި ދެބެން ދިރިއުޅެމުންދިޔައީ ބޮޑުދައިތަ އާއެކު ބޮޑުދައިތަގެ ގޭގަ އެވެ.

ނިވޭދާ އަކީ ކޮލެޖުގައި ޑިގްރީއަށް ކިޔަވަމުންދިޔަ ކުއްޖެކެވެ. ރާމަނާތަން ކިޔަވަމުން ދިޔައީ ގްރޭޑް 10 ގައެވެ.

ފާރު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް ހޮސްޕިޓަލުގައި ބަހައްޓާފައި ހުއްޓާ ސެލްވެރާޖް އާ ބައްދަލުކުރަން އަރަވިންދް އައި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް އައެވެ. އަދި އޭނާގެ ދެބެންގެ ލޯ ހަދިޔާކުރުމަށް އެދުނެވެ.

ސެލްވަރާޖް އެވަގުތު ހުރީ ހިތާމައިން ގޮސް ހިތްހަލާކުވެފައި ނަމަވެސް ވަގުތުން އޭނާ އެކަމަށް އެއްބަސްވި އެވެ.

"އަހަރެންގެ ދެބެންނަށް އެކުދިންގެ މަންމަ މީގެ ހަތް އަހަރު ކުރިން ހަމަ މިފަދަ ގޮތަކަށް ގެއްލުނީ. އެހެންވެ އޭގެ ފަހުން އެކުދިން ނިދަނީ ބޮޑުދައިތަގެ ގޭގައި. މަގޭ އަންހެންދަރިފުޅު އަބަދުވެސް ބުނާނެ ބޮޑުވެގެން ވާނީ ޕޮލިސް އޮފިސަރަކަށޭ. ނަމަވެސް ދަރިފުޅުގެ ހުރިހާ ހުވަފެންތަކެއް ވިއްސި ވިހާލިވެއްޖެ. އަހަރެންގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ވެއްޖެ،" ސެލްވަރާޖް ބުންޏެވެ.

ސެލްވަރާޖް ބުނި ގޮތުގައި ޑޮކްޓަރުން އެދުމުން ދެ ދަރިންގެ ލޯ ހަދިޔާކުރަން ނިންމީ އެ ކުދިން ދުނިޔޭގައި ނެތަސް އެކުދިންގެ ލޮލަށް ދުނިޔެ ފެނުމުގެ ނަސީބު ލިބޭނެތީ އެވެ.

އެ ކުދިންގެ ލޮލުން ކޮންމެވެސް އެހެން ބަޔަކަށް ދުނިޔޭގައި އުޅުމުގެ ނަސީބު ލިބުމަކީ ވެސް ސެލްވަރާޖް އަށް ލިބުނު ހިތްހަމަޖެހުމެކެވެ.